މަނަދޫ ކޭސް: ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް
މަނަދޫ ކޭސް: ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް

މަބްރޫކް: ކުރިއަށް އޮތް ދެ ހަފުތާ މާލެ އައުން ރައްކާތެރިއެއް ނޫން. ހަމަ އެއާ އެކު ކަރަންޓީން ފެސިލިޓީތަކުގެ ބޭނުން ވަރަށް ބޮޑަށް ޖެހޭނެ.

މަބްރޫކް: ކަނބާލިފަރުގައި މިއަދު ވަނީ ބިދޭސީއަކު މަރުވެފައި. އެހެންވީމަ ގޮތް ނޭނގޭ މަރެއް ކަމަށް ވަންޏާ އަޅުގަނޑުމެން ސާމްޕަލް ނަގާނެ. އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން.

މަބްރޫކް: މަނަދޫން އައިޖީއެމްއެޗަށް ދައްކަން ދިޔަ އަންހެން މީހާ އެޑްމިޓް ކުރަން ޖެހިދާނެތީ އޭނާގެ ސާމްޕަލް ނެގި. އެ ސާމްޕަލް އޭރު ޕޮޒިޓިވް. އެކަމަކު ފަހުން އޭނާ ނެގެޓިވް. އަދި ފަހުން އަނެއްކާ ވެސް ޕޮޒިޓިވް. މިހާރު އޭނާ އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގައި. އެއީ ފަހަރެއްގައި ވެސް އެ ރަށުން އިތުރުވި ކޭހެއް ނޫން.

މަބްރޫކް: 1 މެެއިގައި އަންނަ ބުނި ވެންޓިލޭޓަރުތައް ދެން އަންނާނެ ކަމަށް މިހާރު ބެލެވެނީ އަންނަ ބުރާސްފަތީގައި. މީގައި އެބަހުރި އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ހުރި ހުރަސްތައް ވެސް.

ޑރ. އަފްޒަލް: މިއަދު މަރުވި ބަންގްލަދޭޝްގެ މީހާ އަކީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތް ކުރާ މީހެއް. މިހާރު 66 ކޮންޓެކްޓް ވަނީ ފެނިފައި. އަދި އިތުރު މީހުން ވެސް ފެނުން އެކަށީގެންވޭ.

ޑރ. އަފްޒަލް: ޑީއެޗް 11 ގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ތިބީ ވެންޓިލޭޓަރުގައި. މީގެ އިތުރުން ދެ މީހަކު އޮތީ އޮކްސިޖަންގައި. ޖުމްލަ ތިބީ ފަސް މީހަކު. އެހެން މީހުން ސްޓޭބަލް.

ޑރ. އަފްޒަލް: އަދިވެސް ފެންނަނީ ވަރަށް ދަށް ޓްރެންޑަކުން ޕޮޒިޓިވް ކޭސްތައް ދާ ތަން. އެކަމަކު ފަހުން ފެނުނު ކޭސްތަކާ ގުޅިގެން އަދިވެސް މައްޗަށް އެރުމުގެ ފުރުސަތު ބޮޑު. މިއަދުގެ ކޭސްތަކަށް ބަލާއިރު ބަންގްލަދޭޝްގެ 7 މީހަކާއި 14 ދިވެއްސަކު އަދި ލަންކާ މީހަކު ހިމެނޭ. މައިގަނޑު ގޮތެއްގައި ހިމެނެނީ 18-65 އަހަރާ ދެމެދު.

ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ވެސް މައުލޫމާތު ދެއްވަނީ ޑރ. އިބްރާހިމް އަފްޒަލް އާއި ތަރުޖަމާނު މަބްރޫކް އަޒީޒު

މިރޭގެ 9:15 އާ ހަމައަށް ކޮވިޑް-19 އަށް 22 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި. އެއީ 14 ދިވެއްސަކާއި ބަންގްލަދޭޝްގެ ހަތް މީހަކާއި ސްރީ ލަންކާގެ މީހެއް. އެހެންވެ، މިހާރު ރާއްޖެ އިން އެ ބަލީގެ މީހުންގެ ޖުމްލަ އަކީ 573.

ޑރ. މޫސަ: މިވަގުތު ކޮމިއުނިޓީ ސްޕެރެޑެއް ހުރީމަ އެޑްމިޓް ކުރާ ހަމަ ހުރިހާ އެންމެން ވެސް ޓެސްޓް ކުރަމުން މިދަނީ. އެއީ މި ވަގުތު އޮތް އުސޫލު

ޑރ. ފައިޝަމް: އޭނާ މަރުވީ ކޮވިޑް ހުރެ އެހެން ކަންތައްތަކެއްގެ ސަބަބުން. ކޮވިޑް ރިލޭޓެޑް ކަމެއްގައެކޭ ދެންނެވޭކަށް ނެތް.

ޑރ. މޫސަ: ބިދޭސީ މީހާ ކޮވިޑަށް ޓެސްޓް ކުރީ ހޮސްޕިޓަލްގައި އޮންނަ އުސޫލުތަކުގެ ތެރެއިން. އޭނާގެ އުމުރަކީ 33 އަހަރު

ތަރުޖަމާނު މަބްރޫކް އަޒީޒު: ބަންގްލަދޭޝްގެ އެމްބަސީ އަށް މިހާރު ވަނީ އަންގާފައި. އަދި އާއިލާ އިން އޭނާ ރާއްޖޭގައި ވަޅުލާން އެދެމުން ދާ ކަމަށް އެމްބަސީން ބުނޭ.

ޑރ. ފައިޝަމް: ސީޓީ ސްކޭން ހެދި އިރު ފުދޭވަރަކަށް ސިކުނޑި އަށް ލޭ އެޅިފައި ހުރި. ބޮޑަށް ބެލެވެނީ ލޭ ނާރެއް ފަޅައިގެން ދިޔައީ ކަމަށް. ކުރިން ވެސް ހުރި ބައްޔެއް ކަމަށް ބެލެވެނީ. ޓިއުމަރެއް ނުވަތަ ކެންސަރާ ގުޅުން ހުރި ކަަމަކަށް ވެސް ވެދާނެ. ކޮވިޑްގައި އެބަހުރި ލޭހޮޅިތަކަށް ވެސް އަސަރުކޮށްފައި.

ޑރ. މޫސާ ހުސެއިން: މިއަދު ހެނދުނު ނިޔާވީ ފިޓް ޖެހިގެން ބިދޭސީއަކު. އަޅުގަނޑުމެން ހުރިހާ ކަމެއް ކުރިން އޭނާގެ ފުރާނަ ސަލާމަތްކޮށްދޭން. އެކަމަކު ސިކުނޑި އަށް ލޭ ފައިބައިގެން އެހެން ކަންކަން ދިމާވެގެން ދިޔަ. ދެ ފަހަރު ކާޑިއެކް އެރެސްޓް ވެސް އައި. ވެންޓިލޭޓަރަށް ވެސް ލިން. އެ ހުރިހާ ކަމެއްގެ ހިނގައިދިޔައީ ވަރަށް ކުޑަވަގުތުކޮޅެއްގައި. ފުރާނަ ގެއްލިގެން ދިޔައީ ހަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި.

ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިފި

ފިޓްޖެހިގެން އައިޖީއެމްޗަށް ގެންދިޔަ ބަންގްލަދޭޝްގެ މީހާ މީގެ އިރުކޮޅެއް ކުރިން މަރުވެއްޖެ އެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ރޭ ފަތިހު ބުނެފައި ވެ އެވެ.

ނަމަވެސް އޭނާ މަރުވީ ކޮވިޑް-19 ޖެހިގެން ކަމެއް ނުވަތަ ނޫން ކަމެއް އެޗްޕީއޭ އިން އަދި ނުނިންމަ އެވެ. އެ މީހާ މަރުވީ ކޮވިޑް-19 ގައި ކަމަށް ނިންމައިފި ނަމަ އޭނާ ވަނީ އެ ބަލީގައި ރާއްޖޭގައި މަރުވި ދެވަނަ މީހާ އަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި ފުރަތަމަ މަރުވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާގެ ޑައިރެކްޓް ކޮންޓެކްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އޭނާ ގޭގައި އެކަހެރިކޮށް، ނެގި ސާމްޕަލްގެ ނަތީޖާ ލިބުނުއިރު ވަނީ މަރުވެފަ އެވެ.

އޭނާގެ ސާމްޕަލް ނެގުން ލަސްވުމުގައި އިހުމާލެއް އޮތް ކަމަށް ވާހަކަ ދެއްކެވޭތީ އެ ކަން ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވިދާޅުވެފައި ވެ އެވެ.

މިއަދު މަރުވި ބަންގްލަދޭޝްގެ މީހާގެ މަރާ ގުޅޭ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މީޑިއާ ބްރީފިންއެއް މެންދުރު 2:30 އަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

މި ބަންގްލަދޭޝްގެ މީހާގެ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.

ރާއްޖެ އިން މިހާތަނަށް 557 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ 283 އެވެ. ދިވެހިންގެ ތެރެއިން އެ ބަލި މިހާތަނަށް ޖެހުނީ 191 މީހަކަށެވެ. ދިވެހިންނާއި ބަންގްލަދޭޝްގެ މީހުންގެ އިތުރުން ރާއްޖޭގައި ދެން އެންމެ ގިނައިން ކޮވިޑް-19 ޖެހުނީ އިންޑިއާގެ މީހުންނަށެވެ. އެ ގައުމުގެ 52 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ.