05 މެއި 2020 - 00:42

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 665 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީގެ މަސައްކަތްތަކަށެވެ. ޖުމްލަ ޚަރަދުގެ 91 ޕަސެންޓް ހޭދަކޮށްފައި ވަނީ އެ ދެ އިދާރާ އަށެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑެތި މަސައްކަތް ކުރާ މައިގަނޑު ދެ އެޖެންސީ އެވެ.
ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ތަފްސީލް މީގެ ފަހުން ކޮންމެ ހަފުތާއަކު ހާމަކުރުމަށެވެ. މިއީ އެ މައުލޫމާތު މި ގޮތަށް އާންމުކުރި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 އަށް ކުރާ ހުރިހާ ޚަރަދެއްގެ ތަފްސީލް ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އެ މިނިސްޓްރީން މިހާރު ވަނީ ސަރުކާރުގެ ހުރިހާ އިދާރާއަކަށް އަންގައިފަ އެވެ.
ހިސާބުތަކަށް ބަލާއިރު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންއީއޯސީ) ން ކުރާ މަސައްކަތްތަކަށް މިހާތަނަށް ޚަރަދު ކޮށްފައި ވަނީ 387 މިލިއަން ރުފިޔާ އެވެ. ހެލްތު މިނިސްޓްރީން 136 މިލިއަން ރުފިޔާ، ނޭޝަނަލް ޕްލޭނިން މިނިސްޓްރީން 28 މިލިއަން ރުފިޔާ، އެމްއެންޑީއެފުން ފަސް މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 3.4 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 2.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނުން އެއް ލައްކަ ރުފިޔާ އާއި އައިޖީއެމްއެޗުން އެއް ލައްކަ އާއި ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84 މިލިއަން ރުފިޔާ އާއި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 15.9 މިލިއަނާއި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހޭދަކޮށްފައި ވެ އެވެ.
ޚަރަދުތަކުގެ ތެރޭގައި ބައްޔަށް ޓެސްޓު ކުރުމަށާއި ކަރަންޓީން ފެސިލިޓީތަކަށާއި މެޑިކަލް ސާމާނު ހޯދުމަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ގާއިމު ކުރުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާޑުގެ ބާވަތްތައް ގެނައުން ވެސް ހިމެނެ އެވެ.
މިދިޔަ އޭޕްރީލް 24 ގައި ބޭއްވި މީޑިއާ ބްރީފިންގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާ އިރު ކޮވިޑް-19 ގެ މަސައްކަތްތަކަށް ސިއްހީ ދާއިރާ އަށް އިތުރަށް 1.6 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓްގައި ސިއްހީ ދާއިރާ އަށް ކަނޑައަޅާފައިވާ ބަޖެޓަކީ 1.7 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން ޖުމްލަ 3.3 ބިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ހޭދަކުރާނެ އެވެ. މި ފައިސާ ހޯދުމަށްޓަކައި މާލީ އެކި އިދާރާތަކާ އެކު މިހާރު ވެސް މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް އެހީތައް މިހާރު ވެސް ވަނީ ލިބިފަ އެވެ.