05 މެއި 2020 - 18:06

ޕެރިސް (މެއި 5) - ފްރާންސްގެ ވެރިރަށް ޕެރިހާ ކައިރީގައިވާ ހޮސްޕިޓަލެއްގައި ޑިސެމްބަރު މަހު 27 ވަނަ ދުވަހު ނިއުމޯނިއާ އަށް ފަރުވާ ހޯދި މީހަކު ކޮރޯނަވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާގެ ޑޮކްޓަރު ބުނެފި އެވެ.
އެހެންކަމުން ލަފާކުރި ވަރަށްވުރެ މަހެއްހާ ދުވަސްކުރިން ޔޫރަޕުން ވައިރަސް ފެނިފައިވާ ކަމަށް މިހާރު ބެލެވެ އެވެ.
ކޮރޯނާވައިރަސް ފެތުރޭކަން ޗައިނާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް އަންގާފައި ވަނީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.
ފްރާންސްގައި ނިއުމޯނިއާ އަށް ފަރުވާ ދިން ޑޮކްޓަރު ޔުވެސް ކޯއެން ވިދާޅުވެފައި ވަނީ އެ ދުވަސްވަރު ނެގި ސްވެބް ސާމްޕަލް ދާދި ފަހުން ޓެސްޓްކޮށްފައިވާ ކަަމަށާއި އޭގެ ނަތީޖާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހާ އަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ޑޮކްޓަރު ލަފާކުރައްވާނީ ޑިސެމްބަރު 14-22 އާ ދެެމެދު އެވެ. ޑިސެމްބަރު 27 ވަނަ ދުވަހު އެ މީހާ އެޑްމިޓްކުރީ ހިކިކޮށް ކެއްސާ، ހުންއައިސް އަދި ނޭވާލާން އުނދަގޫވުމުންނެވެ. މިއީ ކޮރޯނާވައިރަހުގެ ވެސް މައިގަނޑު އަލާމަތްތަކެވެ.
ކޮރޯނާވައިރަހުގެ ފުރަތަމަ ތިން ކޭސް ފްރާންސް އިން ރިޕޯޓްކޮށްފައި ވަނީ ޖެނުއަރީ 24 ގަ އެވެ. އޭގެ ތެރޭން ދެ މީހުން ވަނީ ވޫހާން އަށް ދަތުރުކޮށްފަ އެވެ. ތިން ވަނަ މީހާ އަކީ އެ މީހުންގެ ތިމާގެ މީހެކެވެ.
ޑރ. ކޯއެން ވިދާޅުވީ އެ ބަލި މީހާގެ ދެ ދަރިން ބަލިވި ކަމަށާއި ނަމަވެސް އޭނާގެ އަންހެނުންގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އެ އަންހެން މީހާ އަކީ ޕެރިހުގެ މައި އެއާޕޯޓާ ކައިރި ސުޕަމާކެޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެހެންވެ ޗައިނާ އިން ދިޔަ މީހުންނާ އެ އަންހެން މީހާ ބައްދަލުވެފައިވާނެ ކަމަށް ޑޮކްޓަރު ލަފާ ކުރައްވަ އެވެ.
އެހެންވެ އަންހެން މީހާ އަށް ބަލިޖެހި އަލާމަތްތައް ނުފެނި ހުރީ ކަމަށް ވެސް ވެދާނެ އެވެ.
ފަރުވާ އަށް ފަހު މިހާރު ރަނގަޅުވެފައިވާ 43 އަހަރުގެ މީހާ ބުނެފައި ވަނީ އޭނާގެ ހަށިގަނޑަށް ވައިރަސް އެރީ ކޮންގޮތަކުންކަން ނޭނގޭ ކަމަށެވެ. އަދި ގައުމުން ބޭރަށް އޭނާ ދަތުރުކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ޑަބްލިއުއެޗްއޯ އިން ވެސް މިހާރު ލަފާކުރަނީ ކުރިން ބަލި ޖެހިފައި ހުރި ކޭސްތައް މިހާރު ފެނިދާނެ ކަމަށެވެ. އެހެންވެ ގައުމުތަކުން މި ބާވަތުގެ ކޭސްތަކުގެ ރެކޯޑްތައް ޗެކް ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ފްރާންސްގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ މައްސަލަ އިތުރަށް ބަލާނެ ކަމަށެވެ.