15 އޮކްޓޯބަރ 2016 - 21:19

ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއް އަޅައިދޭން އެއްބަސްވެފައިވާ ގަތަރުގެ އުރީދޫ ގްރޫޕުގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން އަލް ސައުދު އަލް ސާނީ އަށް ރާއްޖޭގެ ކުޅިވަރު އާއިލާ އިން ހާއްސަ ޝުކުރެއް އަދާކޮށްފި އެވެ.

އުރީދޫ ގްރޫޕުގެ ރާއްޖޭގެ ކުންފުނި އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހިއްސާ ވިއްކަން ފެށުން އިފްތިހާކުރެއްވުމަށް އަލް ސާނީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ފުރާވަޑައިގަތުމަށް މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި އިރު އެއާޕޯޓުން އެމަނިކުފާނަށް ކުޅިވަރު އާއިލާ އިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އަލް ސާނީ އަށް ޝުކުރުއަދާކުރުމަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ކުޅިވަރާ ބެހޭ މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލުގެ އިތުރުން ކުޅިވަރުގެ ގިނަ އިސް ފަރާތްތަކުން ބައިވެރިވެޑައިގަތެވެ.
ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިވި މި ރަސްމިއްޔާތުގައި ބޮޑުބެރުގެ ސަގާފީ ހަރަކާތްތައް ވެސް އޮތެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް ވަނީ އުރީދޫ ގްރޫޕުގެ ޗެއާމަނާއި އެ ކުންފުނީގެ އިސް ބޭފުޅުންނަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ ހަދިޔާކުރައްވައިފަ އެވެ.
ގަތަރުން ރާއްޖެ އަށް ސްޓޭޑިއަމެއް ހަދިޔާކުރައްވާކަން، ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ އަލް ސާނީ އިއުލާން ކުރައްވަމުން ވިދާޅުވީ މިއީ ބައިނަލްއަގްވާމީ ހުރިހާ ހިދުމަތެއް ލިބޭނެ ފުރިހަމަ ސްޓޭޑިއަމެއް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ޝަވީދު ވަނީ ގަތަރުން ރާއްޖޭގެ ފުޓްބޯޅައަށް ބޮޑެތި އެހީތަކެއް ވެދެއްވަމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް ވިދާޅުވީ މިއީ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ޒުވާނުންގެ ތަރައްގީ އާއި ކުޅިވަރުގެ ރޫހު އާލާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަނެ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ގަތަރުގެ އަމީރު ހަދިޔާކުރައްވާ ސްޓޭޑިއަމެއް ކަމަށެވެ.
އެކަމަނާ ވިދާޅުވީ އެތުލެޓިކްސް ޓްރެކަކާ އެކު ހުޅުމާލޭގައި އަޅާ މި ސްޓޭޑިއަމުގެ އިތުރުން، ރައީސް ޔާމީންގެ ކުޅިވަރު މެނިފެސްޓޯގެ ދަށުން ގާއިމްކުރާ ސްޕޯޓްސް ކޮމްޕްލެކްސް ވެސް މި ދައުރުގެ ތެރޭގައި ހުޅުމާލޭގައި ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.