04 މެއި 2020 - 15:34

ކޮވިޑް-19 އަތޮޅުތަކުގައި ފެތުރުމާ ގުޅިގެން ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފި އެވެ.
ނ. މަނަދު އާއި ށ. ނަރުދު އާއި ށ. މިލަންދޫ އަކީ މިހާރު ވައިރަސް ފެތުރިފައިވާ ރަށްރަށެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ނަރުދޫންނެވެ. އެއީ 11 މީިހުންނެވެ.
ނަރުދޫގެ ކައުންސިލް ރައީސް އަހުމަދު އާރިފު "މިހާރު" އަށް ވިދާޅުވީ ވެލާއިން އެ ރަށަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިއަދު ދީފައިވާ ކަމަށެވެ. އެގޮތުން، އެ ރިސޯޓުން ދޭ ތަކެތީގެ ތެރޭގައި އަންގި އާއި މާސްކުގެ އިތުރުން މި ހާލަތުގައި ބޭނުން ކުރާނެ އެހެން ސާމާނު ވެސް ހިމެނޭ ކަމަށް ބުނެފައިވާ ކަމަށް އާރިފު ވިދާޅުވި އެވެ.
ވެލާ ރިސޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު ރާއްޖެ އަށް 10،000 ޓެސްޓް ކިޓާއި ފަސް ވެންޓިލޭޓަރާއި 100،000 ފޭސް މާސްކާއި 200 ރެސްޕިރޭޓާ އަދި 500 ޕީޕީއީ ކިޓް ވެސް ހަދިޔާ ކޮށްފަ އެވެ. މި ތަކެތި ރާއްޖެ އަށް ގެނައީ އެ ރިސޯޓުގެ އިސް ބޭފުޅުން ވަޑައިގެންނެވި ޕްރައިވެޓު ޖެޓުތަކުގަ އެވެ.