ވޭތުވެދިޔަ 10 ދުވަސްތެރޭ އެންމެ މަދުން މީހުން ޕޮޒިޓިވްވީ އިއްޔެ!
ވޭތުވެދިޔަ 10 ދުވަސްތެރޭ އެންމެ މަދުން މީހުން ޕޮޒިޓިވްވީ އިއްޔެ!

ކޮރޯނާ ވައިރަހަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ގޮސް، ވޭތުވެދިޔަ 10 ދުވަސްތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އިއްޔެ މަދުވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އިއުލާން ކުރިގޮތުގައި އިއްޔެ އެ ބަލި ޖެހިފައި ވަނީ އެންމެ ތިން މީހަކަށެވެ.

ކޮރޯނާވައިރަހަށް މާލެ ތެރެއިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދަނީ އެ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ވޭތުވެ ދިޔަ 10 ދުވަހުގެ ތެރޭގައި، ބަލި ޖެހުނު މީހުން މުޅިން ވެސް ގުނައިލެވެނީ ދެ އަކުރުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު، ބަލި ޖެހުނު މީހުންގެ އަދަދު 188 އަށް ވެސް އެރި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެގެން ރިޕޯޓު ކުރީ އެ ދުވަހު އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބަލި ޖެހުނު ކަމަށް އެޗްޕީއޭއިން ރިޕޯޓު ކުރީ 23 މީހެކެވެ. އަދި ޖެހިގެން އައި ދުވަހު އެ އަދަދު 33 އަށް އިތުރުވެފައި އިއްޔެ ކުއްލިއަކަށް ވަނީ ތިނަކަށް ވެއްޓިފަ އެވެ.

މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ނަޒްލާ ރަފީގް ވިދާޅުވެފައިވާ ގޮތުގައި 14 ދުވަސްތެރޭގައި މާލެ ޕީކަށް ދާނެ ކަމަށް ބެލެވެ އެވެ. ނަޒްލާ އެ ވިދާޅުވި މުއްދަތު މީގެ ހަތަރު ދުވަސް ކުރިން ވަނީ ހަމަވެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވޭތުވެދިޔަ ދެތިން ދުވަހު މަދުވިޔަސް ކުރިއަށް އޮތް ތަނުގައި ކުއްލިއަކަށް ބޮޑު ކްލަސްޓާއެއް ފެނި އަދަދު މަތިވެދާނެ ކަމަށް، އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ރޭ ވަނީ ވިދާޅުވެފަ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޒަލް ވިދާޅުވި ގޮތުގައި އަދަދު މަދުވި ކަމަށް ބަލައި އަދި ހަމަޖެހިލެވޭކަށް ނެތެވެ.

ރާއްޖޭން މިހާތަނަށް 500އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނުގެ ކްލަސްޓާތައް ހިމެނެ އެވެ. މިފަދަ ތަންތަނުގެ ތެރެއިން ބަލަން ޖެހޭ 23 ތަނެއް ހުރި އިރު މިހާތަނަށް ބެލިފައި ވަނީ އެންމެ ހަތް ތަނެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެހެންވެ، ކީ ހުރި ތަންތަން ބަލާއިރު، ބައްޔަށް ޕޮޒިޓިވް ބަޔަކު ފެނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ބިދޭސީން ތޮއްޖެހިގެން އުޅޭ ތަންތަނުގެ ތެރެއިން އެއް ތަނަކުން އެއްފަހަރާ 95 މީހުން ވެސް ޕޮޒިޓިވްވެފައި ވެ އެވެ.