ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފެމިލީ ކޯޓުން ކައިވެނިކޮށްދޭން ފަށައިފި
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފެމިލީ ކޯޓުން ކައިވެނިކޮށްދޭން ފަށައިފި

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ފަށައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މި ހާލަތަކުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް އެކުލަވާލައި އިއްޔެ އިން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.

އެ އުސޫލުގައި ބުނެފައިވާގޮތުގައި، އެފަދަ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖްލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ. އެގޮތުން ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ވީޑީއޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވާ އޮންލައިން ޕްލެޓްފޯމަށް ލޮގިން ވާންޖެހޭނެ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން މި ފެށީ، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ކައިވެނިތައް ވެސް މަޑުޖެހިފައި ވަނިކޮށެވެ. އަދި ފަރުވާއެއް ހޯދިފައިނުވާ ބަލިން ރައްކާތެރިވުމަށް، ލޮކްޑައުންގެ މުއްދަތު ވަނީ އިތުރު 14 ދުވަހަށް ދަންމާލައިފަ އެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހޭނެ އެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި ހާޒިރުވާންޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ގޮތަށް ކައިވެނިކޮށްދިން ކަމުގައި ވިއަސް، ކައިވެނީގެ މަޖިލިސް ފަށާނީ އާއްމު އުސޫލުންނެވެ. ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގައި، ކައިވެނިކުރާ މީހުންނަށް ކޯޓުން ދޭނީ ހާއްސަ ނަމްބަރެއް ޖަހާފައިވާ ވަގުތީ ލިޔުމެކެވެ. އެ ލިޔުން ފޮނުވާނީ މެއިލް ނުވަތަ ސޯޝަލް މީޑިއާ ވަސީލަތެއް މެދުވެރިކޮށެވެ.