04 މެއި 2020 - 15:56

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19އާ ގުޅިގެން ބަލިމީހުންނާއި އެންމެ ކައިރިން މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރި ކަމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުންގެ ހިދުމަތުގައި މަސައްކަތް ކުރާ މި މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޕްރިންޓް ލެބުން މިވަނީ ނަމޫނާ ދައްކައިފަ އެވެ.

ޕްރިންޓްލެބާއި ދިރާގު ގުޅިގެން ރޭގެ ވަގުތެއްގައި ހެލްތު މިނިސްޓްރީ އަށް ހަދިޔާ ކުރި "ސާމްޕްލިން ކިއޮސްކުތަކަކީ" ކޮވިޑް-19 އަށް ޓެސްޓު ކުރާއިރު ސިއްހީ ހިދުމަތްތެރިޔާ އަށް ކުރިއަށްވުރެ ބޮޑު ރައްކާތެރިކަން ކަށަވަރުކޮށްދޭ އެއްޗެކެވެ. ބޫތެއް ގޮތަށް ހަދާފައިވާ މި ކިއޮސްކުގެ ސަބަބުން ޓެސްޓު ހަދަން ސާމްޕަލް ނަގާ މީހާ އާއި ބަލި މީހާއާ ދެމެދު އެކަށީގެންވާ ދުރުމިނެއް ހުރެފައި ދެ މީހުން ދޭތެރޭގައި ޝީލްޑެއް ވެސް ހުންނާނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރާ ޕީޕީއީ ކިޓުތައް ލިބުމުގައި މިހާރު ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. ޕޮޒިޓިވް މީހަކާ ދިމާވެއްޖެ ނަމަ ޕީޕީއީ ބޭނުން ކުރާ މީހުން ވެސް ކަރަންޓީނުގައި 14 ދުވަސް ހޭދަ ކުރަން ޖެހެ އެވެ. މީގެ ސަބަބުން ހިދުމަތް ދޭން ތިބޭ މީހުންގެ އަދަދު މަދުވާނެ އެވެ. އެހެންކަމުން މިހާލަތުގައި ޕްރިންްޓްލެބުން ތައްޔާރު ކުރި މި ކިއޮސްކުތަކަކީ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.

މިފަދަ އެއްޗަކަށް އެ ހިދުމަތްތެރިން ބޭނުންވެފައިވާ މިންވަރު ހާމަވީ ފުރަތަމަ ފަހަރަށް ކިއޮސްކުގެ ވާހަކަތައް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އާ ހިއްސާ ކުރުމުން ކަމަށް ޕްރިންޓު ލެބުގެ މެނޭޖިން ޑިރެކްޓަރު މަދީހު ޖަމާލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ މި ވާހަކަ އެންއީއޯސީގެ ޓީމާ ހިއްސާ ކުރި ދުވަހު އެތާ ތިބި އެންމެން އަތްތިލަބަޑިޖަހާ މަރުހަބާ ކި. މީގެ ސަބަބުން ކިއޮސްކަށް އެ މީހުން ބޭނުން ވެފައިވާ މިންވަރު އަޅުގަނޑުމެންނަށް ދޭހަވި،" މަދީހު ވިދާޅުވި އެވެ.
މަދީހު ވިދާޅުވީ ކިއޮސްކެއް ތައްޔާރު ކުރުމުގެ މަސައްކަތް ފެށީ މާލެ ލޮކްޑައުން ކުރި ދުވަހު ކަމަށެވެ. އެ ދުވަހުން ފެށިގެން ސެނެހިޔާގެ ސިއްހީ ހިދުމަތްތެރިންނާ ގުޅިގެން ފުރަތަމަ ޕްރޮޓޯޓައިޕް ތައްޔާރުކޮށް ޓެސްޓު ކުރި އެވެ. އަދި އެއަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ގެނެސް އެންމެ ރައްކާތެރިގޮތުގައި ޓެސްޓު ހެދޭ ކިއޮސްކުތައް މިހާރު މިވަނީ ތައްޔާރު ކޮށްފަ އެވެ.
މި ކޮއިސްކު ތައްޔާރު ކުރުމުގައި ޕްރިންޓު ލެބުގެ މަސައްކަތްތެރިންނަށް އެންމެ ބޮޑު ޗެލެންޖަކަށްވީ އަންގި ކަމަށް މަދީހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ހާޑްވެއާ ފިހާރަތަކުން ވެސް ކިއޮސްކަށް ބޭނުންކުރެވޭ ފެންވަރުގެ އަންގިއެއް ނުލިބުނެވެ. އެހެންކަމުން މިހާރު ކިއޮސްކުތަކުގައި ބޭނުން ކުރާ އަންގިއަކީ ޕްރިންޓްލެބުން އަމިއްލައަށް ތައްޔާރު ކޮށްފައިވާ އަންގި އެކެވެ.
"މި ތަކެތީގައި ބޭނުން ކުރާ އަންގިއަކީ ވަރަށް ތަފާތު އަންގިއެއް. ދުރުގައި ހުރެގެން ރައްކާތެރި ގޮތުގައި އަންގި ބޭނުންކޮށްގެން ބަލިމީހާގެ ސާމްޕަލް ނެގޭ ގޮތަށް އަދި ޑިސްއިންފެކްޓު ކުރެވޭ ގޮތަށް ހަދަން ޖެހެނީ. ވަރަށް ގިނަ ތަންތަން ބަލައިގެން ވެސް އެ އަންގި ނުލިބުމުން އަޅުގަނޑުމެން އަމިއްލަ މެޓީރިއަލްތަކެއް ބޭނުންކޮށްގެން ވޯޓާ ޕްރޫފްކޮށްގެން ތައްޔާރު ކުރީ،" މަދީހު ވިދާޅުވި އެވެ.
ޕްރިންޓްލެބަކީ ރާއްޖޭގައި ފުޅާ ދާއިރާއެެއްގައ ޕްރިންޓިންގެ ހިދުމަތް ދޭ ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ ވޯކްޝޮޕުން ތައްޔާރު ކުރާ "ކްރިއޭޓީވް ވުޑް ވޯކް" އަކީ ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަކެއްޗެވެ. ނަމަވެސް މި ދަނޑިވަޅު އެ ވޯކްޝޮޕުގެ ހުރިހާ ކަމެއް ވެސް ހާއްސަކޮށްފައި ވަނީ ސިފައިންނާއި ފުލުހުން އަދި އެޗްޕީއޭގެ ބޭނުންތަކަށެވެ.
ޕްރިންޓުލެބުން ވަނީ ކޮވިޑް-19އާ ގުލިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެހީވުމުގެ ގޮތުން ނެސްލޭ ސްރީ ލަންކާ އާ ގުޅިގެން 350 ޖޫސް ޕެކެޓު ކޭހާއި 150 ކޭކާއި ބިސްކޯދު ކޭސް ވެސް ހަދިޔާ ކޮށްފަ އެވެ.