ރުކަކުން ވެއްޓި މަޑިފުށީގައި މީހަކު މަރުވެއްޖެ
ރުކަކުން ވެއްޓި މަޑިފުށީގައި މީހަކު މަރުވެއްޖެ

ރުކަކުން ވެއްޓި ތ. މަޑިފުށީގައި މިއަދު މީހަކު މަރުވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ހަސަން ފަޔާޒު ނަމަކަށް ކިޔާ އެ މީހާ ރުކަކުން ވެއްޓިގެން ސިއްހީ މަރުކަޒަށް ގެންދިޔައީ މެންދުރު 1:50 ހާއިރު ކަމަށެވެ.

އޭނާ އެރި 40 ވަރަކަށް ފޫޓުގެ ރުއް ވެސް ހުންނަނީ ސިއްހީ މަރުކަޒުގެ ކައިރީގަ އެވެ. ފަޔާޒު، 36، ވެއްޓުނު ތަން ފެނުނީ އެ ސަރަހައްދުގައި ހުރި މީހަކަށެވެ.

ސިއްހީ މަރުކަޒަށް ވަގުތުން ގެންގޮސް، ފަރުވާ ދިނުމަށް ފަހު، އެ އަތޮޅު ވޭމަންޑޫން އިތުރު މެޑިކަލް އޮފިޝަލެއް ވެސް ގެންދިޔަ އެވެ. އެކަމަކު ދެމުންދަނިކޮށް 3:40 ހާއިރު ފަޔާޒު މަރުވީ އެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުލިބެ އެވެ.

"މީހަކު ބުނެގެން ރުކަށް އެރީ. ކުރުނބާ އަޅަން ކަމަށް ބޮޑަށް ބެލެވެނީ ރުކަށް އެރީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ފައްޔާޒަކީ ރަށުގައި ތަފާތު އެކި މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން އަންނަ މީހެކެވެ.