ކަމަލް ހަސަންގެ "އިންޑިއަން 2" ނުހަދައި ހުއްޓާލަނީ
ކަމަލް ހަސަންގެ "އިންޑިއަން 2" ނުހަދައި ހުއްޓާލަނީ

މީގެ ދެ އަހަރު ކުރިން ޝޫޓިން ފެށި އިންޑިއާގެ މަޝްހޫރު އެކްޓަރު ކަމަލް ހަސަންގެ ވަދާއީ ފިލްމު "އިންޑިއަން 2" އަށް އެކި މައްސަލައް ދިމާވަމުންދާތީ އެ ފިލްމު ދެން ނުހަދައި ހުއްޓައިލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"އިންޑިއަން 2" އަކީ ކަމަލް ހަސަނާއި ބޮލީވުޑްގެ ދެ ބަތަލާއިން ކަމަށްވާ މަނީޝާ ކޮއިރަލ އާއި އުރްމިލާ މަޓޯންޑްކަރާ އެކު އިންޑިއާގެ ސައުތުގެ ކުޅަދާނަ ޑައިރެކްޓަރު ޝަންކަރު 1996 ގައި ގެނެސްދިން ފިލްމުގެ ދެވަނަ ބައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި 2018 ގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމު ނަހަދަން އޭގެ ޓީމުން މިހާރު ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ކަމަލް ހަސަނުގެ ލޮލަށް ލިބުނު އަނިޔާއަކަށް ފަރުވާކުރަން ޖެހުމާއި ކޮރޯނާވައިރަހާ ހެދި ފިލްމުގެ މަސައްކަތް ޝޫޓިންތައް ހުއްޓި، މަސައްކަތްތައް ދިގުލައިގެން ދިއުމާއި ވައިރަހުގެ ކުރިން ކުރިއަށް ގެންދިޔަ ޝޫޓިންއެއްގެ ތެރޭގައި ސެޓްގައި ގެންގުޅު ކްރޭނެއް ކޮންޓްރޯލުން ނެއްޓި ހިނގި ހާދިސާއެއްގައި ތިން ކްރޫ މެމްބަރަކު މަރުވުން ހިމެނެ އެވެ.

އެ މައްސަލާގައި ވަނީ ކަމަލް ހަސަނާއި ޝަންކަރާއި ފިލްމުގެ ޕްރޮޑަކްޝަން ހައުސް ލައިކާގެ މައްޗަށް ދައުވާ ވެސްކޮށްފަ އެވެ.

މީޑިއާތަކުން ބުނިގޮތުގައި "އިންޑިއަން 2" އަކީ ބެލުންތެރިންނަށް ބަލައިލަން ލިބޭނެ ފިލްމަކަށްވުމުގެ ފުރުސަތު މިހާރު ކުޑަ ސަބަބުތަކުގެ ތެރޭގައި އޭގެ މިއުޒިކާ ކުރިން ހަވާލުވި އޭއާރް ރަހްމާން ވެސް ފިލްމު ދޫކޮށްލުން ހިމެނެ އެވެ. މި ފިލްމުގެ ބަތަލާއިންނަކީ ކާޖަލް އަގަރްވާލާއި ރަކުލް ޕްރީތު ސިންގެވެ.

ނަމަވެސް ފިލްމު ނަހަދައި ހުއްޓައިލަން އުޅޭ ކަމަށް މީޑިއާތަކުން ފަތުރާ ވާހަކަތަކާ ގުޅިގެން ފިލްމުގެ ޓީމުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ޝަންކަރް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ރަޖްނީކާންތުގެ 2018 ގެ ސައިންސް ފިކްޝަން ފިލްމު "2.0" އެވެ.

"އިންޑިއަން 2" އާ އެކު ކަމަލް ހަސަން، 65، އެކްޓިން ކެރިއަރު ނިންމައިލާނެކަން އޭނާ އިއުލާންކުރީ 2018 ގެ ފަހުކޮޅު އެވެ. އަދި އޭނާ ވަނީ އެ އަހަރު ރަސްމީކޮށް ސިޔާސީ ދާއިރާ އަށް ވެސް ނުކުމެފަ އެވެ.

ގާތްގަނޑަކަށް 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދަން ފެށި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ނޮވެމްބަރު 4 ގަ އެވެ.