ރިޝީ އާއި ރަންބީރު އަޅައެއްނުކިޔޭނެ: ޝަތުރުގަން ސިންހާ
ރިޝީ އާއި ރަންބީރު އަޅައެއްނުކިޔޭނެ: ޝަތުރުގަން ސިންހާ

މިދިޔަ ބުރާސްފަތި ދުވަހު މަރުވި އެކްޓަރު ރިޝީ ކަޕޫރާއި އޭނާގެ ދަރިފުޅު ރަންބީރް ކަޕޫރް އަޅާނުކިޔޭނެ ކަމަށާއި ބައްޕަ ފިލްމީ ދާއިރާ އިން ދަތުރުކުރި ހިސާބަށް ދާން ރަންބީރަށް އަދި ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) ބުނެފި އެވެ.

ރިޝީ އާއި ރަންބީރު އަޅައެއްނުކިޔޭނެ: ޝަތުރުގަން ސިންހާ
ރިޝީ އާއި ރަންބީރު އަޅައެއްނުކިޔޭނެ: ޝަތުރުގަން ސިންހާ

މުމްބާއީ މިރާ އަށް ދިން އިންޓަވިއުއްގައި، ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕަ ބުނީ ރިޝީ އަކީ ލޯބީގެ ފިލްމުތަކާ އެކު 80 އާއި 90 ގެ ތެރޭގައި ބޮލީވުޑްގައި ރަސްކަންކުރި ރޮމޭންޓިކް ޕޯސްޓަރު ބޯއީއެއް ކަމަށެވެ.

"ރަޖެންދުރަ ކުމާރާއި ރާޖޭޝް ކަންނާ އަށް ފަހު ލޯބީގެ ރޯލްތަކުން އަމިއްލަ ސްޓައިލެއް ގެންގުޅެ ބެލުންތެރިންގެ ހިތްތައް އެންމެ ބޮޑަށް ފަތަހަކޮށް، ލޯބި ހޯދި އެކްޓަރަކި ރިޝީ،" ސަތަރޭ ބުންޏެވެ. "އެހެންވީމަ އަހަރެން ގަބޫލެއް ނުކުރަން ރިޝީ އާއި އޭނާގެ ދަރިފުޅު އަޅާކިޔުމަކީ އިންސާފެއް ކަމަކަށް ވެސް. އަދި މި ވަގުތު އެއީ ކުރަން ޖެހޭ ކަމެއް ވެސް ނޫން."

އޭނާ ބުނި ގޮތުގައި ހިންދީ ސިނަމާގައި ރިޝީ ހޯދި މަގާމު ހޯދަން ރަންބީރަށް އަދި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ބުންޏެވެ. ސަތަރޭ ބުނީ ކޮންމެ އެކްޓަރަކީ ވެސް އެ މީހެއްގެ ޒާތުގައި ތަފާތު މީހެއް ކަމަށާއި ރަންބީރުގެ ފަރާތުން ރިޝީގެ ހުނަރަށް އުންމީދުކުރުމަކީ ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"އަހަރެން ބުނަން އޮތް ވާހަކަ އަކީ ރަންބީރު އަރަން އޮތް ބޫޓް އަދި ވަރަށް ބޮޑޭ. ބައްޕަ ވާނީ ހަމަ ބައްޕަ އަށް." އޭނާ ބުންޏެވެ.

ލޭގެ ކެންސަރު ބަލީގައި ރިޝީ 67 އަހަރުގައި މަރުވި އިރު، އޭނާ ވަނީ ކެރިއަރުގައި ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އަދި އޭގެ ތެރެއިން ގިނައީ ލޯބީގެ ފިލްމުތަކެވެ.

ރަންބީރް ކުރިން ދީފައިވާ އިންޓަވިއުއްގައި ބުނި އޭނާ އަކީ ބައްޕަގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި ބައްޕަ ކުޅުނު ހުރިހާ ފިލްމުތަކެއް ވެސް ވަރަށް ކަމުދާ ކަމަށެވެ. އެކަމަކު ބައްޕަ ކަހަލަ އެކްޓަރަކަށްވާކަށް މަސައްކަތްނުކުރާ ކަމަށް ބުންޏެވެ. ރިޝީ ވެސް ދީފައިވާ އެތައް އިންޓަވިއުއެއްގައި ރަންބީރް ކުޅެން ހޮވާ ފިލްމުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އޭނާ ކެރިއަރު ބައްޓަންކުރަމުންދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނެފައިވެ އެވެ.

ރަންބީރު، 37، ގެ ކުރިއަށް ހުރި ފިލްމުތަކަކީ "ޝަމްޝޭރާ" އާއި "ބުރައްމަސްތުރާ" ހިމެނެ އެވެ.