ބާޒާރުމަތި ކްލަސްޓާ: ބަލީގެ އަލާމާތްތަކާ އެކު ވެސް މަސައްކަތަށް ނުކުތް!
ބާޒާރުމަތި ކްލަސްޓާ: ބަލީގެ އަލާމާތްތަކާ އެކު ވެސް މަސައްކަތަށް ނުކުތް!

މާލޭގައި ކޮވިޑް-19 ފެތުރުނު އަވަސް މިނުގައި، އެންމެ ބޮޑުވީ ބާޒާރުމަތި ނުވަތަ (ބީޒެޑްއެމް) ކްލަސްޓާ އެވެ. އެ ކްލަސްޓާގެ ގިނަ ބަޔަކު ޕޮޒިޓިވްވި އިރު އެންމެ ގިނަ ބަޔަކު އެކަކު އަނެކަކާ ގާތުން ބައްދަލުވެފައި ވަނީ ވެސް މި ކްލަސްޓާގަ އެވެ. ކޮންޓެކްޓް ޓްރޭސިންގައި މިހާތަނަށް ހޯދުނު މައުލޫމާތުތަކުގައި އެންމެ ކަންބޮޑުވާން ޖެހޭ އެއް ކަމަކީ ބަލީގެ އަލާމާތްތަކާ އެކު ވެސް ބައެއް މީހުން ވަޒީފާ އަށް ނުކުތުމެވެ!

ބާޒާރުމަތި ކްލަސްޓާ: ބަލީގެ އަލާމާތްތަކާ އެކު ވެސް މަސައްކަތަށް ނުކުތް!
ބާޒާރުމަތި ކްލަސްޓާ: ބަލީގެ އަލާމާތްތަކާ އެކު ވެސް މަސައްކަތަށް ނުކުތް!

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގް މިދިޔަ ހޯމަދުވަހު "މިހާރު" އަށް ވިދާޅުވީ ބަލީގެ އަލާމާތްތަކާ އެކު މާސްކް ފަދަ ރައްކާތެރި ކަމުގެ އެއްވެސް ފިޔަވަޅަކަށް ސަމާލުކަން ނުދީ ގިނަ ދުވަސްތަކެއް ވަންދެން ބައެއް މީހުން ވަޒީފާ އަށް ނުކުތް ކަން ބާޒާރުމަތި ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވުނު ކަމަށެވެ.

މާލެ ލޮކްޑައުންކޮށްފައި އޮތްއިރު ވިޔަފާރީގައި އެންމެ ހަރަކާތްތެރިވެ އުޅެނީ ބާޒާރުމަތީގައި ކަމަށް ވާތީ އެއީ ހައި ރިސްކް ސަރަހައްދެއްގެ ގޮތުގައި ބަލައި ކޮންޓެކްޓެކްޓް ޓްރޭސިން ފުރަތަމަ ހަދަން ފެށީ ވަކިވަކި ފިހާރަތަކަށް އިސްކަން ދީގެންނެވެ. ހައި ރިސްކް މީހުން ފުރަތަމަ ފެނުނީ، ބާޒާރުމަތީގެ ފިހާރަތައް ހިންގާ އޮފީސްތަކުންނެވެ. ބާޒާރުމަތީގެ އެކި ފިހާރަތަކާ ހިސާބަށް ދިޔައީ އޭގެ ފަހުން ކަމަށް ނަޒްލާ ވިދާޅުވި އެވެ.

މި ކްލަސްޓާ ބޮޑުވަމުން އައި މިހާރު ވަނީ ބާޒާރުމަތީގައި ހިންގާ ހަ ވިޔަފާރިއަކާ ގުޅިފަ އެވެ. އަދި މާލެ އިން ފެނުނު ބޮޑެތި އެހެން ކްލަސްޓާސްތަކާ ވެސް ބީޒެޑްއެމް ކްލަސްޓާއާ ވަނީ ގުޅިފަ އެވެ.

"ބައެއް މީހުން އެބަހުރި ރޯގާގެ އަލާމާތްތައް ހުއްޓައި ވަރަށް ގިނަ ދުވަހު އޮފީހަށް ނުކުމެ މަސައްކަތުގައި ވެސް އުޅެފައި. އަލާމާތްތައް ހުރިއިރު މާސްކެއް ވެސް ނާޅާ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެ މީހުން މަސައްކަތުގައި އުޅެފައި ގޮސް ނިދައި ހަދަނީ މާލެތެރޭގައި އިތުރު ބަޔަކާ އެކުގައި ކަމަށް ވުމުން އެ މީހުންނަށް ބަލި ފެތުރި ކްލަސްޓާ ބޮޑުވީ އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އެ ރޯގާއަކީ ކޮވިޑަށް ނުވެދާނެ ކަމަށް ބައެއް މީހުން ވިސްނުން އެކަށީގެންވެ އެވެ. އެކަމަކު އޭރު ވެސް އެޗްޕީއޭ އިން އައީ ބައްޔާ ގުޅުން ހުރި މައުލޫމާތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކިޔައިދެމުން ކަން ނަޒްލާ ފާހަގަކުރެއްވި އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް 550 އަށް ވުރެން ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު ޕީކަށް އަރާނީ މި މަހުގެ ފަހުކޮޅު ކަމަށް ވަނީ ލަފާކޮށްފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި މަތިވަމުން ގޮސް ޕީކް ދުވަހު އެކަނި ބަލި ޖެހިފައިވާ 6،000 މީހުން ފެންނާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.