ކިއާރާ އަދުވާނީ ބުނަނީ ވަރަށް މީރުކޮށް ކައްކާ ކަމަށް
ކިއާރާ އަދުވާނީ ބުނަނީ ވަރަށް މީރުކޮށް ކައްކާ ކަމަށް

ވަރަށް މީރުކޮށް ކައްކާ ކަމަށާއި ކެއުމަށް އަބަދުވެސް ވަރަށް ލޯބިކުރާ ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކިއާރާ ބުނީ އޭނާ އަކީ އަބަދު ވެސް ގޭގައި ކައްކާ ކާނާތަކަށް ވަރަށް ލޯބިކުރާ މީހެއް ކަމަށެވެ. އަދި ކެއްކުމަށް އަބަދުވެސް ވަރަށް ގަޔާވާ ކަމަށް ބުންޏެވެ.

"އަހަންނަކީ ފުޑީއެއް. އެހެންވެ އެކި ކަހަލަ ކެއުންތަކަށް އަބަދު ވެސް ލޯބިކުރަން. އެކަމަކު ގޭގައި ތައްޔާރުކުރާ އެއްޗެހި އަބަދުވެސް ވަރަށް ހާއްސަ،" ފިލްމު "ފަގްލީ" އިން 2014 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.

ކިއާރާ ބުނިގޮތުގައި މިހާރު އިންޑިއާގެ ކޮންމެ ކެއުމެއް ވެސް ތައްޔާރުކޮށްލުމަކީ އޭނާ އަށް މާ ބޮޑު ކަމެއް ނޫނެވެ. އޭގެ އިތުރުން އެކި ކަހަލަ ކޭކާއި ކުކީޒް އާއި ކެރަޓް ހަލުވާ ކަހަލަ އެއްޗިއްސަކީ ވަރަށް އާންމުކޮށް ތައްޔާރުކުރާ އެއްޗެހި ކަމަށް ބުންޏެވެ.

"ނަން ބުނެލުން އޮންނާނީ ހަމަ ވަރަށް މީރުކޮށް އިންޑިއާގެ ކޮންމެ ކެއުމެއް ވެސް ތައްޔާރުކުރާނަން. އަދި އެއީ އަހަރެން ވަރަށް ފަހުރުވެރިވާ ކަމެއް،" އޭނާ ބުންޏެވެ. "ދެން އަނެއްކާ މި ލޮކްޑައުންތެރޭގައި އަބަދު ގޭގައި އިންނަން ޖެހުމަކީ ކެއްކުމުގެ ހުނަރު އިތުރަށް ތަރައްގީކޮށްލަން މަގުފަހިވި ކަމެއް. ލޯބިކުރާ ކަމެއްގެ ތެރޭގައި އުޅުމަކީ އަބަދުވެސް އަހަންނަށް އުފާވެރިކަން އިހުސާސްކުރެވޭ ކަމެއް."

ކިއާރާ އަކީ ބޮލީވުޑް މިހާރު އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ބަތަލާ އެވެ. މިދިޔަ އަހަރު "ގުޑް ނިއުޒް" އާއި "ކަބީރު ސިންގް" އިން ފެނުނު ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލަކްޝްމީ ބޮމް" އާއި "ޝޭރްޝާހް" އާއި "ބޫލް ބުލައްޔާ 2" އަދި "އިންދޫ ކީ ޖަވާނީ" ހިމެނެ އެވެ.

ކިއާރާ އެންމެ ފަހުން ފެނިފައި ވަނީ ޖެނުއަރީ މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި "ގިލްޓީ" އިންނެވެ.