04 މެއި 2020 - 16:17

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ކުރާ މަސައްކަތުގައި ކުރިއަށްދާން ބަލާއިރު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިމިވާ ހާލަތުގެ ސަބަބުން ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިއީ ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގްވާމީ ފުރަތަމަ ކުޅިވަރު ގޭމްސް އެވެ. އަދި މިއީ ރާއްޖޭގައި ރަސްމީކޮށް ކުޅިވަރު ކުޅެންފެށިތާ މިވީ އަށްޑިހަވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ޝަރަފަށެވެ. މި ކުޅިވަރު ހަރަކާތް ކާމިޔާބުކަމާ އެކު ބޭއްވުމުގެ އެކި ޕްލޭންތައް ސްޕޯޓްސް މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީން ވަނީ ފަށައިފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ މި ވަގުތު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން އައިއޯއައިޖީގެ ތައްޔާރީއާ މެދު ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑު އަމިއްލަ އަށް ވެސް ކޮންމެ ދުވަަހަކު ކަންބޮޑުވާ ކަމެއް މިއީ. ގެއްލިގެންދާ ކޮންމެ ދުވަހަކީ ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑަށް ހީވަނީ ތިކަމާ (އައިއޯއައިޖީއާ) ބެހޭގޮތުން ފައިނަލް ޑިޒިޝަންއެއް ކިހިނެއްތޯ ކުރިއަށްދަނީ ހަމަ ނިންމޭނީ މިނިސްޓްރިއަލް ލެވަލްގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައި މި އޮންނަ ކޮމިޓީގައި،" މަހުލޫފް ވިދާޅުވި އެވެ.
ރާއްޖޭން އައިއޯއައިޖީ ބޭއްވުމުގެ ބިޑް ކާމިޔާބުކުރީ މި ސަރަހައްދުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ މަޑަގަސްރަކައާ އައި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ. އައިއޯއައިޖީގެ ބާއްވާ ގައުމެއް ކަނޑައަޅަން ނެގި ވޯޓުގައި ރާއްޖެ އަށް ހަތަރު ގައުމެއްގެ ތާއީދު ލިބުނުއިރު، މަޑަގަސްކަރަ އާއި ކޮމޮރޯސް އަށް، ކޮންމެ ގައުމަކަށް ލިބުނީ އެއް ވޯޓެވެ. ރާއްޖެ އަށް ބިޑް ކާމިޔާބުކުރެވުމުގައި ފޮރިން މިނިސްޓްރީން އިސްވެ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އަދި ގިނަ އެހީތަކެއް ވެސް ވަނީ ހޯދައިފަ އެވެ.
ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ފުރުސަތު ލިބުނު އެއް ސަބަބަކީ ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭން ރަނގަޅުވުންކަން ވަނި ފާހަގަކޮށްފަ އެވެ. އެ ޕްލޭނުގައިވާ ގޮތުން ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރާއިރު ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އަދި އެކި ކުޅިވަރުތަކުގެ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނައިރު، އެ މުބާރާތްތައް ކުރިއަށްދާނީ ހަމައެކަނި މާލޭގެ ބަދަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގަ އެވެ.
އައިއޯއައިޖީގެ ތައްޔާރީ އަށް މި އަހަރަކީ ބޮޑު އަހަރެއްގެ ގޮތުގައި މީގެ ކުރިން އޮތީ އިއުލާނުކޮށްފަ އެވެ. އެ ގޮތުން ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތަކެއް ވަނީ ތާވަލުކޮށްފަ އެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް މި އައި ލޮޅުމުގެ ސަބަބުން އައިއޯއައިޖީގެ ތައްޔާރީތައް މަޑުޖެހޭނެ އެވެ.
"ވަރަށް ބޮޑު ގޮންޖެހުމެއް މިއީ. މި އަހަރު ތެރޭގައި އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ފަށަން ތައްޔާރުވެގެން ތިބީ. ނަމަވެސް މިހާރު މި ފެންނަ މަންޒަރުން ވަރަށް ދުރުގައި އޮތް ކަމެއްގެ ގޮތުގައި މި ފެންނަނީ. މި އަހަރު އެކަން ނުވުން. އެހެންވެއްޖެނަމަ ވަރަށް ބޮޑު ހުރަހަކަށް ވެގެން މިދަނީ. މިކަމުން އަރައިގަނެވި މި ކަންކަމަށް މަޝްވަރާކުރެވި ޕޮލިސީ ލެވަލްގައި ގޮތްތަކެއް ނިމިގެންދާނެ،" މަހުލޫފް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އައިއޯއައިޖީ ބާއްވަން 2015 ވަނަ އަހަރު ރާއްޖޭން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި އޭރުގެ ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިޔަ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.