އެސްޓީއޯ ގުދަނުގެ އޮޕަރޭޝަން އަލުން ފަށައިފި
އެސްޓީއޯ ގުދަނުގެ އޮޕަރޭޝަން އަލުން ފަށައިފި

ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެސްޓީއޯ ކާޑު ގުދަނުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު އަލުން ފަށައިފި އެވެ.

އެސްޓީއޯގެ ކާދު ގުދަނުގެ ދެ މުވައްޒަފުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. އެ ވަގުތުން ފެށިގެން ގުދަނުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލީ އެތަން ޑިސްއިންފެކްޓު ކުރުމަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. ޑިސް އިންފެކްޓު ކުރުމަށްފަހު އެ ގުދަން އަލުން އޮޕްރޭޝަނަށް ގެނެސްފައިވަނީ މިއަދު މެންދުރު 1:30 ގަ އެވެ.

އެސްޓީއޯގެ ތަރުޖަމާނު އަބްދުﷲ މުހައްމަދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ގުދަނުގެ ބައެއް މުވައްޒަފުން މަސައްކަތް ކުރަނީ ލޮކްޑައުންގައި ތިބެ ކަމަށެވެ. އަދި މިވަގުތު ކަރަންޓީނުގައި ތިބި މުވައްޒަފުންގެ ހާލަތު ވަރަށް ގާތުން އެ ކުންފުނިން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާޑު ގުދަނުން ކޮންމެ ދުވަހަކު ވެސް އެކި ރަށްރަށަށާއި އެކި ފިހާރަތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ކާޑު އުފުލަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ވެސް 40،000 ބަސްތާގެ ކާޑު އަތޮޅު ތެރެއަށް ފޮނުވާފައިވެ އެވެ.

ކާޑު ގުދަނުން ޕޮޒިޓިވް ވި ދެ މީހުންނާއެކު އެސްޓީއޯއިން ކޮވިޑް- 19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ. އެއީ ހަތަރު ބިދޭސީންނާއި ދެ ދިވެހިންނެވެ. މި ކޭސްތަކާ ގުޅިގެން އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ހުރިހާ ވެހިކަލްތަކާއެކު މުވައްޒަފުން މަސައްކަތް ކުރާ ތަންތަން ވެސް ޑިސް އިންފެކްޓު ކޮށްފަ އެވެ.

ކާޑުގެ ބާވަތްތަކުގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ވެސް ރާއްޖެ ގެނައުމާއި މެޑިކަލް ސާމާނާއި ބޭސް ރާއްޖެ ގެނެސް، އެ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ވެެސް އެސްޓީއޯ ކުރެ އެވެ.