05 މެއި 2020 - 03:00

ކ. ތުލުސްދޫން ކޮވިޑް-19 އަށް އިތުރު ބިދޭސީއަކު އިއްޔެ ޕޮޒިޓިވް ވެފައިވާތީ، އެއާ ގުޅިގެން އެ ރަށް އާންމު ހާލަތަށް ބަދަލު ނުކުރެވި ދިގުލައިގެންދާތީ ތުލުސްދޫގައި ބަޔަކު މުޒާހަރާ ކޮށްފި އެވެ.

ތުލުސްދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ދެ ބިދޭސީ އެކެވެ. އޭގެ ފަހުން އިއްޔެއާ އެކު މިހާތަނަށް އިތުރު ދެ ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިދިޔަ މަހުގެ 27 ގައި ފުރަތަމަ ދެ މީހުން ޕޮޒިޓިވްވުމާ އެކު، އެޗްޕީއޭ އިން ވަނީ ތުލުސްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މި ހަތަރު ބިދޭސީން ވެސް ދިރިއުޅެނީ އެއް ގެއެއްގަ އެވެ. އެ ގެ ވެސް އެ ދުވަހުން ފެށިގެން ވަނީ މޮނިޓަރިންގަ އެވެ.
ކޮވިޑް-19 އަށް ޝައްކު ކުރެވޭ ނުވަތަ ޕޮޒިޓިވްވާ ބަޔަކު ތަނަކުން ފެނިއްޖެ ނަމަ، ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެން އެ ތަނެއް ނުވަތަ އެ ރަށެއް އާންމު އުސޫލުގެ މަތިން ބަންދުވާނެ އެވެ. މިއީ ފެށުނީއްސުރެ އެޗްޕީއޭ އިން އަމަލު ކުރަމުން އަންނަ ގޮތެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް "މިހާރު" އަށް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ބިދޭސީން ހިމެނޭ ގްރޫޕުގައި 18 ވަރަކަށް މީހުން ހިމެނޭ ކަމަށެވެ. އެއީ ސްޓެލްކޯގެ މަސައްކަތެއްގައި ތުލުސްދު އަށް ގޮސްގެން އުޅޭ ބައެއް ކަމަށާއި އެ މީހުން އެ ރަށުގައި އުޅޭތާ ދެ މަހެއްހާ ދުވަސް ވެއްޖެ ކަމަށް އަނީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި މީހާ އެޗްޕީއޭގެ ބެލުމުގެ ދަށަކަށް އަދި ނުގެންދެ އެވެ.
ތުލުސްދޫން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރަށް އާންމު ހާލަތަކަށް ބަދަލުވުން ދިގުލައިގެންދާތީ ސިއްހީ މަރުކަޒު ކައިރީގައި ބަޔަކު މިރޭ މުޒާހަރާ ކޮށްފައިވާ ކަމަށެވެ.
"އެއް ތަނެއްގައި ތިބި ބައެއް ޕޮޒިޓިވް މި ވަނީ. އެ މީހުންނަށް އެ ތަނުން ބޭރަށް ނުނިކުމެވޭ ގޮތަށް ތަން ހުރީ މޮނިޓަރިންގައި. އެކަމަކު ފަހަރަކު މީހަކު ފެންނާތީ [ޕޮޒިޓިވް ވާތީ] ރަށުގެ މޮނިޓަރިންގެ ހާލަތު އެބަ އިތުރުވޭ. އެހެންވެ ރައްޔިތުން ގޮވާލަނީ އެންމެން އެއްކޮށް ގެންދަން،" އަނީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާ ގިނަ ދުވަސް ވަންދެން މޮނިޓަރިންގެ ހާލަތުގައި ރަށް އޮތުމުން އާންމުން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ބުރޫ އަރާ ކަމަށެވެ. މަހަށް ދިއުން ފަދަ ކަންކަން ނުކުރެވި ބައެއް ގޭގެ އިން މަސް ހުސްވެ، ވަރަށް ދަތިކޮށް ވެސް އުޅެމުންދާ ކަމަށް އަނީސް ވިދާޅުވި އެވެ. ރައްޔިތުންގެ ކަންބޮޑުވުމަކީ އެއީ ކަމަށާއި ބޭނުންވަނީ މި ބިދޭސީންގެ ގްރޫޕުގެ އެންމެން އެއްކޮށް ފޮނުވާލައި ރަށް އާންމު ހާލަތަކަށް ގެނައުމަށް ކަމަށް އަނީސް ވިދާޅުވި އެވެ.
ތުލުސްދޫން ހަތަރު މީހަކު ޕޮޒިޓިވްވި އިރު އެއީ ރާއްޖެ އިން ކޮވިޑް-19 ފެނުނު އަތޮޅު ތެރޭގެ ދެވަނަ ރަށެވެ. އެންމެ ފުރަތަމަ އެބަލި އަތޮޅު ތެރެއިން ފެނުނީ ހއ. އުލިގަމުންނެވެ. ދެން އެ ބަލި ފެނިފައި ވަނީ ށ. ނަރުދު އާއި ށ. މިލަންދު އާއި ނ. މަނަދޫ އަދި ހއ. ތަކަންދޫންނެވެ.
ރާއްޖެ އިން މިހާތަނަށް 551 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.