ވެބް ސީރީޒް "ބާރިޝް 2" ގައި ޖީތެންދުރާގެ ފެނިލުމެއް
ވެބް ސީރީޒް "ބާރިޝް 2" ގައި ޖީތެންދުރާގެ ފެނިލުމެއް

މިދިޔަ މަހުގެ 29 ގައި ސްޓްރީމްކުރަން ނިންމައި މިއަދަށް ފަސްކުރި އޯލްޓް ބާލާޖީގެ ވެބް ސީރީޒް "ބާރިޝް" ގެ ދެވަނަ ސީޒަނެއްގެ ރޯލެއް ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންތުރާ ކުޅެފި އެވެ.

އެ ސީރީޒަކީ އޭނާގެ ދަރިފުޅު އަދި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ އޯލްޓް ބާލާޖީ އާއި ޒީ ނެޓްވޯކްގެ ޒީ5 ގެ އުފެއްދުމެކެވެ. "ބާރިޝް 2" ގެ ތަރިންނަކީ ފުރަތަމަ ސީޒަނުގައި ވެސް ލީޑް ރޯލް ކުޅުނު ޝަރުމަން ޖޯޝީ އާއި އާޝާ ނެގީ އެވެ. މީގެ ފުރަތަމަ ސީޒަން 20 އެޕިސޯޑާ އެކު ގެނެސްދިނީ މިދިޔަ އަހަރު އެވެ.

"ބާރިޝް 2" އާ ބެހޭ ގޮތުން ޖީތެންދުރަ ބުނީ އޭގައި އޭނާ ކުޅުނީ ހާއްސަ ފެނިލުމެއް ކަމަށާއި އޭގެ ޓީމާ އެކު މަސައްކަތްކުރުން އާއިލާއާ އެކު މަސައްކަތްކުރުން ފަދަ ކަމަށެވެ.

"އަހަރެން އެ ރޯލަށް އެއްބަސްވީ އަހަންނާ ވަރަށް ރިލޭޓްވާ ކަހަލަ ރޯލަކަށް ވެސް ވާތީ. އުންމީދުކުރަން ބެލުންތެރިންނަށް ކަމުދާނެ ކަމަށް،" އޭނާ ބުންޏެވެ.

ޖީތޭ އެކްޓިން އަށް އަލުން މި ނުކުތީ އެކްޓިންއާ ދުރުގައި ހުންނަތާ އެތައް އަހަރެއް ފަހުންނެވެ އުމުރުން މިހާރު 78 އަހަރުގެ އެކްޓަރު ވަނީ އޭނާގެ ރަން ޒަމާނުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ.

ޖީތެންދުރަ އެންމެ ބޮޑަށް މަޝްހޫރުވީ އޭނާ ހެދުން އެޅުމުގައި ގެންގުޅުނު ސްޓައިލާއި ނެށުމުގައި ޖަހާ ފުންމުންތަކާ ހެދި އެވެ. އެގޮތުން އޭނާ ކުޅުނު ގިނަ ފިލްމުތަކުގެ ލަވަތަކުގައި ހުދު ގަމީހާއި ހުދު ފަޓްލޫނާއި ހުދު ބޫޓް ލައިގެން ނަށާފައިވެ އެވެ. މިކަމާ ހެދި އޭނާ އަށް "ޖަމްޕިން ޖީތޫ" ގެ ނަމުން މުހާތަބުކޮށްފައިވެ އެވެ.

ޖީތެންދުރަ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި 120 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ. ޖީތޭ އެންމެ ފަހުން ކުޅުނު ފިލްމަކީ ހާއްސަ ފެނިލުމަކުން ފެނުނު 2013 ގެ "މަހާބާރަތު އޯރް ބަރްބަރީކް" އެވެ.