ކޮވިޑް-19 އާ އެކު ވެލާނާ އެއާޕޯޓްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި
ކޮވިޑް-19 އާ އެކު ވެލާނާ އެއާޕޯޓްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކިއޫގައި ޖެހޭ ހުރިހާ ތަނެއްގައި "ސޯޝަލް ޑިސްޓެންސިން" ގާއިމްކޮށްފި އެވެ.

އެގޮތުން ޓިކެޓް ކައުންޓަރުތަކާއި ޗެކިން ވުމަށްޓަކައި ލަގޭޖާއި ޕެސެންޖަރުން ސްކީނު ކުރާ ސަރަހައްދުގައި ވެސް ތިން ފޫޓު ދުރު މިނުގެ ޖާގަތައް ފެންނާނެހެން ވަނީ މާކުކޮށްފަ އެވެ. އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓުގެ ކައުންޓަރުތައް ހުންނަ ސަރަހައްދުގައި ވެސް ތިން ފޫޓުގެ ދުރުމިން އެނގޭ ގޮތަށް ވަނީ ފްލޯގައި ސްޓިކާ ހަރުކޮށްފަ އެވެ.

އެމްއޭސީއެލް އިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ހުރިހާ ކައުންޓަރެއްގައި ވެސް ހަތަރު ފޫޓުގެ ގްލާސް ޝީޓުގެ ސްކީނުތައް ވެސް ހަރުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް އެއާޕޯޓުގެ ގޮނޑި، މޭޒު، ކައުންޓަރުތަކުގެ އިތުރުން ފްލޯ އާއި މަގުތައް ވެސް އަންނަނީ ޑިސްއިންފެކްޓް ކުރަމުންނެވެ.

އެއާޕޯޓުގެ އާންމު އޮޕަރޭޝަންތައް ނުހިންގި ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާ ކާގޯ ފްލައިޓްތަކާއި ޗާޓާ ފްލައިޓްތަކުގެ ކަންކަން ބެލެހެއްޓުމުގައި އެކުންފުނިން މުވައްޒަފުން ހަރަކާތްތެރިވެ އެވެ. މިގޮތުން އެއާޕޯޓަށް ޖައްސާ ބޯޓުތައް ވެސް އެއާޕޯޓުގެ ފަޔާމަނުންގެ އެހީގައި ޑިސްއިންފެކްޓް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓުގެ އާންމު އޮޕަރޭޝަންތައް ހުއްޓާލީ މިދިޔަ މާޗް މަހުގެ ފަހުކޮޅު އެވެ.