ހަަސަންލަތީފްގެ ބިލް މަޖިލީހަށް ބަލައިގެންފި
ހަަސަންލަތީފްގެ ބިލް މަޖިލީހަށް ބަލައިގެންފި

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ބިލު"ގެ ނަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިިލް މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.

ބިލް ހުށަހެޅުއްވީ، ކައުންސިލްތަކުގެ ދައުރު ހަމަވެ، އާ އިންތިޚާބެއް ނުބޭއްވި ދާއިރު، އަންނަ ގާނޫނީ ހުސްކަން ފިލުވައިދިނުމާ އެކު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ކަށަވަރުކޮށްދިނުމަށް ކަމަށް ބިލު ހުށަހެޅުއްވި އިރު ހަސަން ވިދާޅުވި އެވެ. މަޖިލީހުގެ ތަޅުމަށް ބިލް ބަލައިގަންނަން ފާސްކުރީ 53 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވީ ހަ މެމްބަރެކެވެ.

ބިލު ބަލައިގަތުމަށް ފަހު ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށެވެ.

ލޯކަލް ކަައުންސިލް އިންތިހާބު ލަސްވާ މައްސަލަ އަށް، ގާނޫނުއަސާސީ އިސްލާހުކޮށްގެން ހައްލު ހޯދަން ސަރުކާރުގެ ހުށަހެޅުން އެއްފަރާތްކޮށް، ހަސަން ލަތީފް ހުށަހެޅުއްވި ބިލަކީ ގާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމަށް މިއަދު ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތިޚާބީ މަގާމެއްގެ ދައުރު ގާނޫނުއަސާސީ އިސްލާހު ނުކޮށް، ގާނޫނަކުން އިތުރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދައުރެއްގެ މުއްދަތު ސިމްޕަލް މެޖޯރިޓީން ފާސްކުރާ ގާނޫނަކުން ބަދަލު ކުރުމަކީ ނަތީޖާ ގޯސް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރު އެއް އަހަރު ދުވަހަށް އިތުރު ކުރެވޭ ކަމަށާއި އެކަމަކު އެކަން އެހެން ކުރުމަށް ފާސްކުރާ ގަރާރަށް ވެސް މަޖިލީހުގެ ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މިއަދު ކުރަން މިއުޅޭ ކަމަކީ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީއަކުން، އާއްމު ގާނޫނަކުން، ގާނޫނުއަސާސީގައި ކަނޑަައަޅާފައި އޮތް މުއްދަތެއް އިތުރުކުރުމަށް ޓަކައި މަސައްކަތް މިކުރެވެނީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތް މުއްދަތެއް މިގޮތަށް ސިމްޕަލް މެޖޯރިޓީއަކުން އިތުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ކުރަން ވާވަރުގެ ކަމެއް ވެސް ނޫން،" އުޝާމް ވިދާޅުވި އެވެ.

ހަސަން ލަތީފް މިއަދު ވިދާޅުވީ ލޯކަލް އޭނާ ހުށަހެޅުއްވި ބިލް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް އެކަން ގަބޫލުނުކުރައްވާ ކަަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ވަނީ ކައުންސިލްތަކުގެ ދައުރު ނުނިމެނީސް އިންތިހާބެއް ބާްއްވަން ކަމަށާއި އޭނާ ހުށަހެޅުއްވި ބިލުގައި އެވަނީ ގާނޫނުއަސާސީގައި ނެތް ކަމެއް ކަމަށެވެ.

"އެ އިންތިހާބު ނުބޭއްވިއްޖެ ނަމަ ދެން އަމަލުކުރާނެ ގޮތެއް ގާނޫނުއަސާސީ ތަސައްވުރު ކޮށްފައެއް ނެތް، އިއްޒަތްތެރި ރައީސް. އަދި އެހެން ކަމުން އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ގާނޫނުއަސާސީގައި ބަޔާން ކޮށްފައެއް ވެސް ނެތް،" ހަސަން ލަތީފްް ވިދާޅުވި އެވެ.