ކޮވިޑް-19: 11 މީހުން ފިޔަވައި ނަރުދޫން ޓެސްޓް ކުރި އެންމެން ނެގެޓިވް
ކޮވިޑް-19: 11 މީހުން ފިޔަވައި ނަރުދޫން ޓެސްޓް ކުރި އެންމެން ނެގެޓިވް

މާލެ ފިޔަވައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ށ. ނަރުދޫން ޓެސްޓް ކުރި 52 މީހުންގެ ތެރެއިން ކުރިން އެ ބައްޔަށް ޕޮޒިޓިވްވި 11 މީހުން ފިޔަވައި އެހެން މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް އެ ރަށު ޓާސްކް ފޯހުން މިއަދު ބުނެފި އެވެ.

އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ ނަރުދޫން ފުރަތަމަ އެ ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ފުރައިގެން އެ ރަށަށް ދިޔަ އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ އަށް ފަހު ކެޕްޓަންގެ އާއިލާ ބައެއް މެމްބަރުން ޕޮޒިޓިވްވި އެވެ. އަދި އަމާޒު ބޯޓްގެ ދެ ފަޅުވެރިއަކާއި އެ މީހުންގެ އާއިލާގެ މެމްބަރުން ހިމެނޭ ގޮތަށް ޖުމުލަ 11 މީހަކު ނަރުދޫން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ނަރުދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރު، ހެލްތު ސާވިސް، މުސްތަފާ މޫސާ، "މިހާރު" އަށް ވިދާޅުވީ، އަމާޒު ބޯޓުން ދަތުރުކުރި މީހުންނާއި ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހުން ހިމެނޭ ގޮތަށް އެ ރަށުން 52 މީހަކު ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އެ އެންމެންގެ ނަތީޖާ ރޭ ލިބުނުއިރު ކުރިން ޕޮޒިޓިވްވި 11 މީހުން ފިޔަވައި އެހެން މީހުން ވަނީ ބައްޔަށް ނެގެޓިވް ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވެގެން ހޯމް އައިސޮލޭޓްކޮށް ޓެސްޓް ކުރި މީހުންގެ ތެރޭގައި، ނަރުދޫގައި ހުންނަ ޑޮކްޓަރާއި ދެ ނަރުހުންގެ އިތުރުން ކައުންސިލްގެ ތިން މެމްބަރުން ވެސް ހިމެނެ އެވެ.

"އެ ހުރިހާ ބޭފުޅުންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައި. ނަމަވެސް އެޗްޕީއޭން ވަކި އެއްޗެއް އަންގަންދެން އެ ބޭފުޅުން އަދިވެސް ތިއްބަވާނީ ގޭގައި،" ޓާސްކް ފޯހުގެ ވެރިއަކަށް ހުންނެވި މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިން ޓެސްޓްކޮށް ނަތީޖާ ލިބިފައިވާ 52 މީހުންގެ ތެރެއިން އަމާޒު ބޯޓްގައި ދަތުރު ކުރި 15 މީހުންގެ ސާމްޕަލް މިއަދު އަނެއްކާވެސް ނަގާފައިވާ ކަމަށެވެ. އެ 15 މީހުންގެ ފުރަތަމަ ޓެސްޓުން ކޮވިޑް-19 އަށް ވަނީ ނެގެޓިވް ވެފަ އެވެ.

ސިއްހީ ހިދުމަތްތެރިން އެކަހެރި ކުރުމާއެކު އިތުރު ނަރުހެއް ވަނީ ނަރުދު އަށް ގެންގޮސްފަ އެވެ. އަދި ގޭގައި އެކަހެރިވެ ހުރި ޑޮކްޓަރު އޮންލައިންކޮށް މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

ނަރުދޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ޒަރޫރީ ބޭނުމަކަށް ނޫނީ ރަށު ތެރެއަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި އެ ރަަށަށް އަރައި ފޭބުން ވެސް މަނަލެވެ.

ނަރުދޫގެ ހާލަތު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ހިމެނިވަޑައިގަންނަވާ ޓީމެއް މިދިޔަ އާދިއްތަ ދުވަހު ވަނީ އެ ރަށަށް ގޮސްފަ އެވެ. ނަދުރު އަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.

މި ބަލި މިހާތަނަށް ފެނިފައި ވަނީ މާލޭ އިތުރުން ނަރުދު އާއި ހއ. ތަކަންދު އާއި ހއ. އުލިގަމާއި ށ. މިލަންދޫ އާއި ނ. މަނަދޫ އަދި ކ. ތުލުސްދޫންނެވެ.