04 މެއި 2020 - 20:27

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އަށް ބޭނުންވާ އިމަޖެންސީ ވެންޓިލޭޓަރެއް އެމްއެންޑީއެފް އިން އުފައްދައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ، އެ ސާވިސްގެ ކޯޕްސްގެ ސިގްނަލްސް އިން ވެންޓިލޭޓަރު އުފައްދަން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. ހަލާކުވެފައިވާ އިލެކްޓްރޯނިކް ސާމާނު ބޭނުންކޮށްގެން ވެންޓިލޭޓަރު ހަދައި ނިންމާފައިވަނީ 14 ދުވަހުގެ ތެރޭގަ އެވެ.
އިމަޖެންސީ ވެންޓީލޭޓަރަކީ، ޕްރޮޓޯޓައިޕް އަކަށް ވުމުން އެފަދަ ސިއްހީ ސާމާނު ބޭނުންކުރުމުގެ ކުރިން ހަމަޖެހިފައިވާ އުސޫލުން ޓެސްޓުތަކާއި ޓްރަޔަލްތައް ކުރިއަށްގެންދާނެ ކަމަށެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެފުން ވަނި އެ މީހުން އަމިއްލަ އަށް ވެންޓިލޭޓަރެއް އުފައްދާފައި ކަމަށާއި އެކަމަށްޓަކައި ފަޚުރުވެރިވަޑައިގަންނަވާ ކަމަށެވެ.
ކޮވިޑް-19 ގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. ސަރުކާރުން ވަނީ ރާއްޖެ އަށް ބޭނުންވާ ގިނަ ވެންޓިލޭޓަރުތަކެއް ހޯދަން ބަޔަކާ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ ލިބިފަ އެވެ.