07 މެއި 2020 - 09:39

މާލޭގައި ކޮވިޑް-19 ފެތުރި ފެނުނު ބޮޑެތި ކްލަސްޓާސްތަކުގެ ތެރޭގައި ހިމެނުނު މީހުންގެ ތެރެއިން ކުރިން ބަލި ޖެހި ރަނގަޅުވެފައި ވަނީ ކޮން ބައެއްތޯ ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓް ހެދި ކަމަށާއި އެކަމަކު އެ ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެގަތުމަށް ދެން ވެސް ރާއްޖޭގައި ހަދާނީ ޕީސީއާރު ޓެސްޓު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މާލެތެރޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، އެންމެ ކުރިއްސުރެ ފެށިގެން އެ ބަލި ޖެހި ރަނގަޅު ވެފައިވާ މީހުން ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓް ނުހަދަނީ ކީއްވެތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިކަމާ ގުޅޭ ގޮތުން މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ވިދާޅުވީ އެންޓިބޮޑީ ޓެސްޓް ހަދައިގެން، ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެގަނެ ފިޔަވަޅު އަޅަން ގޮންޖެހުންތަކެއް ހުންނަ ކަމަށެވެ. އޭގެ ބަދަލުގައި، ރާއްޖޭގައި ޕީސީއާރު ޓެސްޓު ހަދަނީ، އެއީ ބަލި ޖެހިފައިވާ ނަމަ 95 ޕަސެންޓު ޔަގީންކަމާ އެކު ދެނަގަނެވޭނެ ޓެސްޓަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.
ކަރު ތެރެއިން ނުވަތަ ނޭފަތުން ނަގާ ސާމްޕަލްތަކުން ރާއްޖޭގައި ފުރަތަމަ ހަދަނީ ޕޭން ކޮރޯނާ އަށް ސްކްރީން ޓެސްޓެކެވެ. އެއީ، އަލަށް ފެތުރިގެން މި އުޅޭ ކޮރޯނާވައިރަސްގެ އިތުރުން އެހެން ކޮރޯނާވައިރަސްތަކެއް ވެސް ކުރިން ފެތުރިފައިވާތީ އެވެ. މިހާރުގެ ކޮރޯނާވައިރަސް އިން ޖެހޭ ބަލި ކަމަށްވާ، ކޮވިޑް-19 އަށް ޕޮޒިޓިވްތޯ ނުވަތަ ނޫންތޯ ބެލުމަށް ޕީސީއާރު ޓެސްޓު ކުރަނީ، ޕޭން ކޮރޯނާ އަށް ހަދާ ސްކްރީން ޕޮޒިޓިވް ވުމުން، އޭގެ ފަހުންނެވެ.
"ޕީސީއާރު ޓެސްޓުން މި ޑިޓެކްޓް ކުރަނީ ވައިރަސް. އެންޓިބޮޑީ ޓެސްޓުން މި އެނގެނީ ވައިރަސް ހަށިގަނޑަށް ގޮސް، ހަށިގަނޑުގެ ދިފާއީ ނިޒާމުން އެއާ ދެކޮޅަށް ދިފާއީ ބާރު އުފެއްދުމުން، އެ ޕްރޮސެސް އަށް ވަގުތު ނަގާނެ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީސީއާރު ޓެސްޓުން އޭ ސިމްޕްޓޮމެޓިކް ނުވަތަ ހައިރިސްކް މީހުން ބޮޑަށް ދެނެގަނެވެ އެވެ. އެކަމަކު އެންޓިބޮޑީ ޓެސްޓުގައި، އެންޓިބޮޑީ ދައްކަނީ އިންފެކްޝަން ޖެހޭތާ ގާތްގަނޑަކަށް 7-10 ތެރޭގައި ކަމަށާއި އެ ޓެސްޓުގައި އެ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހޭނެތޯ ނުވަތަ ނޫންތޯ ދެނެނުގަނެވޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"އެންޓި ބޮޑީ ޓެސްޓުގެ ވެލިއުއެއް އަތުވެދާނެ ގާތްގަނޑަކަށް ކިތައް މީހުންނަށްތޯ ބަލި ޖެހިފައި ތިބީ ޑިޓެކްޓް ކުރަން. ބައެއް މީހުންގެ އަޅުގަނޑުމެން ޓެސްޓްކުރިން، ކްލަސްޓާއެއް ފެނުނީމާ އޭގެ ތެރެއިން ކޮން ބަޔަކަށްތޯ ކުރިން ނޫނީ ފަހުން ބަލި ޖެހިފައި ތިބީ ބަލަން. ކުރިން ޖެހިފައި ތިބި މީހުންގެ އެންޓިބޮޑީ ޕޮޒިޓިވް ވެދާނެ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ބަލި ޖެހިފައި ތިބި މީހުން އަވަހަށް ދެނެގަނެވޭނީ ޕީސީއާރު ޓެސްޓުންނެވެ.
"ޑަބްލިއުއެޗްއޯ އިން [ހޯމަ ދުވަހު] ވެސް އެބައޮތް ގައިޑެންސް ލިބިފައި އެންޓިބޮޑީ ޓެސްޓިން އަކީ އެ ގޮތަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫންކަމަށް،" ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅޭ ގޮތުން ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވެސް ވިދާޅުވީ އެންޓިބޮޑީ ޓެސްޓުތަކުގައި އާއްމުކޮށް ހަތް ދުވަސް ފަހުން ޕޮޒިޓިވްވެ، ބަލި ކޮންޓްރޯލްކުރަން ފަހަތަށް ދާން ޖެހޭއިރު 7-10 ދުވަހުގެ ކޮންޓެކްޓް ޓްރޭސިންއެއް ނުހެދި އޮންނާނެ ކަމަށެވެ.
"އެހެންވެ މިހާރު އަމަލުކުރާ ގޮތަކީ ޓެސްޓް ހަދާފައި ޑައިގްނޯސްކޮށްފައި، ވީހާ ވެސް އަވަހަކަށް ކަރަންޓީންކުރުން. ބަލި ކޮންޓްރޯލްކުރަން މި ގެންގުޅޭ މޮޑެލްއަކީ މިއީ،" އަލީ ވިދާޅުވި އެވެ.
ބަލި ޖެހފައި ތިބި މީހުން އަވަހަށް ދެނެގަންނަނީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ. ބަލި ޖެހިފައި ހުރުމުން ފަރުވާ ބޭނުންވާ މީހުންނަށް އެކަން ކުރިއަށް ގެންދިއުމާއި އެ މީހުން ފަރާތުން އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު ކުޑަކުރަން އެކަހެރި ކުރުމެވެ.
"އެ މަގްސަދު ހާސިލެއް ނުވެއެއް ނޫންތޯ 10 ދުވަސް ފަހުން ޕޮޒިޓިވްވާ [އެންޓި ބޮޑީ] ޓެސްޓަކުން،" ނަޒްލާ ވިދާޅުވި އެވެ.
މިދިޔަ އެޕްރީލް މަހުގެ 15 ގައި މާލެ އިން ބަލި ޖެހިފައިވާ މީހަކު ފެނުނު ފަހުން، ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 600 އަށް ވުރެ މަތިވެފަ އެވެ. މި. ބަލީގައި ދިވެއްސަކާއި ބިދޭސީއަކު ވަނީ މަރުވެފަ އެވެ. ބިދޭސީ މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުންނެވެ.