04 މެއި 2020 - 20:09

ކޮވިޑް-19 އިން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ކޮވިޑް-19 ރެސްޕޮންސް ކޮންޓެކްޓް ގްރޫޕުން ބޭއްވި ބައްދަލުވުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެން، ޝާހިދު ވިދާޅުވީ އެ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްނަގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރަމުން އަންނަ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތް ކަމަށެވެ. މިކަމުން އަރައިގަނެވޭނީ އެންމެން އެކީގައި ގުޅިގެން މަސައްކަތް ކޮށްގެންކަން ފާހަގަކުރައްވައި އެންމެން އެކަތިގަނޑަކަށް ވުމަށް އޭނާ ގޮވައިލެއްވި އެވެ.
އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި، ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ. ބޯޑަރު ބަންދުކޮށް، ވަކި ގައުމުތަކުން މީހުން އައުން މަނާކުރުމާ އެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައިވާއިރު، ރާއްޖެ އަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން މި އަހަރު ދަށަށް ދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވަނީ ނާމްގެ މެމްބަރުންގެ ގޮތުގައި ތިބި ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް، ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމަށް އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގައި އެދިވަޑައިގެންފަ އެވެ. ހާއްސަކޮށްގެން މި ދަނޑިވަޅުގައި ބޭރުގެ ދަރަނިތައް އަދާކުރުން މަޑުޖައްސާލުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.
ނާމްގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ގައުމުތަކަށް ބޭނުންވާ އެހީ ހޯދުމަށާއި ބޮޑެތި ގައުމުތަކުގެ ފަރާތުން ބޭނުންވާ ދުރު ރާސްތާ އެހީ ހޯދުމުގައި ނާމް އިން އިސްދައުރެއް އަދާކުރާނެކަމަށް ކުދި ގައުމުތަކުން ގަބޫލުކުރާކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ސަބަބުން ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަމުން އަރައިގަތުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭއްވި ބައްދަލުވުމުގައި ވަނީ، ނާމްގެ ޓާސްކް ފޯހެއް އެކުލަވާލަން ނިންމައިފަ އެވެ. މެމްބަރު ގައުމުތަކަށް މި ވަގުތު ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހުގެ ބާވަތްތައް އެ ޓާސްކްފޯހާ ހިއްސާކުރުމުން، ޓާސްކްފޯހުން އެހީދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތައް މެދުވެރިކޮށް މި އެހީތައް ހޯދުމަށް މަސައްކަތްކުރާނެ އެވެ.
ނާމް އަކީ އދ. ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޖަމިއްޔާ އެވެ. އެ ޖަމާއަތުގައި 120 މެމްބަރު ގައުމު ހިމެނެ އެވެ. ރާއްޖެއަކީ އޮގަސްޓް 15، 1976 އިން ފެށިގެން ނާމްގެ ހަރަކާތްތެރި މެމްބަރެކެވެ.