ރިޝީ ކަޕޫރްގެ ބޮބީ: ނޭނގޭ ބައެއް ވާހަކަތައް
ރިޝީ ކަޕޫރްގެ ބޮބީ: ނޭނގޭ ބައެއް ވާހަކަތައް

މިދިޔަ ބުރާސްފަތި ދުވަހު މަރުވި އެކްޓަރު ރިޝީ ކަޕޫރް ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތް ފިލްމު "ބޮބީ" އަކީ މިހާރު ވެސް ބެލުންތެރިން ވަރަށް ހަނދާނުގައި ހުންނަ ފިލްމެކެވެ. ހާއްސަކޮށް ފިލްމުގެ ބައެއް ލަވަތައް އަދިވެސް ވަރަށް މަޝްހޫރެވެ.

"ބޮބީ" އަކީ ރިޝީގެ ބައްޕަ ރާޖް ކަޕޫރް ޑައިރެކްޓްކުރި ފިލްމެކެވެ. އެ ފިލްމު ކުޅުނު އިރު ރިޝީ އަށް 21 އަހަރެވެ. ފިލްމުން ތައާރަފުކުރި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ އުމުރުން އެންމެ 15 އަހަރެވެ.

ސެޕްޓެމްބަރު 28، 1973 ގައި "ބޮބީ" ސިނަމާތަކަށް އައުމާ އެކު ރިިޝީ އާއި ޑިމްޕަލް ވަރަށް ވިދާލައި، މަޝްހޫރު ތަރިންނަށް ބަދަލުވެގެން ދިޔަ އެވެ. މި ފިލްމާ އެކު ރިޝީ ފަހުން ވެގެން ދިޔައީ ބޮލީވުޑްގެ "ރޮމޭންޓިކް ހީރޯ" އަކަށެވެ. އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި ގިނައިން ކުޅެފައި ހުރީ ވެސް ލޯބީގެ ރޯލްތަކެވެ. އަދި ބެލުންތެރިން އަބަދު ވެސް ރިޝީ ބަލައިގަތީ އެފަދަ ރޯލްތަލުންނެވެ. އޭގެ ހެއްކަކަށް "ޗާންދުނީ" އާއި "ދީވާނާ" އަދި "ކަބީ ކަބީ" ފަދަ ފިލްމުތައް ވެސް ނެގިދާނެ އެވެ.

"ބޮބީ" އަކީ ރާޖް ކަޕޫރްގެ ފިލްމު ކުންފުނި އާރްކޭގެ ތައްގަނޑުގައި ގެނެސްދިން އެންމެ ކާމިޔާބު އެއް ފިލްމެވެ. ރިޝީ އުމުރުން 67 އަހަރުގައި މަރުވެ، އެތައް ބަޔަކަށް ހިތްދަތިކަން ލިބިފައިވާ މިފަދަ ވަގުތެއްގައި ފިލްމާ ބެހޭ ގޮތުން ނޭނގޭ ބައެއް ވާހަކަތައް ހިއްސާކޮށްލާނަމެވެ.

* "ބޮބީ" އަކީ ރާޖްގެ ދަރިފުޅު ބަތަލުގެ ރޯލް ކުޅުނު ފިލްމަކަށް ވިޔަސް، އޭގެ މައިގަނޑު ވާހަކަ ބިނާވެފައި އޮތީ ރިޝީއަކަށް ނޫނެވެ. ފިލްމަށް ނަން ދީފައިވާ ގޮތަށް އޭގެ ސެންޓްރަލް ކެރެކްޓާ އަކީ "ބޮބީ" ގެ ކެރެކްޓާ ކުޅުނު ޑިމްޕަލް އެވެ. އާންމުކޮށް ބޮލީވުޑް ތަރިން އެ މީހުންގެ ދަރިން ފިލްމީ ދާއިރާ އަށް ނެރޭ އިރު، އެ ފިލްމެއްގެ މުޅި ފޯކަސް އޮންނަނީ އެ ދަރިއަކަށެވެ.

ނަމަވެސް ރާޖް ވަނީ އެ ފިލްމަކީ ސީދާ އޭނާގެ ދަރިފުޅަށް ހާއްސަ ފިލްމެއް ނޫންކަން އޭގެ ޕްލޮޓުން ސާބިތުކޮށްދީފަ އެވެ.

* ޑިމްޕަލް އަށް "ބޮބީ" ލިބުނީ ކުރިއަށް ގެންދިޔަ އޮޑިޝަންތަކަކަށް ފަހު އެވެ. އެގޮތުން އެ ރޯލަށް ފަހުން، ރިޝީގެ އަންބަކަށް ބަދަލުވި ނީޓޫ ސިންގް އާއި ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ނާޒިއާ ހުސައިން ވެސް އޮޑިޝަން ހެދި އެވެ. އެކަމަކު ރާޖަށް އެންމެ ކަމުދިޔައީ ޑިމްޕަލްކަމަށްވުމުން އޭނާ ފިލްމަށް ނެގީ އެވެ.

އަނެއްކޮޅުން ޑިމްޕަލް އަކީ ރާޖްގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ޗުއްނީލާލު ކަޕާޑިއާގެ ދަރިއެކެވެ.

* "ބޮބީ" ގެ ލަވަތަކުގެ ފިރިހެން އަޑަކަށް ހަމަޖެއްސީ ރާޖްގެ ފިލްމުތަކަށް ވެސް ލަވަތަކެއް ކިޔައިދިން ޝައިލެންދުރަ ސިންގެވެ. ފުރަތަމަ އޭނާ ނޫން އެހެން އަޑެއް ރިޝީ އަށް ހަމަޖައްސަން ރާޖް ވިސްނި އެވެ. ނަމަވެސް ފަހުން ދަރިފުޅުގެ އަޑަކަށް ވެސް ޝައިލަންދަރު ހަމަޖެއްސީ އެވެ.

"ބޮބީ" ގެ އަންހެން އަޑަކީ ލަތާ މަންގޭޝްކަރެވެ. އުމުރުން 15 އަހަރުގެ ޑިމްޕަލް އަށް ލަތާ ލަވަ ކިޔައިދިން އިރު އޭނާގެ އުމުރަކި އޭރު 40 އަހަރެވެ.

* "ބޮބީ" އަކީ ލަތާ އާއި ރާޖް އަލުން ގުޅުވައިދިން ފިލްމެކެވެ. އެ ފިލްމަށް ލަތާ ލަވަކިޔައި ދިނީ ރާޖްގެ ފިލްމެއްގެ މަސައްކަތްނުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. އެއީ ދެ މީހުންގެ ދޭތެރޭގައި ޖެހުނު ކުނިތަކެއްގެ ސަބަބުން ކަމަށްވެ އެވެ. ރާޖް ގަބޫލުކުރި ގޮތުގައި "ބޮބީ" ގެ ކުރިން އޭނާ 1970 ގައި ގެނެސްދިން "މޭރާ ނާމް ޖޯކަރު" ބޮކްސް އޮފީހުގައި ބޮޑުތަނުން ފްލޮޕްވީ ވެސް ލަތާގެ އަޑު ފިލްމުގައި ނެތުމުންނެވެ. އެހެންވެ "ބޮބީ" އާ އެކު އަލުން ލަތާއާ އެކު މަސައްކަތްކުރަން ނިންމީ އެވެ.

އެ ފިލްމުގެ މިއުޒިކް ހަދާފައި ވަނީ ލަކްޝްމީކާންތު-ޕިޔާރޭލާލެވެ.

* "ބޮބީ" ގައި އަރޫނާ އިރާނީ ކުޅުނު ނީމާގެ ކެރެކްޓާ އެންމެ ފުރަތަމަ ހުށަހެޅީ ރޭކާއަށެވެ. އެކަމަކު އެއީ ސަޕޯޓިން ރޯލަކަށްވެފައި، އެ ރޯލް ކުރުކަމުން ރޭކާ ވަނީ ފިލްމު ގަބޫލުކުރަން އިންކާރުކޮށްފަ އެވެ.

"ބޮބީ" ގައި އަރޫނާ ފެނިގެން ދިޔަ "މެ ޝާޔަރު ތޮ ނެހީ" އަކީ ފިލްމުގެ ލަވަތަކުގެ ތެރެއިން އަދިވެސް އެންމެ މަގުބޫލު އެއް ލަވަ އެވެ.

"ބޮބީ" ދޫކޮށްލި ނަމަވެސް ރޭކާ ވަނީ ރާޖް، އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ރަންދީރް ކަޕޫރާ އެކު 1975 ގައި ގެނެސްދިން ފިލްމު "ދަރަމް ކަރަމް" ގެ ބަތަލާގެ ރޯލް ކުޅެފަ އެވެ.

* "ބޮބީ" ގެ ކްލައިމެކްސް އެންމެ ފުރަތަމަ އޮތީ ފަހުން ފިލްމުގައި ގެނެސްދީން ގޮތާ ހިލާފަށް ވަރަށް ހިތާމަވެރި ނިމުމަކާ އެކީގަ އެވެ. އެއީ ރިޝީ އާއި ޑިމްޕަލް ގެނބިގެން މަރުވާ ގޮތަށެވެ. ނަމަވެސް ފިލްމަށް އުފާވެރި ނިމުމެއް ގެންނަން މަޖުބޫރުވީ ޑިސްޓްރިބިއުޓަރުންގެ ޕްރެޝަރުތަކާ ހެދި އެވެ.

އޭރު ވަރަށް ގިނަ ޑިސްޓްރިބިއުޓަރުން ވަނީ ފިލްމުގެ ކްލައިމެކްސް އަށް "ހެޕީ އެންޑިން" އަށް ނުގެނެސްދީފި ނަމަ ފިލްމުގެ ޑިސްޓްރިބިއުޝަނާ ހަވާލުވުނުވާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. އެހެންވެ ރާޖަށް ޖެހުނީ ކްލައިމެކްސް ބަދަލުކުރާށެވެ. ނަތީޖާއަކަށްވީ "ބޮބީ" އަކީ ބެލުންތެރިން ފިލްމު ބަލާފައި ހިނިތުންވެ ތިބެ ސިނަމާތަކުން ނުކުތް ފިލްމަކަށްވުމެވެ.

"ބޮބީ" ރިލީޒްވިތާ މާ ގިނަ ދުވަހެއް ނުވެ، މިހާރު 62 އަހަރުގެ ޑިމްޕަލް ވަނީ އޭރުގެ ސުޕަސްޓާރު ރާޖޭޝް ކަންނާއާ ކައިވެނިކޮށް އެވެ. އަދި އެ ކައިވެންޏަށް ލިބުނީ ދެ އަންހެން ކުދިންނެވެ. އެއީ އަކްޝޭ ކުމާރުގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ އާއި ކުރީގެ ބަތަލާ ރިންކީ ކަންނާ އެވެ.

ރިޝީ އާއި ނީޓޫ ކައިވެނިކުރީ 1980 ގަ އެވެ. އެ ކައިވެންޏަށް ލިބުނީ އެކްޓަރު ރަންބީރް ކަޕޫރާއި ރިދިމާ ކަޕޫރެވެ.