06 މެއި 2020 - 15:19

ވޮޝިންޓަން (މެއި 6) - ކޮރޯނާވައިރަހަކީ ޗައިނާގެ ލެބޯޓްރީއެއްގައި އުފެއްދި އެއްޗެއްކަމުގެ ސައެންޓިފިކް އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
"ވާލުގައި ވައިރަސްގެ އިވޮލިއުޝަނަށް ބަލާއިރު ސައެންޓިފިކް ގޮތުން ހެކި ދެއްކޭނެ އެއީ ބަޔަކަށް އަމިއްލަ އަށް އުފެއްދޭނެ އެއްޗެއް ނޫންކަން،" ފައުޗީ ވިދާޅުވި އެވެ.
ޑރ. ފައުޗީ ހެއްކާ އެކު އެހެން ވިދާޅުވި ނަމަވެސް އެމެރިކާގެ އެންމެ އިސް ސައެންޓިސްޓިކުގެ ވާހަކަތައް ދޮގު ކުރައްވައި ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ވައިރޮލޮޖީ ލެބެއްގައި އުފައްދާ ދޫކުރި އެއްޗެއް ކަމަށް ވިދާޅުވަމުންނެވެ. ޓްރަމްޕްގެ ވާހަކަތަކަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނުދެއްކެވި ނަމަވެސް ވިދާޅުވަމުން ގެންދަވަނީ އެކަމުގެ ހަގީގަތް ވަރަށް އަވަހަށް ހާމަކޮށްދެއްވާނެ ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް އާދިއްތަ ދުވަހު ވިދާޅުވެފައި ވަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ލެބެއްގައި އުފެއްދި އެއްޗެއްކަމުގެ އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ.
ވޫހާން އިންސްޓްޓިއުޓް އޮފް ވައިރޮލޮޖީ އިން ވަނީ ޓްރަމްޕުގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ގިނަ ތަޖްރިބާރުން ގަބޫލް ކުރަނީ ކޮރޯނާވައިރަހަކީ ވޫހާން ސިޓީގެ ވަލު ޖަނަވާރު މާރުކޭޓަކުން އިންސާނުންގެ ގަޔަށް ވާސިލްވި ވައިރަހެއް ކަމަށެވެ.