06 މެއި 2020 - 00:22

ކޮވިޑް-19 ޖެހިފައިވާ އިތުރު މީހަކަށް ވެންޓިލޭޓަރު ގުޅައި ފަރުވާ ދޭން ފަށާފައިވާ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ. މީގެ ކުރިން އެކެއްގެ ހާލު ބޮޑުވެ ވެންޓިލޭޓަރުގައި ބާއްވައިގެން އަންނަނީ ފަރުވާދެމުންނެވެ.
ކޮވިޑް-19އާ ބެހޭ ގޮތުން މައުލޫމާތު ދޭން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ އުމުރުން 70 އަހަރުގެ މީހަކާއި 88 އަހަރުގެ މީހަކަށް ކަމަސެވެ. އަދި އެ ދެމީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރެއިން އުމުރުން 88 އަހަރުގެ މީހާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
ޑރ.އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-111 ފެސިލިޓީގައި މިހާރު ފަރުވާދެމުން އަންނަނީ ހަ މީހަކަށް ކަމަށެވެ. އެއީ އުމުރުން 80 އަހަރުގެ ފިރިހެނަކާއި 48 އަހަރުގެ ދެ ފިރިހެނަކާއި 58 އަހަރުގެ އަންހެނެއްގެ އިތުރަށް 48 އަހަރުގެ ޕާކިސްތާނު ފިރިހެނަކަސެވެ.
މީގެ ތެރެއިން 80 އަހަރުގެ މީހާއަށް އޮކްސިޖަން ދެމުން އަންނަ ކަމަށާއި އެންމެންގެ ހާލު ވެސް ސްޓޭބަލް ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 573 މީހުންނެވެ. އަދި މި ބަލީގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ.