05 މެއި 2020 - 10:19

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާނެ ވިޔަފާރީގެ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް ފަސޭހަކުރުމަށް ހދ. ކުޅުދުއްފުށީގައި ހުންނަ "ސަތޭކަ" ފިހާރަ އިން އޮންލައިން ވިޔަފާރި އަށް ހާއްސަ ވެބްސައިޓެއް ތައާރަފު ކޮށްފި އެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ރަށްރަށަށް އަރާފޭބުން މަނާކޮށްފައިވާ އިރު، ކުޅުދުއްފުށިން ވިޔަފާރީގެ ހިދުމަތް އާންމުކޮށް ހޯދާ، އެ އަތޮޅަށް ނިސްބަތްވާ ގިނަ ރަށްތަތަކެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމުގައި ވަނީ ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ފިހާރަ ހިންގާ ބިޔަލަންކޯ ޓްރޭޑިން އިން ބުނީ، "ސަތޭކަ" ފިހާރައިގެ ވިޔަފާރި އޮންލައިންކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާއި އެޗްޕީއޭ އިން ކޮވިޑް-19 އާ ގުޅިގެން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން ކަމަށާއި، ރައްކާތެރިކަމާ އެކު ރައްޔިތުންނަށް ވިޔަފާރި ކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

އެ ފިހާރައިން ބުނީ، އޮންލައިން ފިހާރައާ އެކު ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކުޅުދުއްފުށިން ވިޔަފާރީގެ ހިދުމަތް ހޯދާ މީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމާއި، ކުޅުދުއްފުށްޓަށް ދިއުމުގެ ބަދަލުގައި ރަށުގައި ތިބެގެން ވެސް ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ވެސް މިދުވަސްވަރު ގޭގައި ތިބެގެން ފަސޭހަކަމާ އެކު ވިޔަފާރި ކޮށްލެވޭނެ އެވެ.
"އަޅުގަނޑުމެންގެ ވެބްސައިޓުން ވިޔަފާރިކުރާ ފަރާތްތަކަށް، ފިހާރައިން ލިބެން ހުންނަ އަގުގައި ތަފާތުކުރުމެއް ނެތި ފްރީ ޑެލިވަރީއާ އެކު ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންވަނީ ނިންމައިފައި. އަދި ރަށްރަށުން އޯޑަރު ދޭ ބޭފުޅުންނަށް ވެސް އެ ރަށްރަށުގެ ސަޕްލައި ދޯންޏާ ހަމައަށް ހިލޭ ގެންގޮސްދޭނެ،" ބިޔަލަންކޯ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު ތަލްހަތު އިބްރާހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުޅުދުއްފުއްޓަށް މާލެއިން މުދާ ގެންދިއުމުގައި ހުރި އުނދަގޫތައް ކަމަށާއި ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އެކަމަށް ހުރިހާ ރައްޔިތުން ވެސް ކެތްތެރިވުން މުހިއްމު ކަމަށެވެ.
"ސަތޭކަ" ފިހާރައަކީ ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ބަޔެކެވެ. ކުޅުދުއްފުށިން މިހާތަނަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވި ނަމަވެސް ކައިރި ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ފެންނަމުންދިއުމާ އެކު އެ ރަށުގައި ވެސް މި ބަލިން ރައްކާތެރިވުމައްޓަކައި މުހިއްމު ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.