06 މެއި 2020 - 09:43

ސުޕަހީރޯ ފިލްމު "ތޯ" ގެ އެންމެ ފަހުގެ ފިލްމު ޑައިރެކްޓްކުރި ޓައިކާ ވައިޓިޓީ "ސްޓާ ވޯސް" ގެ ފިލްމެއް ޑައިރެކްޓްކުރަން ހަވާލުވެއްޖެ އެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ޓައިކާ އާއި މިދިޔަ އަހަރު ރިލީޒްކުރި ކްރިސްޓޯފާ ނޮލަންގެ "1917" އާއި މި އަހަރަށް ތާވަލުކޮށްފައިވާ ސައިކޮލޮޖިކަލް ހޮރޯ "ލާސްޓް ނައިޓް އިން ސޯހޯ" ގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ކްރިސްޓީ ވިލްސަން-ކެއާންސެވެ.
ޓައިކާ ޑައިރެކްޓްކުރާ "ސްޓާ ވޯސް" ގެ ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އޭނާގެ ކުރިއަށް އޮތް ހުރި ފިލްމުތަކުގެ ތެރޭގައި "ތޯ" ގެ ހަތަރު ވަނަ ފިލްމު "ލަވް އެންޑް ތަންޑާ" އާއި ސްޕޯޓްސް ކޮމެޑީ "ނެކްސް ގޯލް ވިންސް" ހިމެނެ އެވެ.
ނިއުޒިލެންޑަށް އުފަން ޓައިކާ، 44، އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ޖޯޖޯ ރެބިޓް" އެވެ. އެ ފިލްމުން އޭނާ އަށް އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ އެވޯޑް ވެސް ލިބިފައިވެ އެވެ.
ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ "ސްޓާ ވޯސް" ގެ ފިލްމެއްގެ ޑައިރެކްޝަނާ ޓައިކާ ހަވާލުކުރި ޑިޒްނީ ޕްލަސް އިން މިހާރު ވެސް ވަނީ "ސްޓާ ވޯސް" ގެ ދެ ސީރީޒެއް އިއުލާންކޮށްފަ އެވެ.
ސްޓާ ވޯސްގެ ފީޗާ ފިލްމަކަށް އެންމެ ފަހުން ސިނަމާތަކަށް އައީ މިދިޔަ އަހަރު ޖޭޖޭ އަބްރަމްސް ޑައިރެކްޓްކޮށް ގެނެސްދިން "ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" އެވެ.