މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރޭކަން ހާމަވެއްޖެ
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރޭކަން ހާމަވެއްޖެ

ދުނިޔޭގެ އެކި ހިސާބުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 7،600 މީހެއްގެ ޖެނެޓިކް އެނަލިލިސް ހެދި އިރު، މި ވައިރަސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން، ހަލުވިކަމާ އެކު މުޅި ދުނިޔެ އަށް ފެތުރެން ފަށާފައިވާކަން ހާމަވެއްޖެ އެވެ.

މި ދިރާސާކުރި އިނގިރޭސި ވިލާތުގެ ދިރާސާ ޓީމުން ވަނީ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް މިއުޓޭޓްވަމުން އަންނަ ގޮތް ދެނެގެންފަ އެވެ. އެ ޓީމަށް އެނގުނު ގޮތުގައި ވައިރަސް ވަނީ ވަރަށް ހަލުވިކޮށް ފެތުރިފަ އެވެ. އެކަމަކު ވައިރަސް މިއުޓޭޓްވެފައިވާ ގޮތަށް ބަލާއިރު މި ވައިރަސް ކުރިއަށްވުރެ ފަސޭއިން ޖެހޭ ގޮތަށް ބަދަލުވާ ކަމުގެ އަދި އިތުރަށް ނުރައްކާ ކަމުގެ ހެއްކެއް ނެތް ކަމަށް ބުންޏެވެ.

"ވައިރަހަށް ބަދަލު އެބަ އާދޭ. އެކަމަކު އޭގެ މާނަ އަކީ އިތުރަށް ނުރައްކާވުމެއް ނޫން،" ޔުނިވަސިޓީ ކޮލެޖް ލަންޑަން ޖެނެޓިކްސް އިންސްޓިޓިއުޓްގެ ޖެނެޓިކް ރީސާޗާ ފްރާންސްވާ ބަލޫ ސީއެންއެން އަށް ވިދާޅުވި އެވެ.

ބަލޫ އާއި އޭނާގެ ޓީމުން މި ދިރާސާކުރުމަށް ދުނިޔޭގެ ހުރިހާ ހިސާބަކުން ހިއްސާވާ ބިޔަ ވައިރަސް ޑޭޓާބޭސް ވަނީ ބޭނުންކޮށްފަ އެވެ. އެ ޓީމުން ވަނީ އެކި ގައުމުތަކުގައި އެކި ދުވަސްވަރު މީހުންގެ ހަށިގަނޑުން ނަގާފައިވާ ސާމްޕަލްތައް ދިރާސާކޮށްފަ އެވެ. މި ހޯދުމުން އެނގުނީ މިދިޔަ އަހަރު ނިމުނު ހިސާބުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ބަލި ފެތުރެން ފަށާފައިވާ ކަމަށެވެ.

ދިރާސާ ޓީމުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ މިހާރު މި ފެތުރޭ ކޮރޯނާވައިރަސް ދެނެގަނެވުމުގެ މާ ކުރިން ވެސް ވައިރަސް ފެތުރި އެތައް ބަޔަކަށް ބަލި ޖެހި ރަނގަޅުވެފައި ވެދާނެ ކަމަށް ކުރާ ލަފާތައް ތެދު ނޫންކަން މިހާރު ޔަގީންވާ ކަމަށެވެ. އެ ޓީމުން މިހެން ބުނެފައިވަނީ ނޭނގި ތިބެ އާބާދީގެ ބޮޑު ބަޔަކަށް ވައިރަސް އަރައި އެޔަށް އިމިއުން ވެފައިވުން އެކަށީގެންވާ ކަމަށް ބައެއް ޑޮކްޓަރުން ގަބޫލުކުރާތީ އެވެ.

"އެންމެން ވެސް، އަޅުގަނޑު ވެސް އުންމީދުކުރީ އެގޮތަށް،" ބަލޫ ވިދާޅުވި އެވެ.

ބަލޫ ވިދާޅުވީ ޖަނަވާރެއްގެ ފަރާތުން އިންސާނުންނަށް ވައިރަސް އަރައި މި ވައިރަސް އިންސާނުންގެ ތެރޭގައި ފެތުރެން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ކަމަށް ދިރާސާ އިން ހެކިދޭ ކަމަށާއި އެހެންވެ މި ހޭދަވި މުއްދަތަކީ އެހާ ގިނަ ދުވަސް ނޫން ކަމަށެވެ.

އާ ދިރާސާ އިން ވަނީ އެމެރިކާ އާއި ޔޫރަޕްގައި ކޮވިޑް-19 ފެތުރެން ފެށިކަން އެނގުމުގެ އެތައް މަހެއް ކުރިން އެ ގައުމުތަކުގައި ވެސް މި ބަލި ފެތުރެމުން ދިޔަ ކަމުގެ ޖެނެޓިކް ހެކި ހޯދައިފަ އެވެ. އެގޮތުން ޖެނުއަރީ އާއި ފެބްރުއަރީގައި ވެސް ކޭސްތައް އެބަހުރި ކަމަށާއި އެހެންވެ އެއިން އެއްވެސް ގައުމަކުން މި ބަލި އެންމެ ފުރަތަމަ ޖެހުނު މީހަކު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، ދިރާސާގައި އިސްކޮށް ހުންނެވި ބަލޫ ވިދާޅުވި އެވެ.

"ޕޭޝަންޓް ޒީރޯ [އެންމެ ފުރަތަމަ ބަލި ޖެހުނު މީހާ] ހޯދަން މަސައްކަތްކުރުމަކީ ބޭކާރު ކަމެއް. އެއީ އެތައް ބައިވަރު ޕޭޝަންޓް ޒީރޯއެއް އުޅޭތީ،" އޭނާ ވިދާޅުވި އެވެ.

ބަލޫ އާއި އޭނާގެ ޓީމުގެ ދިރާސާ ޝާއިއުކުރީ ތަޖުރިބާކާރުންގެ އެހެން ޓީމަކުން ބަލައި [ޕިއާ ރިވިއުކޮށް] ފަ އެވެ. އޭނާ ވިދާޅުވީ ރިޕޯޓް ރަސްމީކޮށް އާންމުކުރުމުގެ ކުރިން ބައެއް މީހުން މި ދިރާސާ އަށް ބިނާކޮށް ސައްހަ ނޫން މައުލޫމާތު ހާމަކޮށްފައިވާ ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ، ވައިރަސް ނުރައްކާވެ މިހާރަށް ވުރެ ވެސް ފަސޭހައިން ޖެހޭ ގޮތަށް މިއުޓޭޓްވަމުންދާ ކަމަށް ބައެއް މީޑިއާތަކުން މި ދިރާސާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާތީ އެވެ.

އަލަށް މި ފެތުރޭ ކޮރޯނާވައިރަސް އުޅޭކަން އެންމެ ފުރަތަމަ ރިޕޯޓްކުރީ ޗައިނާގެ ވޫހާން އިންނެެވެ. އޭގެ ފަހުން އެކި ގައުމުތަކުން ބަލި ފެނި މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. މިހާތަނަށް 3.7 މިލިއަން މީހުން މި ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އަދި 1.2 މިލިއަން މީހުން ވަނީ ރަނގަޅުވެފަ އެވެ. ބަލީގައި މަރުވި މީހުންގެ އަދަދު 257،000 އަށް ވުރެ ގިނަ އެވެ.