އުގައިލް ފައުންޑޭޝަންގެ ޑެލިވަރީ ސިސްޓަމް ހަތަރު ސަރަހައްދަކަށް
އުގައިލް ފައުންޑޭޝަންގެ ޑެލިވަރީ ސިސްޓަމް ހަތަރު ސަރަހައްދަކަށް

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ފިހާރަތަކުން ގޭގެ އަށް ޑެލިވަރީ ކުރުމަށް ބާރު އަޅާތީ، އައްޑޫ ސިޓީ ކައުންސިލާއި ޕްރޮފެސަރު ހަސަން އުގައިލްގެ ފައުންޑޭޝަން ގުޅިގެން އުފެއްދި އޮންލައިން ޑެލިވަރީ ޕްލެޓްފޯމް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

މިހާރަށް ވުރެ ފަސޭހަކޮށް ހިލޭ ވައިބާ މެރުވެރިކޮށް، އޯޑަރުކޮށް، ޑެލިވަރީގެ ހިދުމަތް ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ "ލިންކިޓް" ޕްލެޓްފޯމް އައްޑޫގެ އިތުރުން ހުޅުމާލެ އާއި ގއ. ވިިލިނގިއްޔާއި ޅ. ހިންނަވަރުގައި ބޭނުންކުރެވޭނެ ކަމަށް އުގައިލް ފައުންޑޭޝަނުން ބުންޏެވެ.

"ލިންކިޓް" ބޭނުންކުރަން ފެށުމާ ދިމާކޮށް، ޑެލިވަރީގެ ހިދުމަތަށް ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށް ވަނީ ވަކިވަކިން ޕްލެޓްފޯމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އުގައިލް ފައުންޑޭޝަނުން ބުނިގޮތުގައި "ލިންކިޓް" ރާއްޖޭގެ ވީހާ ވެސް ގިނަ ސަރަހައްދެއްގައި ބޭނުންކުރެވޭނެ ގޮތް ކުރިއަށް އިތް ދުވަސްތަކުގައި ހަމަޖެހޭނެ އެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ، އައްޑޫ ހިތަދު އަށް އުފަން އުގައިލް ވިދާޅުވީ "ލިންކިޓް" އަކީ ޑެލިވަރީގެ ހިދުމަތް ހޯދުމުގައި ވަރަށް ބޮޑުތަނުން ފަސޭހަވާނެ ޕްލެޓްފޯމެއް ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައިހެން މިހާރު ކަސްޓަމަރުން ވިޔަފާރި ކުރުމުގައި ބަރޯސާވާން ޖެހިފައި ވަނީ ޑެލިވަރީ އަށެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް ހޯދުމުގައި ދަތިތަކެއް ހުރިކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.