ކޮވިޑް-19 އިން އިތުރު ދެ ދިވެއްސަކު ރަނގަޅުވެއްޖެ
ކޮވިޑް-19 އިން އިތުރު ދެ ދިވެއްސަކު ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު ދެ ދިވެއްސަކު ރަނގަޅުވެ ރާއްޖޭން މި ބަލި ޖެހި ރަނގަޅުވި މީހުންގެ އަދަދު 20 އަށް އަރައިފި އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ބާއްވަމުން އަންނަ ސިލްސިލާ ޕްރެސް ބްރީފިން އަށް ފަހު ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ރަނގަޅުވި ދެ މީހުންނަކީ ކޭސް 27 އާއި ކޭސް 20 ކަމަށެވެ.

ކޭސް 20 އަކީ ރާއްޖޭން ބޭރުން އައި އިރު ބަލި ޖެހިފައި ހުރި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ކޭސް 27 އަކީ މާލޭން މިދިޔަ މަހުގެ 15 ދުވަހު މި ބަލި އަލަށް ފެނި، އެންމެ ފުރަތަމަ ކޭސްއާ ގުޅުން ހުރި 27 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ ލިލީ ސްޓޯރުގެ ކްލަސްޓާގައި ހިމެނޭ މީހެކެވެ.

ރާއްޖެއިން މިހާތަނަށް މިބަލި ޖެހިފައިވާ 573 މީހުން ފެނިފައިވާއިރު އޭގެ ތެރެއިން 552 މީހުންނަކީ މާލެ އާއި އެހެން ރަށްރަށުން ފެނުނު މީހުންނެވެ. ދެން ތިބީ މާޗް މަހުގެ 12 ވަނަ ދުވަހު ރާއްޖެއިން ބަލި ފުރަތަމަ ފެނުނު ފަހުން ރިސޯޓުތަކުންނާއި ރާއްޖެއިން ބޭރުން އައި އިރު ބަލި ޖެހިފައިވާ މީހުންނެވެ.

އެންމެ ފުރަތަމަ މި ބަލި ރާއްޖެއިން ފެނިފައި ވަނީ ކުރެއްދޫ ރިސޯޓުންނެވެ. މާލެ އިން ބަލި ފެނުނީ ކުރެއްދޫން ބަލި ފެނުނުތާ 40 ދުވަސް ފަހުންނެވެ.