06 މެއި 2020 - 16:26

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ގެނައި މެޑިކަލް އިކުއިޕްމެންޓްތަކުން ޖުމްލަ 9.6 މިލިއަން ރުފިޔާ މާފު ކޮށްދީފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.
މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދުވުމުގައި ޗީފް ކަސްޓަމްސް އޮފިސަރު އަލީ ޒުބައިރު ވިދާޅުވީ، މީގެ ތެރެއިން 3.4 މިލިއަން ރުފިޔާ މާފު ކޮށްދީފައިވަނީ ފޭސް މާސްކުން ކަމަށެވެ. މީގެ އިތުރުން ޑިސްއިންފެކްޓް ސާމާނުން 1.2 މިލިއަން ރުފިޔާގެ ޑިއުޓީ މާފު ކޮށްދީފައިވާ އިރު ރައްކާތެރިވުމަށް ބޭނުން ކުރާ އެހެނިހެން ސާމާނުން 4.9 މިލިއަން ރުފިޔާ ވަނީ ޑިއުޓީ އުނިކޮށްފައިވެ އެވެ.
"ކޮވިޑް-19 އާ ގުޅޭ ވަރަށް ގިނަ ސާމާނުތަކަކީ ސުން ރޭޓުން ޑިއުޓީ ނެގޭ ތަކެތި ވީމަ، އެތަކެތީގެ ޑިއުޓީ މާފްވި ތަކެތީގެ ތެރޭގައި ކައުންޓެއް ނުކުރާނެ. މިސާލަކަށް ހުރިހާ ވައްތަރެއްގެ ބޭހަކީ ސުން ރޭޓުން ޑިއުޓީ ނެގޭ ތަކެތި، ހުރިހާ ބާވަތެއްގެ މެޑިކަލް ސާމާނަކީ ސުން ރޭޓުން ޑިއުޓީ ނެގޭ ތަކެތި. އަދި ހުރިހާ ބާވަތެއްގެ ޓެކްސްޓައިލް ގާމެންޓަކީ ވެސް [ކޮވިޑް-19 ގައި ބޭނުން ކުރާ ސޫޓެއް ކަމަށްވިޔަސް] އެއްވެސް ސުން ރޭޓުން ޑިއުޓީ ނެގޭ އެއްޗެހި،" އޭނާ ވިދާޅުވި އެވެ.
ޒުބައިރު ވިދާޅުވީ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން ޕްރޮޓެކްޓިވް އިކުއިޕްމެންޓްތަކުގެ ތެރޭގައި ނުހިމެނޭ ސާމާނުން ވެސް ޑިއުޓީ މާފު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް 1.9 ބިލިއަން ރުފިޔާގެ މުދަތުން ޑިއުޓީ މާފް ކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތަކާއި ރިސޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު ވެސް ހިމެނެ އެވެ.
މި ޕްރެސް ކޮންފަރެންސްގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ އަބްދުﷲ ޝަރީފު ވިދާޅުވީ، އާންމުކޮށް ކަސްޓަމްސް އިން މުދާ ކްލިއާ ކުރުމަށް ނަގާ ވަގުތަށް ވުރެ އެތަށް ގުނައެއް އަވަހަށް މިދުވަސްވަރު މުދާ ކްލިއާ ކުރާ ކަަމަށެވެ. އެގޮތުން ދުވަހުން ދުވަހަށް މުދާ ކްލިއާ ކުރަން ނަން ނޯޓު ކުރާ ހުރިހާ ބައެއްގެ މުދާ މިހާރު ކްލިއާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެ ކުރާ މިންވަރު މަދުވި ނަމަވެސް އާންމުކޮށް އެތެރެ ކުރާ ކާބޯތަކެތީގެ ބާވަތްތައް މަދު ނުވާ ކަމަށެވެ. މީގެ އިތުރުން ބައެއް ބާވަތްތައް އެތެރެ ކުރުން ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.
"ކާޑުގެ ބާވަތްތަކުން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ 45 ޕަސެންޓްގެ ކުރިއެރުމެއް. އަދި ޕެޓްރޯލާ ޑީޒަލް އިމްޕޯޓު ކުރި މިންވަރު ވެސް 6 ޕަސެންޓް ކުރިއެރުމެއް އައިސްފައި މިވަނީ. ބިސް އިމްޕޯޓް ކުރި މިންވަރު ވެސް ފަސް ޕަސެންޓް ކުރިއެރުމެއް އައިސްފައިވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިދުވަސްވަރު އިމްޕޯޓު ކުރުން އެންމެ ބޮޑަށް ދަށްވެފައިވަނީ ރަލާއި އޫރު މަހާއި އޭވިއޭޝަނަށް ބޭނުންވާ ސާމާނު ކަމަށެވެ. މިތަކެތި ދަށްވެފައިވަނީ ރާއްޖޭގެ ގިނަ ރިސޯޓުތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލައިފައި އޮތުމުންނެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 12 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. ހަމައެއާ އެކު އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ލިބިފައިވެ އެވެ.