އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

"ދެން ނިކަން އަހަރުމެން އަންދާލަބަލަ!" ޝައިތާނަކު މޮޅުބަސް ބުނަން ފެށިއެވެ. "އަހަރުމެން ބައްޔެއް ނުވާނެ. ހުހެއް ވެސް ނުކުރެވޭނެ."

އެކަތިގަނޑަކަށްވުމުގެ ބޭނުމަކީ، ބޭރު ފަށަލައިގައި ތިބޭ އެއްޗެހި ނައްތާލިޔަސް އެތެރޭގައި ތިބޭ އެއްޗެހި ސަލާމަތްކުރުމެވެ. ހާދީ ކިޔަވައިފައި އަހަރެން ގަޔަށް ފެންއެޅިއެވެ. އެ ފެނުން ޝައިތާނުންނަށް ބޮޑެތި އަނިޔާތައް ލިބުނެވެ. ކަފަތަކެއްގެ ތެރެއަށް އަނގުރުއަލިފާން އެޅީމަ ކަފަތައް އަނދައިގެންދާ ފަދައެވެ. ޝައިތާނުންގެ އެތައް ބަޔަކު މަރުވިއެވެ. ހަމަ އެހެންމެ، އެތައް ބަޔަކު ސަލާމަތް ވެސް ވިއެވެ. ބޭނުންވި މަޢުލޫމާތު ހޯދުމަށްޓަކައި ހާދީ ކެނޑިނޭޅި މަސައްކަތް ކުރިއެވެ.

" އަރިޔަސިރީ ކޮންކަހަލަ އެއްޗެއް މިހާރު ހަދަނީ؟" ހަރުކަށި ރާގެއްގައި ހާދީ ސުވާލުކުރިއެވެ. "ބުނޭ! ހަމަ މިހާރު ބުނޭ!"

"ސީދާ މަރާލަން މިހާރު ސިހުރު ހަދަނީ،" ޖެހިލުންކުޑަކަމާ އެކު ޖިންނިއަކު ޖަވާބުދިނެވެ. "ކަލޭމެން ޖެހޭނީ އަބަދާއަބަދު ފާރައަށް ތިބެން. އައުމެއް ނުހުއްޓޭނެ. މި ސިހުރު މުޅި ގަޔަށް ފެތުރާލާނަން. ދެން ލެޔަށް، އެ އަށް ފަހު ހުރިހާ ގުނަވަނަކަށް ވެސް މި ސިހުރު ޖައްސާނަން. ހުމޭރުގެ މުޅި ހަށިގަނޑަށް ކެންސަރު ޖައްސާލާނަން. އޭރުން އެކަކަށް ވެސް އަހަރުމެންނަކާ ނުކުޅެވޭނެ. އަހަރުމެން ގަޔަކު އަތެއް ވެސް ނުލެވޭނެ."

އިރުކޮޅެއް ނުވެ އިސްމާއިލްގެ ލަޝްކަރާ ޝައިތާނުންގެ ލަޝްކަރުގެ މެދުގައި ތަޅާފޮޅުން ފެށުނެވެ. ހީވަނީ ހަނގުރާމައެއްގެ މައިދާންހެންނެވެ. އެހެން މީހުންނަށް އެ މަންޒަރު ނުފެނުނަސް އަހަންނަށް ފެނުނެވެ. އެ ފަދަ ކަނޑިހަނގުރާމައެއް ކުރިން އަހަންނެއް ނުދެކެމެވެ. އެ ފަދަ ހިތްވަރާއި ޖޯޝެއް ވެސް ނުދެކެމެވެ. އިސްމާއިލްގެ ލަޝްކަރުގެ ކަނޑިއެތިފަހަރުތަކުން ޝައިތާނުންތައް ކޮށި ކުދިކުދިވެގެންދެއެވެ. ހާދީއަކީ ޝައިތާނުންގެ ގިނަ އަދަދެއްގެ ޖިންނީން އިސްލާމްކޮށްފައިވާ ރާޤީއެކެވެ. ހާދީ ދަންނަ ކިތަންމެ ލަޝްކަރެއް އޮވެއެވެ. އެ ލަޝްކަރުތައް ވެސް އައެވެ. އެ ދުވަހު ހަނގުރާމަ ގަދަވެ، މޮޅުވާނެ ބަޔަކު ނޭނގި އެތައް ވަގުތެއް ހޭދަވިއެވެ. މީހުންނަށް ފެންނާނީ އަހަރެން ބަސް ހުސްވެފައި އޮންނަ ތަނެވެ. ހަމަހިމޭން ވެފައި އޮންނަ ތަނެވެ. އެހެންނަމަވެސް، އެ މާޙައުލު އެ އަށް ވުރެ ހަލަބޮލިވެފައި އޮއްވައެއް އަހަރެން ނުދެކެމެވެ.

"އަހަރެން މި ބުނާ ވާހަކައެއް އިސްމާއިލް ގާތުގަ ބުނެދީބަލަ،" ހާދީ އެދުނެވެ. "ރިނބުދޫ ބޭރުގަ އޮންނާނެ ފަޅުރަށެއް. ބުނޭ އެ ތަނަށް ގޮސްދީބަލާށޭ."

"އެއީ ކީއްކު.." އަހަރެންނަށް އެ ވާހަކަ ނުބުނެވިގެން އުޅެނިކޮށް އިސްމާއިލް ސުވާލު ކުރިއެވެ.

"އެ ތަނުގަ ހުންނާނެ ވަރަށް ރީތި މިސްކިތެއް. އެ މިސްކިތުގަ އުޅޭނެ މޫސަ އިބްނި ޤާސިމް ކިޔާ މާރިދެއް،" ހާދީ ޖަވާބު ދިނެވެ. "ބުނޭ އޭނަޔާ ބައްދަލުކުރާށޭ."

އިސްމާއިލް އެ ތަނަށް ދަތުރު ފެށިއެވެ. އަހަރެން އޮތީ އެނދުމަތީގައެވެ. އެކަމަކު، އަހަރެން އެ މަންޒަރު ދުށީމެވެ. އަހަރެންގެ ލޮލަށް މަންޒަރު ދައްކަނީ ކިހިނެއްކަމެއް ނޭނގެއެވެ. ފެންނަނީ މަތިން ތިރި ބަލައިލީމައި ފެންނަ ކަހަލަ ގޮތަކަށެވެ. އެއީ، ހުދުކުލައިގެ ބައިވަރު މުންނާރުތަކެއް ހުރި ތަނެކެވެ. ދުރުން ބަލައިލާއިރު ހީވަނީ އެއީ ވަރަށް ބިރުވެރި ތަނެއްހެންނެވެ. އެކަމަކު، ކައިރިއަށް އައިސް ގަސްތަކުގެ ތެރެއަށް ވަނީމައި ފެންނަނީ އައްޔެވެ. އަލި ގަދަކަމުން މުޅި ސަރަޙައްދު އޮންނަނީ ހުދުވެފައެވެ. ވަރަށް ބޮޑު ގަނޑުވަރެއް ހުއްޓެވެ. އެންމެ ވައްތަރީ ތާޖުމަހަލާއެވެ. އެކަމަކު އެއީ ހުދުކުލައިގެ ވަރަށް ރީތި މިސްކިތެކެވެ. އެ ތަނުގައި އުޅެނީ ހުދު ފަގުޑިއަޅައިގެން އުޅޭ މީހުންތަކެކެވެ. އިސްކޮޅުން ދިގު، ރީތި ފިރިހެނުންތަކެކެވެ. އެ ތަނުން އެކަކު އާދަޔާ ޚިލާފަށް ބިޔައެވެ. އިބްނި ޤާސިމަކީ އެއީއެވެ. އޭނަ އަތުގައި އަލި ގަދަ ކަނޑިއެއް އޮތެވެ. އިސްމާއިލް ގެންގުޅޭ ކަނޑިޔާ ޤާސިމް ގެންގުޅޭ ކަނޑީގައި ހުންނަނީ ތަފާތު ދެ ކުލައެއްގެ އަލިކަމެކެވެ. އިސްމާއިލް ގެންގުޅޭ ކަނޑި ހުންނަނީ ސީދާކޮށެވެ. ޤާސިމު ގެންގުޅޭ ކަނޑި، އަރަބިން އާންމުކޮށް ގެންގުޅޭ ކަނޑިއާ ވައްތަރު ގޮތެއް ހުރެއެވެ. ކަނޑީގެ ކުރީގައި ކުޑަ ގުދުކަމެއް ހުރެއެވެ. އެ މީހުންގެ ރަސްކަލެއް ހުންނަވައެވެ. ނަމަކީ އީސައެވެ. އިސްމާއިލް ވާހަކަދެއްކި މަޖިލީހުގައި އެ ރަސްގެފާނު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އިސްމާއިލް ކުރު ތަޢާރުފެއް ދިނެވެ. ދަތުރުގެ މަޤްޞަދު ކިޔައިދިނެވެ. ރަސްގެފާނާ ވާހަކަދެއްކީ ޤާސިމެވެ.

"ހާހަކަށް ވުރެ ގިނަ ޝައިތާނުން މިހާރު ވެސް އިސްލާމްވެއްޖެ،" ވަރަށް ވަރުގަދަ އެކަމަކު ފުސްކަމެއް ހުރި އަޑަކުން ޤާސިމް ބުންޏެވެ. "އެ މީހުންނަށް ހަނގުރާމައިގެ އުކުޅުތައް ދަސްކޮށްދޭން ރަސްގެފާނުގެ އިޒުނަފުޅަކަށް އެދެން."

އެ ދަތުރުގައި އިސްމާއިލް އެނބުރިއައީ، މޫސަ އިބްނި ޤާސިމާ އެކުގައި ފަސް ސަތޭކައަށް ވުރެ ގިނަ މާރިދުން ގޮވައިގެންނެވެ. ޖަނަވާރުތަކެއް ވެސް ގެނައެވެ. އެސޮރުމެންގެ ބޯ ވައްތަރީ ސިންގާގެ ބޮލަކާއެވެ. އެކަމަކު، ސިންގާގެ ހުޅިގަނޑަށް ވުރެ އެސޮރުމެންގެ ހުޅިގަނޑު މާ ބޮޑެވެ. ހަށިގަނޑަށް ވުރެ އެތައް ގުނައެއް ބޯ ބޮޑެވެ. ނަމަކީ ގޫލްއެވެ. ހަނަފަސް ސަހަރާތަކުގައި އުޅޭ ޖަނަވާރެކެވެ. އިބްނި ޤާސިމް ބުނި ގޮތުގައި އިންސާނުންގެ އިންސާނިއްޔަތުކަން ވެސް ގޫލް ބޯލައެވެ. ރަޙުމެއް ނުހުންނަ އިންސާނުންނަކީ ގޫލްގެ ސިކާރައަކަށް ވެފައި ތިބޭ މީހުންނެވެ. އިބްނި ޤާސިމް ގޫލް ގެންގުޅެނީ އިންސާނުން ބުޅާ ގެންގުޅޭހެންނެވެ. އޮޅުކޮށްގެންނެވެ. ހަނގުރާމައިގެ މައިދާނަށް އެ ޖަނަވާރުތައް ގެނައެވެ. އެ އިން އެކަތި އޮންނަނީ އަހަރެންގެ ބޯ ކައިރީގައެވެ. އިބްނި ޤާސިމް އިނީ ރުޤްޔާ ކިޔަވާށެވެ. އަހަރެންގެ ހަށިގަނޑުގެ ތެރެއަށް ޖިންނިއެއް ވަންނައިރަށް ޤުރުއާންގެ ބާރުގައި ޝައިތާނާ ބަނދެލައެވެ. އިބްނި ޤާސިމު ޒާތެއްގެ ފެނެއް ވެސް ގެންގުޅެއެވެ. އަހަރެން ހައިރާންވިއެވެ. ބަނދެލުމަށް ފަހު ޝައިތާނާ ހަވާލުކުރަނީ ގޫލާއެވެ. ގޫލް ތަންމިނަށް އަނގަ ހުޅުވައިލައެވެ. ޝައިތާނާ ގައިގަ ހިފައެވެ. އެ އަށް ފަހު، ދިރިހުއްޓައި ބޯލައެވެ. ބޯލާ ވަގުތު އަހަރެން އިންނަނީ ބޮނޑު ކައިގެން ނަންނުގަތި ކޮޅަށްޖެހޭހެން ކޮޅަށް ޖެހިފައެވެ. ބަލަން ތިބޭ މީހުންނަށް އެއީ ބިރުވެރި މަންޒަރެކެވެ.

"އަހަރެން ނުގެންދޭ،" ޝައިތާނާ ހޭރޭ އަޑު އަހަންނަށް އިވެއެވެ. "މަ އިސްލާމް ވާނަން."

އިސްލާމް ވާ ވާހަކަ ބުނުމުން ގޫލްގެ އަނގައިން ޝައިތާނާ ދޫކޮށްލައެވެ. މިނިވަންކޮށްދެއެވެ.

"ނުވާނަން އިސްލާމެއް." މިނިވަންވާއިރަށް ޝައިތާނާ ބުނެއެވެ.

ދެވަނަ ފަހަރަށް ގޫލް ދަތްއެޅިއެވެ. އެހެންނަމަވެސް، ކޮންމެހެން ހަފާކަށް ނަހަދައެވެ. ހުރި ގޮތަށް އެ ޖިންނި ދިރުވައިލިއެވެ. ޝައިތާނާ ހަޅޭއްލަވައި، ގަދަހަދަހަދައި ހުއްޓައެވެ. ގޫލްގެ ބޯ ކެހެރިގަނޑުގެ ބޭރުން، ޝައިތާނާގެ ބޮޑު ދަޅުތަކާއި، އަތްފައިގެ ވަކިތައް އެނގެން ހުރެއެވެ. ހީވަނީ ތުނި ގޯންޏެއް ތެރޭގައި ބަކަރިއެއް މަރަށް ތެޅޭހެންނެވެ. އެ ފަދަ ބިރުވެރި އެތަކެއް މަންޒަރެއް އެ ދުވަހު ފެނުނެވެ. ހަނގުރާމަ މައިތިރިވާ ގޮތެއް ނުވެއެވެ. ޝައިތާނުން އަންނަ ވަރުން އަންނާތީއެވެ. އަންނަނީ ކޮންދިމާއަކުންތޯ ބަލައިލިއިރު ފެނުނީ ބޮޑެ ދެ ފަރުބަދައެވެ. އަންނަ ހުރިހާ އެއްޗެއް އަންނަނީ ދެ ފަރުބަދަ ދޭތެރެއިންނެވެ. ހީވަނީ އަލިގުޅަތަކެއްގެ ރާޅެއް އަންނަހެންނެވެ. ސިހުރުހަދާ ޝައިތާނުންގެ ހަށިގަނޑުގެ އެކި ހިސާބުގައި ހުންނަނީ ހުޅުހިފައިފައެވެ. އަހަރެންގެ އެހީތެރިންނަށް ތިބީ، އިތުބާރުކުރެވޭ ވަރުގެ ކުޅަދާނަ މީހުންނެވެ. އެ މީހުން ކެރިގެން ކުރިމަތިލިއެވެ. ޝައިތާނުންގެ ލަޝްކަރުތައް ފައްސާ ވިއްސިވިހާލި ކޮށްލިއެވެ. ސަލާމަތްވާ އެއްޗެހިތައް އެ ތާކުން ނުއެއް ދެއެވެ. ދުރުގައި ކުޅިބަލާން ތިބެނީއެވެ. އެ ކަމުން ސަލާމަތްވާނެ ކޮޅެއްމެދެއް ނުފެނުނެވެ.

"ﷲގެ ކިބަފުޅުން ވާގިއެދޭ،" ޤާސިމް ބުނި އަޑު އިވުނެވެ. "ހުމޭރު ރައްކާތެރިކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން. މަ ކިޔައިދޭނަށް ޒިކުރެއް. އެ ކިޔައިގެން ނިދާލާ! ފަތިސްވަންދެން ހުމޭރަށް ރައްކާތެރިކަން ލިބޭނެ."

ވަރަށް އަރާމު ނިންޖަކުން އަހަރެން ނިދާލީމެވެ. އިބްނި ޤާސިމް ބުނީ ތެދެކެވެ. ފަތިސްވަންދެން ޝައިތާނުން ތިބެން ޖެހުނީ ބޭރުގައެވެ. ފަތިސްނަމާދުކުރަން ހަށަންބަނދެގެން އަހަރެން ހުއްޓައި، ފުރަތަމަ ފެނުނީ ކުޑަކުޑަ ހިޔަންޏެކެވެ. ހީވީ ބޮކި ކައިރިން ކުރަތްޕެއް އުދުހިފައި ދިޔަހެންނެވެ. ކުރަފި ދެކެ އަހަރެން ވަރަށް ބިރުގަނެއެވެ. ކުރަތްޕެއްގެ ހިލަމެއް ވެއްޖެއްޔާ، އެ ނޫން ކަމަކަށް އަހަންނަކަށް ނުވިސްނެއެވެ. އަހަރެން އައްތަހިއްޔާތުގައި އިށީނީމެވެ. ކުއްލިއަކަށް އަހަރެން ކުރިމަތީގައި ޖެއްސީ، އެހާ ތަނަށް ދުވަހަކު ވެސް އަހަރެން ނުދެކޭ ވަރުގެ ބިޔަ ކުރަތްޕެކެވެ. ކުރަފީގެ ބޮޑުމިން ގާތްގަނޑަކަށް ތިން ފޫޓު ވަރު ވެއެވެ. ކުރަފި ފެނުނީއްސުރެ އެހެން ދިމާއަކަށް އަހަންނަކަށް ނުބެލެއެވެ. ވަކި ހިސާބަށް ކައިރިއަށް އައިސްފައި ކުރަފި އުދުއްސައިގަތެވެ. މޫނުގައި ޖެހޭނުޖެހޭ ހިސާބުގައި ބުރުޖަހަން ފެށިއެވެ. ހިތަށްއެރިއެވެ. ގުޑައިވެސް ނުލައިނަމެވެ. އަހަންނަށް ކަށަވަރެވެ. އެއީ ޝައިތާނާ އަހަންނަށް ދައްކާ ވަހުމެކެވެ. އެކަމަކު، ޙަޤީޤަތާ އެއްވެސް ތަފާތެއް ނެތެވެ. ކުއްލިއަކަށް ކުރަފި އައިސް އަހަރެންގެ އަތްތިލައިގައި ޖެއްސިއެވެ. އިތުރު އެއްވެސް ޚަރަކާތެއް އަހަރެން ނުކުރުމުން ދެން މަސައްކަތް ކުރީ އަހަރެން ދިއްކޮށްގެން ހުރި ޝަހާދަތް އިނގިލި ތިރިކުރާށެވެ. އެ ކަން ކުރުމަށް ޖިންނިއެއް ވެސް ބައިވެރިވިއެވެ. އަހަރެންގެ އިނގިލި ބިންދައިލައިގެން ނަމަވެސް ތިރިކުރެވޭތޯ އެތައް ފަހަރަކު އެ މަސައްކަތް ކުރިއެވެ. އަހަރެން ނަމާދު ނިންމީމެވެ. ފޯނުން ޤުރުއާން ކިޔަވަން ފެށީމެވެ. އެއް ގަނޑު ނިންމައިފައި އަނެއް ގަނޑު އެއްލިއަކަނުދެއެވެ. އަހަރެންގެ އަތުގައި ހިފަހައްޓައެވެ. އެ ފަދަ ޖެއްސުން ކުރުމުގައި އެތައް ވަގުތެއް ބޭކާރުކޮށްލި ނަމަވެސް، އެ ފަހަރަކު ޝައިތާނާއަކަށް ކުރިއެއް ނުލިބުނެވެ.

މައްސަލައަކީ ލަންކާގައި ހުރި އަރިޔަސިރީއެވެ. އޭނަ ހުއްޓައިނުލައި ކުރާ މަސައްކަތްތަކެވެ. އެ ކަން ނުހުއްޓުވައެއް އަހަރެން ސަލާމަތެއް ނުވާނެއެވެ. ހާދީ އާއި އިސްމާއިލް އެކުގައި މަސައްކަތް ކުރިއެވެ. އިބްނި ޤާސިމާއި ލަޝްކަރު ވެސް އެހީތެރިވިއެވެ. ޙަޤީޤަތް ބެލިއިރު އަރިޔަސިރީ އެ ހުރިހާ ކަމެއް ކުރަނީ އެ ކަމަށް ޚާއްޞަކޮށް އޭނަ ހަދައިފައި ހުރި ސިއްރު ބުދުފައްޅިއެއްގައެވެ. އެ ތަން ހުރީ ލަންކާގެ ބިންގަރާހެއް ތެރޭގައެވެ. އަރިޔަސިރީގެ ބާރު އިސްމާއިލަށް އެނގެއެވެ. ޚުދު އިސްމާއިލަކީ ވެސް ކުރިން އަރިޔަސިރީގެ ޚާދިމެކެވެ. އެކަމަކު، ﷲއަށް ޓަކައި އިސްމާއިލް ކަމަރުބަނދެލިއެވެ.

ނުނިމޭ