04 މެއި 2020 - 14:18

ގާނޫނުއަސާސީގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ގާނޫނުއަސާސީގައި ކަނޑައަޅާފައި އެބައޮތް ކަމަށާއި އެކަން އެގޮތަށް ނުވާ ހާލަތުގައި އާއްމު ގާނޫނަކުން އެ ދައުރު ދިގު ދަންމައި ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރު އެއް އަހަރު ދުވަހަށް އިތުރު ކުރެވޭ ކަމަށާއި އެކަމަކު އެކަން އެހެން ކުރުމަށް ފާސްކުރާ ގަރާރަށް ވެސް މަޖިލީހުގެ ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން މިއަދު ކުރަން މިއުޅޭ ކަމަކީ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީއަކުން، އާއްމު ގާނޫނަކުން، ގާނޫނުއަސާސީގައި ކަނޑަައަޅާފައި އޮތް މުއްދަތެއް އިތުރުކުރުމަށް ޓަކައި މަސައްކަތް މިކުރެވެނީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތް މުއްދަތެއް މިގޮތަށް ސިމްޕަލް މެޖޯރިޓީއަކުން އިތުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ކުރަން ވާވަރުގެ ކަމެއް ވެސް ނޫން،" އުޝާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ކައުންސިލް އިންތިހާބާ މެދު މިގޮތަށް އަމަލުކޮށްފި ނަމަ ރިޔާސީ އިންތިހާބާ މެދުގައި ވެސް މިގޮތަށް އަމަލުކުރުމަށް ހުޅުވައިލެވޭ ދޮރަކަށް އެކަން ވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ހާލަތުގައި މިއަދު މިކަން މިގޮތަށް ކޮށްފި ނަމަ މުސްތަގުބަލުގައި އެކަން [ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރު އާއްމު ގާނޫނަކުން އިތުރުކުރުމުގެ ކަންތައް] ނުކުރާނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއްތޯ؟" އުޝާމް ވިދާޅުވި އެވެ.
ހަސަން ލަަތީފް ހުށަހެޅުއްވި ބިލާ އެއްކޮޅަށް މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކަންތައްތައް މުއްދަތަށް ނުނިމުުމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ދައުރަށް ވުރެ އިތުރަށް މަގާމުގައި ދެމިހުންނެވި ކަމަށެވެ.
"އޭރުގައި އެކަމާ އިދިކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުުޅުން މިއަދު މިކަމާ ޖަސްްޓިފިކޭޝަނެއްގެ ގޮތުގައި އެވާހަކަ ދައްކަވާތީ ވެސް އަޅުގަނޑު މި އިންނަނީ ހަމަ ހައިރާން ވެފައި،" އޭނާ ވިދާޅުވި އެވެ.