04 މެއި 2020 - 17:28

ވެލިންޓަން (މެއި 4) - ނިއު ޒީލެންޑުން އެއްވެސް މީހަކު މިއަދު ޕޮޒިޓިވް ނުވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
މިއީ ކޮރޯނާވައިފރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް މާޗް މަހު މެދެއްހާ ހިސާބުގައި އަޅަން ފެށި ފަހުން ނިއު ޒީލެންޑުން ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވާ ކަމަށް ރިޕޯޓްކުރި ފުރަތަމަ ދުވަހެވެ.
"މިއީ އެންމެންކުރި މަސައްކަތުގެ ނަތީޖާ،" ނިއު ޒީލެންޑުގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު އޭޝްލީ ބްލޫމްފީލްޑް ވިދާޅުވި އެވެ.
ޕެސިފިކުގެ ގައުމުން މިހާރު ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށައިފަ އެވެ. އިތުރު ލުއިތައް ދިނުމާ މެދު މި މަހު 11 ވަނަ ދުވަހު ގޮތެއް ނިންމާނެ އެވެ.
ބްލޫމްފީލްޑް ވިދާޅުވީ ލޮކްޑައުންގެ ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.
ނިއު ޒީލެންޑުން މިހާތަނަށް ވަނީ 1,487 މީހުން ޕޮޒިޓިވްވެ 20 މީހުން މަރުވެފަ އެވެ.
ނިއު ޒީލެންޑުން ވަނީ ވައިރަސް ފެތުރެން ފެށުމާ އެކު ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ބޯޑަރުތައް ބަންދުކޮށް ގައުމަށް އެތެރެވާ މީހަކު ނަމަ ކަރަންޓީން ކުރި އެވެ. ކޮންޓެކްޓް ޓްރޭސިން އާއި ޓެސްޓް ކުރުން ފުޅާކުރި އެވެ. އާއްމުން އެއްވާ ހުރިހާ ތަނަކާއި ސްކޫކްތަކާއި އޮފީސްތައް މާޗް 26 އިން ފެށިގެން ބަންދުކުރި އެވެ. ރެސްޓޯރެންޓްތައް ވެސް ބަންދުކޮށް ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ވެސް ހުއްޓާލި އެވެ.
ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ ހަރުކަށި ލޮކްޑައުނަކަށް ނުދިޔަ ނަމަ ނިއު ޒީލެންޑުން ޕޮޒިޓިވްވާ ކޭސްތައް ދުވާލަކު 1،000 އިން މައްޗަށް އެރީސް ކަމަށެވެ.