ބަލިކޮންޓްރޯލް ކުރެވުނަސް ބޯޑަރު ހުޅުވާނުލާނަން: ނިއު ޒީލެންޑް
ބަލިކޮންޓްރޯލް ކުރެވުނަސް ބޯޑަރު ހުޅުވާނުލާނަން: ނިއު ޒީލެންޑް

ވެލިންޓަން (މެއި 5) - ނިއު ޒީލެންޑުން ކޮރޯނާވައިރަސް މިހާރު ކޮންޓްރޯލްވެފައިވީ ނަމަވެސް އަވަސް ކުރިމަގެއްގައި ބޯޑަރު ހުޅުވާލަން ނުވިސްނަވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެއްޖެ އެވެ.

ވީޑިއޯ ލިންކެއް މެދުވެރިކޮށް އޮސްޓްރޭލިއާގެ ކެބިނެޓުގެ ބައެއް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އާޑާން ވިދާޅުވީ ބޯޑަރު ހުރަސްކޮށް ދަތުރުތައް އަވަހަށް ފެށޭނެ ކަމަށް ނުބައްލަވާ ކަމަށެވެ. އޮސްޓްރޭލިއާއާ އެކު ބައްދަލުވުން ބޭއްވީ ވެސް ދެ ގައުމުގެ މެދުގައި ދަތުރުތައް ފެށުމަށް މަޝްވަރާ ކުރުމަށެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑުން ވަނީ ބޯޑަރު ބަންދުކޮށްފަ އެވެ.

ޓޫރިޒަމަކީ ނިއު ޒީލެންޑުގެ އެންމެ ބޮޑު އެއް އިންޑަސްޓްރީ އެވެ. ގައުމުގައި މަސައްކަތް ކުރާ މީހުންގެ 10 ޕަސެންޓް ޓޫރިޒަމްގައި ހަރަކާތްތެރިވާ އިރު ޖީޑީޕީގެ ހިއްސާ އަކީ ހަ ޕަސެންޓެވެ. ނިއު ޒީލެންޑަށް އެންމެ ގިނައިން ޒިޔާރަތް ކުރަނީ އޮސްޓްރޭލިއާ މީހުންނެވެ. ދެން ޗައިނާ، އެމެރިކާ އަދި އިނގިރޭސިންނެވެ.

ނިއު ޒީލެންޑާއި އޮސްޓްރޭލިއާ އިން ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްފަ އެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހަކު ނިއު ޒީލެންޑުން ނުފެންނަތާ ދެ ދުވަސްވެއްޖެ އެވެ. އޮސްޓްރޭލިއާގައި ވެސް ކާވް ވަނީ ތިރިއަށް ޖަހައިފަ އެވެ.

ނިއު ޒީލެންޑުން މިހާރު ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދީފަ އެވެ.