06 މެއި 2020 - 16:58

އުކާލުމަށް ޓަކައި ކުނި ބަންދުކުރުމުގައި ވެމްކޯއިން އިރުޝާދު ދީފައިވާވަރަށް ކޮތަޅު ބޭނުންކުރާ ނަމަ ރާއްޖެއަށް މިހާރު އެތެރެކޮށްފައިވާ ކޮތަޅުތައް މުޅިން ހުސްވެދާނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ޑެޕިއުޓީ ކަމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ހުރިހާ ލަންޗްބޮކްސް އާއި ޕްލާސްޓިމް ކޮތަޅު ރާއްޖޭން މަދުވެފައި ވާތީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެކަމަށް ހައްލެއް ހޯދަން މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ.
ލަންްޗްބޮކްސް އާއި ޕްލާސްޓިކް ކޮތަޅަކީ ތިިމާވެއްޓަށް ގެއްލުން ހުރ ބާވަތްތަކަށް ވާތީ އެ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ރާއްްޖޭގައި އޮންނަނީ ބޮޑުކޮށްފަ އެވެ. ޝަރީފް ވިދާޅުވީ އެބާވަތްތަކުގެ ޑިއުޓީ މިވަގުތަށް ލުއިކޮށްދެއްވާތޯ ކަސްޓަމްސް އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންނާ އެމްއީޑީއާ [މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް]އާ އެކީ މަސައްކަތް ކޮށްގެން ރައީސަށް ހުށަހަޅަންް މިއުޅެނީ އަސްލު މި ހާލަތުގައި އެކަން ކުރެވޭނެ ބަޔަކަށް އެ ފުރުސަތު ދީފިއްޔާ، މިސާލަކަށް ކޮވިޑްގެ މި ދެމިގެންދާ މުއްދަތަށް ޑިއުޓީގެ ރިލީފެއް ލިބިއްޖެެއްޔާ، އެ އިތުރަށް އިމްޕޯޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަަކަށް ވެސް އެ ހުޅުވައި ދެވުނީ،" ޝަރީފް ވިދާޅުވި އެވެ.
ލަންޗްބޮކްސް އާއި ކޮތަޅު މަދުވަނީ، އޭނާ ވިދާޅުވި ގޮތުގައި ކަރަންޓީނު ފެސިލިޓީތަކަށް ގިނަ އަދަދެއްގެ ލަންޗްބޮކްސްތައް ބޭނުންވުމާއި ކުނި އުކައިލުމަށް ގިނަ އަދަދެއްގެ ކޮތަޅު ބޭނުންވާތީ އެވެ. އެގޮތުން ތަފާސްހިސާބުތައް ބަލައި، ރާއްޖެ އަށް ކޮތަޅު އެތެރެކޮށްފައިވާ އަދަދު ކަސްޓަމްސް އިން ބެލި އިރު ކޮތަޅު ހުސްވެދާނެ ކަމަށް ފެންނަ ކަމަށެވެ.
"ގެނެވިފައި ހުރި އަަދަދުތަކަށް ބަލާއިރު ހަމަ ކޮތަޅުތައް ހުސްވެގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ވާތީވެ އެވެސް ހަމަ މިހަލަ ދުވަސްވަރެއްގައި މަގުމައްޗަށް ކުނިއެޅުމާ މިކަހަލަ އެންވަޔަރްމެންޓަލް އިޝޫސްތަކެއް ނުކުމެދާނެތީ އެކަމަށް ރިއާޔަތްކޮށް، އަޅުގަނޑުމެން ސްޓަޑީކޮށް އަޅުގަނޑުމެންނާ އެމްއީޑީއާ ކުރެވެމުންދާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.