މާލެ އައިސް ރަށަށް ނުދެވި ތިބި މީހުން ފޮނުވުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅައިފި
މާލެ އައިސް ރަށަށް ނުދެވި ތިބި މީހުން ފޮނުވުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅައިފި

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުން މާލެ ސަރަހައްދު ބަންދުކޮށްފައި ވާތީ ރަށަށް ނުދެވި މާލޭގައި ބަންދުވެފައި ތިބި މީހުން ފޮނުވުމުގައި އިސްކަން ދޭނެ ގޮތާއި އެކަމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅައި ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އިން މިރޭ އެކަން އާންމުކޮށްފި އެވެ.

މި އުސޫލުގައިވާ ގޮތުން އެންމެ ފުރަތަމަ އިސްކަން ދޭނީ އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭސްފަރުވާ އަށް މާލެ އައިސް އެނބުރި ރަށަށް ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށެވެ.

މިދިޔަ މަހު 15 ވަނަ ދުވަހު މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށް، އެ މުއްދަތު ހަމަވުމުން 14 ދުވަސް ވަނީ އަނެއްކާ އިތުރުކޮށްފަ އެވެ. އެހެންވެ މާލޭގައި ރަށަށް ނުދެވި އެތައް ބަޔަކު ބަންދުވެ އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މިކަމާ ގުޅިގެން އެކުލަވައިިލި އުސޫލުގައި މީހުން ފޮނުވުމުގައި އިސްކަން ދޭނެ ތަރުތީބު ކަނޑައަޅާފައި ވާއިރު އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭސްފަރުވާ އަށް މާލެ އައިސް އެނބުރި ރަށަށް ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށް ފަހު ދެން ތަރުތީބުކޮށްފައިވާ ގޮތަކީ؛

- އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާ އެކު ބޭސްފަރުވާ އަށް މާލެ އައިއިސް ތިބި މީހުންނާއި ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި އެ މީހުންގެ އާއިލާ

- ބޭސްފަރުވާ އަށް މާލެ އައިސް ތިބި 65 އަހަރުން މަތީގެ މީހުންނާއި އެ މީހުން ބަލަހައްޓާ މީހުން

- ބޭސްފަރުވާ އަށް މާލެ އައިސް ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެހީތެރިންނާއި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން މާލެ އައިސް ނުދެވިފައި ތިބި މީހުން.

- ބޭސްފަރުވާ އަށް ނުވަތަ އެހެން ބޭނުންތަކަށް މާލެ އައިސް ތިބި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނާއި އެ މީހުންގެ އެހީތެރިން.

މި ކަންކަމަށް ފަހު ދެ ވަނަ ކެޓަގަރީއެއްގައި ދެން ހިމެނެނީ ބޭސްފަރުވާ ނޫން ކަންކަމުގައި މާލެ އައިސް ނުދެވިފައި ތިބި މީހުންނަށެވެ. އެ މީހުން ފޮނުވުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ ރަށަށް ދާން މިދިޔަ މަހުގެ 15-20 އާ ދެމެދަށް ޓިކެޓް ނަގާފައިވާ މީހުންނަށެވެ. ދެން ރާއްޖޭން ބޭރުން އައިސް، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ރަށަށް ނުދެވިފައި ތިބި ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާގެ މީހުންނަށެވެ. އަދި އޭގެ ފަހުން ވަޒީފާ އަދާކުރަމުން ދިޔަ ރިސޯޓް ބަންދުކުރުމުން ނުވަތަ ރިސޯޓް ވަގުތީ ގޮތުން ބަންދުކުރުމުން ރަށަށް ދާން މާލެ އައިސް ތިބި މީހުންނަށެވެ.

ތިން ވަނަ ކެޓަގަރީގައި ހިމެނެނީ ޖަލު ހުކުމް ތަންފީޒުކުރުމަށް ފަހު މާލެ އައިސް ތިބި މީހުންގެ ތެރެއިން ރަށަށް ނުދެވި ހާލުގައި ޖެހިފައިވާ މީހުންނާއި ވަޒީފާ ގެއްލުމާއި އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައިވާ މީހުންނާއި ދަރިން ނުވަތަ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިންގެ، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެމްބަރުން އެކަނި ނުވަތަ ވަގުތީގޮތުން އެހެން ބަޔަކާ ބެލުން ހަވާލުކޮށްފައިވާ މީހުންނެވެ. އޭގެ އިތުރުން އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ މީހުންގެ ތެރެއިން އެކަނި ދިރިއުޅޭ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ އަދި އިޖުތިމާއީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެން ނެތި، އެހެން ރަށަކަށް ބަދަލުވާން ބޭނުންވެފައިވާ މީހުން ވެސް ހިމެނެ އެވެ. މާލޭގައި އާމްދަނީ ހޯދޭނެ ފުރުސަތުތައް ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން އާމްދަނީ ލިބޭނެ ގޮތް މަގުފަހިވެ އެ ރަށަކަށް އާބާދުކުރަން އެދޭ މީހުންނާއި އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން މީހުންނަށް ރަށަށް ދިނުމުގައި އިސްކަންދީފައިވެ އެވެ.

މިނިސްޓްރީން ބުނީ އިސްކަންދޭ ތަރުތީބުގެ ދަށުން، ރަށަށް ފޮނުމުގައި އެންމެ ފުރަތަމަ ބަލާނީ މިދިޔަ މަހުގެ 1 ވަނަ ދުވަހު ނުވަތަ އޭގެ ފަހުން އެކި ބޭނުންތަކުގައި މާލެ އައިސް ރަށަށް ނުދެވި ތިބި މީހުންނަށް ކަމަށެވެ.

ތިން ވަނަ ކެޓަގަރީގައި ހިމެނޭ މީހުންގެ ތެރެއިން މިހާތަނަށް ޖެންޑާ މިނިސްޓްރީ ނުވަތަ އެ މީހަކު ނިސްބަތްވާ ކައުންސިލަކަށް ރިޕޯޓުކޮށްފައިނުވާ ނަމަ 1412 ނުވަތަ[email protected]އަށް ރިޕޯޓުކުރަންވަނީ އެދިފަ އެވެ. އެ ހޮޓްލައިނަށް ގުޅާނެ ވަގުތަކީ، ހެނދުނު 10:00 އިން ހަވީރު 5:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

ރަަށަށް ދާން ހުށަހަޅާ މީހުންގެ ތެރެއިން ކަންކަމަށް ރިއާޔަތްކޮށް ތަރުތީބުކޮށް އިސްކަންދީފައިވާ މީހުން ސަރުކާރުން އަންގާ ގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންކުރަންޖެހޭނެ އެވެ.

އުސޫލުގައިވާ ގޮތުން، ޖެންޑާ މިނިސްޓްރީ އަށް ރިޕޯޓުކޮށްފައިވާ މީހުންގެ ތަރުތީބު ކަނޑައަޅާނީ މިނިސްޓްރީންނެވެ. އެމީހުން ކަރަންޓީން ކުރަން ކަނޑައަޅާފައިވަނީ ސަރުކާރުން އެކަމަށް ހަމަޖައްސާފައިވާ ފެސިލިޓީތަކުގަ އެވެ. ކައުންސިލްތަކަށް ރިޕޯޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އިސްކަންދޭނެ ކަންކަމަށް ރިއާޔަތްކޮށް ތަރުތީބުކޮށް ރަށަށް ފޮނުވާނެ ފަރާތްތަކުގެ ލިސްޓް ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންނެވެ.