ވޮލެންޓިއަރުން ކަދުރު ބެހީ ފަގީރުންނަށް އެކަނި: މަހުލޫފު
ވޮލެންޓިއަރުން ކަދުރު ބެހީ ފަގީރުންނަށް އެކަނި: މަހުލޫފު

ސައުދީ އަރަބިޔާއިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން ޔޫތު މިނިސްޓްރީގެ ވޮލެންޓިއަރުން ބަހާފައިވަނީ ފަގީރުންގެ ގޮތުގައި ތިބި މީހުންނަށް އެކަނި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއާއިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މާލޭގައި 400 އަށް ވުރެ ގިނަ ގެއަށް ޔޫތު މިނިސްޓްރީގެ ވޮލެންޓިއަރުން ވަނީ ކަދުރު ހަވާލުކޮށްފަ އެވެ. އެކަމަކު ހުރިހާ ގެއަކަށް މިފަހަރު ކަދުރު ނުލިބޭތީ އެކަމުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވީ ވޮލެންޓިއަރުން ކަދުރު ބަހާފައިވަނީ ފަގީރުންގެ ގޮތުގައި މާލޭގައި ރަޖިސްޓްރީވެފައި ހުރި ގެތަކަށް އެކަނި ކަމަށެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް އިސްލާމިކް މިނިސްޓްރީން ކަދުރު ނުބެހި އޮތީ މާލެ ސަރަހައްދު ލޮކްޑައުންގައި އޮތުމުން ކަމަށާއި އަދި ރަށްރަށަށް ކަދުރު ފޮނުވުމުގެ މަސައްކަތް މިހާރު ކުރާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"އެންމެ ނިކަމެތިންނަށް ކަދުރު ފޯރުކޮށް ދިނުމަށް އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދުނީމަ އަޅުގަނޑުމެން އެކަން މިކޮށްދިނީ. އަޅުގަނޑު މައުލޫމާތު ފަހުން ސާފު ކުރިއިރު ކައުންސިލްތަކާ ގުޅިގެން ރަށްރަށަށް ފޮނުވުމުގެ މަސައްކަަތް ވެސް އިސްލާމިކް މިނިސްޓްރީން އެބަ ކުރައްވާ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ކަދުރު ބެހުމާ ގުޅޭ ކަންކަމަކީ އިސްލާމިކް މިނިސްޓްރީން ކުރާ ކަމެއް ކަމަށާއި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޔޫތު މިނިސްޓްރީން އެ ތަކެތި ފޯރުކޮށް ދިނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.

މީގެ އިތުރުން ޔުނިސެފްއާ ގުޅިގެން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ 700 އަށް ވުރެ ގިނަ އާއިލާއަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް މިހާރު ޔޫތު މިނިސްޓްރީގެ ވެލޮންޓިއަރުން ކުރަމުންދާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. އޭގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި އާއިލާތަކަށް އެ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ފިހާރަތަކުން މުދާ ޑެލިވަރީކޮށް ދިނުމުގައި ކުރިމަތިވި ގޮންޖެހުންތައް އެ މިނިސްޓްރީގެ ވޮލެންޓިއަރުން އެ މަސައްކަތަށް ނިކުތުމާ އެކު ވަރަށް ބޮޑަށް ލުއި ކުރެވިފައިވާ ކަމަށެވެ.

ކަދުރު ބެހުމުގެ މައްސަލާގައި ފާޑުކިޔުން އަމާޒުވިއިރު، އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ މިއަހަރު ފުރަތަމަ ކަދުރު ބަހާނީ ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު ރަޖިސްޓްރީވި މީހުންނަށް ކަމަށާއި އާންމު ގޭގެއަށް އެ ތަކެތި ދޫކުރާނީ އެއަށް ފަހު ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާކުރި އެވެ. އެކަމަކު މިއަހަރު ހަދިޔާކުރީ ކިހާ އަދަދެއް ކަން އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.