06 މެއި 2020 - 11:13

ރ. ވާދު އަށް ރޭ ފަތިހު ބާރުގަދަ ކޮޅިގަނޑެއް އަރައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ޔާމީން "މިހާރު" އަށް މިއަދު ވިދާޅުވީ ރޭ ފަރިހު ފަހެއް ޖަހާކަންހާއިރު އައި އެ ކޮޅިގަނޑުގައި 3-4 ގެ އަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އެ ގެތައް ދެން މަރާމާތު ކޮށްގެން ވެސް ނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
"ވަރަށް އާދަޔާ ހިލާފަށް ގަދައަށް ގުގުރާފައި ހިނގި ކަމެއް. ގިނަ ގަސްތައް ބުޑުން ނެއްޓިފައި ހުރީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެ ހަތަރު ގޭގެ އިތުރުން އެހެން ގެތަކާއި ބައެއް އިމާރާތްތަކުގެ ފުރާޅުތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. މީގެ އިތުރުން ދޯނި ބަންނަ ފައިބަރު ހަރުގެތަކަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.
ގެތަކުގެ އިތުރުން ބޮޑެތި ބިޔަ ގަސްގަސް ވެސް ވަނީ ބުޑުން ނެއްޓިފައި އެވެ. އޭގެ ތެރޭގައި ނިކަ ގަހާއި ބަނބުކެޔޮ ގަސް އަދި ޖަނބުރޯލް ގަސްތައް ހިމެނޭ ކަމަށް ޔާމިން ވިދާޅުވި އެވެ. ބަނދަރުގައި ހުރި ނެރު ބައްތިއެއް ވެސް ވެއްޓިފައި ވާ އިރު، ސިޔާސީ ޖަގަހައެއްގެ ލައުޑް ސްޕީކަރު ބަހައްޓަން ހަދާފައި ހުރި ޓަވަރު ވެސް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކޮޅިގަނޑުގެ ސަބަބުން ގެއްލުންވި ގެ ތަކުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކައުންސިލުން ގޮވާލުމުން ގިނަ ބަޔަކު ނުކުތް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށް ދަނީ ފުރާޅުތައް މަރާމާތުކުރުމާއި ވެއްޓިފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެއްލުންވި ގެތަކުގެ މީހުންނަށް [އެ ގެތަކުގައި] މިރޭ ނިދޭވަރު ކުރާނަން،" ޔާމިން ވިދާޅުވި އެވެ.
މިއީ، ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން މީގެ ކުރިން ބުނެފައި ވެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ކުރާ ވިއްސާރަ އަކީ އޭގެ ސަބަބުން ކުރާ ވިއްސާރަ އެވެ. ހުޅަނގު މޫސުން އާންމުކޮށް ފަށާނީ މި މަހުގެ މެދުތެރެއެއް ހާ ހިސާބުން ކަމަށް ވެ އެވެ.