އަމީތާބުގެ "ޝޫބައިޓް" ރިލީޒްކޮށްދޭން އެދެން ފަށައިފި
އަމީތާބުގެ "ޝޫބައިޓް" ރިލީޒްކޮށްދޭން އެދެން ފަށައިފި

މަސައްކަތް ނިމިފައި އޮންނަތާ 12 އަހަރުވީ ނަމަވެސް މިހާތަނަށް ބެލުންތެރިންނަށް ނުގެނެސްދެވި އޮތް އަމީތާބް ބައްޗަންގެ ފިލްމު "ޝޫބައިޓް" މި ދަނޑިވަޅުގައި ސްޓްރީމިން ޕްލެޓްފޯމަކަށް ދޫކޮށްލަން ވަރަށް ރަނގަޅު ކަމަށް ބުނެ އެކަން ކޮށްދިނުމަށް ފަންނާނުންތަކެއް ގޮވައިލަން ފަށައިފި އެވެ.

މީގެ ކުރިން ސީދާ އަމީތާބު ވެސް ފިލްމު ރިލީޒްކޮށް ދޭން އެދި ޓްވީޓްތަކެއްކޮށްފަ އެވެ. "ޝޫބައިޓް" އަކީ ޝޫޖިތު ސިިރްކާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި މިއީ އޭނާ އަމީތާބާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމު ވެސް މެ އެވެ. "ޝޫބައިޓް" ރިލީޒްވެ ނުވެ އޮއްވައި އެ ދެ މީހުން ވަނީ އެކީގައި އެހެން ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ.

އެއީ 2015 ގެ "ޕީކޫ" އާއި މި އަހަރަށް ތާވަލުކޮށްފައިވާ "ގުލާބޯ ސިތާބޯ" އެވެ.

"ޝޫބައިޓް" ޑިޖިޓަލްކޮށް ގެނެސްދޭން އެދި ވާހަކަ ދައްކާފައިވާ ފަންނާނުންގެ ތެރޭގައި ޑައިރެކްޓަރު އަނޫރާގް ކެޝަޕާއި އަމީތާބާ އެކު "ގުލާބޯ ސިތާބޯ" ކުޅުނު އެކްޓަރު އަޔޫޝްމަން ކްރާނާ ހިމެނެ އެވެ. އޭނާ ފިލްމު ކޮމްޕޭނިއަން ދިން އިންޓަވިއުއެއްގައި ބުނީ "ޝޫބައިޓް" އެޑިޓިން މަސައްކަތްތައް ކުރި ދުވަސްވަރު ޝޫޖިތުގެ ފަރާތުން އެ ފިލްމު ބެލުމުމުގެ ނަސީބު ވެސް ލިބުނު ކަމަށެވެ.

އަޔޫޝްމަން ބުނީ އެ ފިލްމަކީ މިހާތަނަށް އަމީތާބު ކުޅުނު އެންމެ މޮޅު ފިލްމަށްވާނެ ކަމަށާއި އެ ފިލްމަކީ އިންޑިއާ އިން އޮސްކާ ވެސް ވެސް ފޮނުވޭ ފެންވަރުގެ މޮޅު ފިލްމެއް ކަމަށެވެ.

"އެހެންވެ އަހަރެން އެދެން އެ ފިލްމު މި ދަނޑިވަޅުގައި ޑިޖިޓަލްކޮށް ރިލީޒްކޮށްދޭން،" އޭނާ ބުންޏެވެ.

އަނޫރާގް ވެސް ބުނީ "ޝޫބައިޓް" އަކީ ބެލުންތެރިންނަށް ދައްކަން ޖެހޭ ފިލްމެއް ކަމަށެވެ. އެޑިޓިން މަރުހަލާގައި އޭނާ އަށް ވެސް ފިލްމު ފެނިފައިވާތީ އެއީ ވަރަށް ވެސް މޮޅު، ފުރިހަމަ ފިލްމެއް ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން "ޝޫބައިޓް" ރިލީޒްނުކުރެވި ތާށިވެފައި އޮތީ މީގެ ޕްރޮޑަކްޝަން ހައުސްތަކުގެ މެދުގައި އުފެދިފައިވާ މައްސަލަތަކާއި ފިލްމުވެ ވާހަކަ "ލޭބާ އޮފް ލަވް" ގެ ރައިޓްސް އޮތް އިންޑިއާ ދަރިކޮޅުގެ ހޮލީވުޑްގެ ޑައިރެކްޓަރު އެމް ނައިޓް ޝިއަމަލަންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ހެދި އެވެ.

އެގޮތުން ޝިޔަމަލަން ވެސް އެ ވާހަކަ އަށް ފިލްމެއް ހަދަން ބޭނުންވާ ކަމަށްވެ އެވެ. އަދި "ޝޫބައިޓް" ގެ ކުރިން އޭނާގެ ފިލްމު ގެނެސްދޭން އުޅޭ ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވުމަކީ ވެސް ފިލްމު ރިލީޒްނުކުރެވި އޮތް ސަބަބެއް ކަމަށްވެ އެވެ.

"ޝޫބައިޓް" ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ޑިޒްނީ އާއި ފޮކްސް ސްޓާ އިންޑިއާ އާއި ޔޫޓީވީ އާއި ސްޓާ މޫވީޒް އިންޑިއާގެ އިތުރުން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ގުޅިގެންނެވެ. އަނޫރާގް ކުރި ޓްވީޓާ ގުޅިގެން ރޯނީ ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމުގެ ބަލަދުވެރިކަން މިހާރު އަރަނީ ޔޫޓީވީ އާއި ފޮކްސް އަށް ކަމަށްވާތީ ފިލްމު ރިލީޒްކުރުމާއި ނުކުރުން އޮތީ އެ މީހުންގެ އަތްމަތީގައި ކަމަށެވެ.

މި ފިލްމުގައި ކިޔައިދެނީ "ސެލްފް ޑިސްކަވަރީއަކަށް" ނުކުންނަ 60 އަހަރުގެ މީހެއްގެ ވާހަކަ އެވެ. "ޝޫބައިޓް" ގެ ކާސްޓުންގެ ތެރޭގައި ސަރީކާ އާއި ދިއާ މިރްޒާ އާއި ޖިމީ ޝެރްގިލް އަދި ނަވާޒުއްދީން ސިއްދީގީ ހިމެނެ އެވެ.