އިންޑިއާ މީހުން ގެންދަން ރާއްޖެ އަށް ދެ މަނަވަރު، ޔޫއޭއީ އަށް މަނަވަރެއް
އިންޑިއާ މީހުން ގެންދަން ރާއްޖެ އަށް ދެ މަނަވަރު، ޔޫއޭއީ އަށް މަނަވަރެއް

ނިއު ދިއްލީ (މެއި 5) - އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދިއުމުގެ އޮޕަރޭޝަނުގެ ދަށުން ރާއްޖޭގައި ތިބި މީހުން ގެންދަން ދެ މަނަވަރު އަދި ޔޫއޭއީގައި ތިބި މީހުން ގެންދަން މަނަވަރެއް ފޮނުވާފައިވާ ކަމަށް އިންޑިއާގެ ދިފާއީ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އައިއެންއެސް ޖަލަޝްވާ އާއި އައިއެންއެސް މަގަރު ހޯމަ ދުވަހުގެ ރޭ ރާއްޖެ އަށް ދަތުރު ފަށާފައިވާ ކަމަށެވެ. ދުބާއީ އަށް ފޮނުވީ ސަދަން ނޭވަލް ކޮމާންޑުގެ އައިއެންއެސް ޝަރުދުލް އެވެ.

އިންޑިއާ މީހުން ގޮވައިގެން ތިން މަނަވަރު ވެސް އެނބުރި ދާނީ ކޮޗީއަށެވެ. ގައުމަށް އެނބުރި ގެންދާ މީހުން ކޮޗީގައި 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.

ހުކުރު ދުވަހު ރާއްޖެ އަށް އަންނަ މަނަވަރުން ފުރަތަމަ ދަތުރުގައި 700 މީހުން ގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ރޭ ވަނީ ބުނެފަ އެވެ. ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ ތެރޭން 52 މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ޔޫއޭއީގައި އިންޑިއާގެ 3.4 މިލިއަން މީހުން އުޅޭ ކަމަށްވެ އެވެ. އެނބުރި އިންޑިއާ އަށް ދާން ބޭނުންވާ ކަމަށް ބުނެ ދުބާއީން ވަނީ 200،000 މީހުން ނަން ނޯޓުކޮށްފަ އެވެ.

އިންޑިއާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މަނަވަރުތަކުގެ އިތުރުން މަތިންދާ ބޯޓުގައި މީހުން އުފުލުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާނެ ކަމަށެވެ. ދަތުރުގެ ޚަރަދު ހަމަޖައްސަން ޖެހޭނީ އެ މީހަކު އަމިއްލައަށެވެ. މީގެ ކުރިން ވަނީ 60 ފްލައިޓް ބާއްވައިފަ އެވެ.