31 މެއި 2016 - 19:00

މިއުނިކް (މޭ 31) - އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ޖަރުމަނުގެ ފައިނަލް ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ ޖާގަދިންއިރު، ބޮރޫޝިއާ ޑޯޓްމަންޑްގެ މާކޯ ރެއުސް ބާކިވެއްޖެ އެވެ.

ޖަރުމަނުގެ ކޯޗު ޔޯކިމް ލޯވް ބުނީ ރެއުސް ބާކީކުރީ އަނިޔާގެ މައްސަލަ އޭނާ އަށް ދިމާވެފައިވާތީ އެ ޓީމުގެ މެޑިކަލް ސްޓާފުންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"ރެއުސް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް. އެކަމަކު ކުރު މުއްދަތުގެ މުބާރާތަކަށް ދާއިރު އެބަވިސްނަން ޖެހޭ. އެންމެ ރަނގަޅަށް ފިޓްކޮށް ހުރި ކުޅުންތެރިން ޓީމަށް ނަގަން. އެއީ އެންމެ ކުޅުންތެރިޔަކަށް އަނިޔާގެ މައްސަަލަ ދިމާވިޔަސް އެއީ ޓީމަށް ލިބޭނެ ގެއްލުމެއް. މެޑިކަލް ސްޓާފުންދިން ލަފަޔަށް ބަލާއިރު ރެއުސްގެ ފިޓްނަސް ހުރީ އެންމެ ރަނގަޅު ލެވެލެއްގައެއް ނޫން،" ލޯވް ބުންޏެވެ.
ރެއުސް ސްކޮޑުން ބާކީކުރިއިރު މިއަދަކީ އޭނާގެ 27 ވަނަ އުފަން ދުވަހެވެ. އަނިޔާގެ ސަބަބުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ވެސް ރެއުސް އަށް ގެއްލުނުއިރު، މި ފަހަރު ޔޫރޯގައި އޭނާ ނުފެންނާނެ އެވެ.
ޝްވައިންސްޓައިގާ އަކީ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ ގިނަ މެޗުތަކެއްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުނު ކުޅުންތެރިޔެކެވެ. އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނުއިރު ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނީ 10 މެޗެވެ.
ކީޕަރުން: މެނުއަލް ނޯޔާ (ބަޔާން މިއުނިކް)، ބާނާޑް ލެނޯ (ބަޔާން ލެވަކޫސަން)، މާކް ސްޓޭގެން (ބާސެލޯނާ)
ޑިފެންޑަރުން: ޖެރޯމް ބޯޓެން (ބަޔާން މިއުނިކް)، އެމްރޭ ޗޭން (ލިވަޕޫލް)، ޔޮނަސް ހެކްޓާ (ކޮލްން)، ބެނެޑިކް ހޮވޭޑެސް (ޝާލްކޭ)، މެޓް ހަމެލްސް (ބޮރޫޝިއާ ޑޯޓްމަންޑް)، ޝޮރްޑަން މުސްތާފީ (ވެލެންސިއާ)، އެންޓޯނިއޯ ރުއެޑްގާ (ރޯމާ)
މިޑްފީލްޑަރުން: ޖޫލިއަން ޑްރެެކްސްލާ (ޝާލްކޭ)، ސެމީ ކެޑީރާ (ޔުވެންޓަސް)، ޔޯޝުއާ ކިމިޗް (ބަޔާން މިއުނިކް)، ޓޮނީ ކްރޫސް (ރެއާލް މެޑްރިޑް)، ތޯމަސް މުލާ (ބަޔާން މިއުނިކް)، މެސުޓް އޮޒިލް (އާސެނަލް)، ލޫކަސް ޕޮޑޯލްސްކީ (ގަލަސަތަރާއީ)، އަންދުރޭ ޝޫލާ (ވުލްފްސްބާގް)، ބަސްޓިއަން ޝްވައިސްޓައިގާ (މެންޗެސްޓާ ޔުނައިޓެޑް)، ޖޫލިއަން ވެއިލް (ބޮރޫޝިއާ ޑޯޓްމަންޑް)
ފޯވާޑުން: މާރިއޯ ގޯމޭޒް (ބެސިކްޓާސް)، ލިރޯއީ ސާނޭ (ޝާލްކޭ)، މާރިއޯ ގޮޓްޒާ (ބަޔާން މިއުނިކް)