25 އޮކްޓޯބަރ 2016 - 05:49

ބިހަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ބޭނުންކުރުން ވަރަށް ރަނގަޅު އެއްޗެއް ކަމަކަށް މިހާރު ވަރަށް ގިނަ ޑޮކްޓަރުންނާއި ނިއުޓްރިޝަނިސްޓުން ބުނެ އެވެ. ސަބަބަކީ ބިހުގައި ނިއުޓްރިއަންޓްސް، މިނަރަލްސް އަދި ވިޓަމިންސް އެކުލެވޭތީ އެވެ. ދުވާލަކު އެއް ބިސް ނުވަތަ ދެ ބިސް ނުވަތަ ހަފުތާއަކު 6-8 ބިސް ކެއުން ރަނގަޅު ކަމަށް މިހާރު ވަރަށް ގިނަ ސިއްހީ މާހިރުން އެއްބަސްވެ އެވެ.

ބިހުގައި އެކުލެވޭ ފައިދާގެ އިތުރުން ބިހަކީ ކައްކާލަން ފަސޭހަ ޕްރޮޓީން އިން މުއްސަނދިވެފައިވާ ކާނާއެކެވެ. އަދި ހުރިހާ މުހިއްމު އެމިނޯ އެސިޑްސް އެއް ބިހުގައި އެކުލެވިގެންވެ އެވެ.
އިންޑިއާގެ ނިއު ދިއްލީގެ ސީނިއާ ނިއުޓްރިޝަނިސްޓް އަދި މެޓަބޮލިކް ބެލެންސް ކޯޗު ޑރ. ތަރަންޖީތު ކޯރް ވިދާޅުވީ ބިސް ކާ ނަމަ ހަށިގަނޑުން ސަރުބީ ވިރުވާދިނުމުގެ މަސައްކަތް ހަލުވިވާ ކަމަށާއި ބެލެންސް ޑައިޓެއް ކެއުމަށް މަގުފަހިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބިސް ކާއިރު ގޮބޮޅިގަނޑު އެއްލާލުން ރަނގަޅު ނޫން ކަމަށެވެ. ސަބަބަކީ އޭގައި ހުރިހާ ރަނގަޅު ނިއުޓްރިއަންޓްސް އެއް އެކުލެވޭތީ އާއި ވިޓަމިންސް ހަށިގަނޑުގެ ތެރެއަށް ބެހިގެން ދިއުމަށް އެބައި މުހިއްމު ވާތީ އެވެ.
ނަމަވެސް މިހާރު ވެސް ކޮލެސްޓްރޯލް މައްޗަށްދާ މީހުން ގޮބޮޅި ނުކައި ހުސް ހުދުބައި ކެއުން ރަނގަޅުކަން އޭނާ ފަހަގަކުރެއްވި އެވެ.
ބިހަކީ ކެއުމުގެ އިތުރުން އިސްތަށިގަނޑާއި ހަމުގައި ވެސް އުނގުޅަން ރަނގަޅު އެއްޗެއް ކަމަށާއި އޭރުން ހަންގަނޑު ރީތިވެ ރޫޖެހުން ލަސްވެ ބޮލުން އިސްތަށި ފޭބުން ފަދަ މައްސަލަތަކުން ވެސް ދުރުވާނެ ކަމަށް ޑރ. ކޯރް ވިދާޅުވި އެވެ.
ބިހަކީ ހަށިގަނޑަށް ޕްރޮޓީން ލިއްބައިދިނުމަށް ރަނގަޅު ވަސީލަތެކެވެ. މީގެ އިތުރުން ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ބީ5، ވިޓަމިން ބީ12، ވިޓަމިން ޑީ އަދި މިނެރަލްސްގެ ތެރެއިން ޕޮޓޭސިއަމް، ޒިންކް، ކެލްސިއަމް އަދި ސެލޭނިއަމް ވެސް ބިހުގައި ހުރެ އެވެ.
އެޗްޑީއެލް ކޮލެސްޓްރޯލް މަތިކުރުމަށް ވެސް ބިހަކީ ރަނގަޅު އެއްޗެކެވެ. ހަށިގަނޑުގައި ދެ ވައްތަރެއްގެ ކޮލެސްޓްރޯލް ހުރެ އެވެ. ގުޑް ކޮލެސްޓްރޯލް ނުވަތަ ހައި ޑެންސިޓީ ލިޕޯޕްރޮޓީން (އެޗްޑީއެލް) އާއި ބޭޑް ކޮލެސްޓްރޯލް ނުވަތަ ލޯ ޑެންސިޓީ ލިޕޯޕްރޮޓީން (އެލްޑީއެލް) އެވެ. ބިސް ކެއުމުން އެޗްޑީއެލް ކޮލެސްޓްރޯލް ގުދުރަތީގޮތުން މަތިވާނެ އެވެ. އަދި މީގެ އިތުރުން ހިތް ހުއްޓުން ފަދަ ސިއްހީ ނުރައްކާތައް ކުޑަވާނެ އެވެ. މިނޫނަސް ހިތުގެ ވަރަށް ގިނަ މައްސަލަތަކަށް ބިހުން ހައްލު ލިބޭނެ އެވެ.
ސިކުނޑި ތަރައްގީވުމަށް ވެސް ބިހަކީ މުހިއްމު އެއްޗެކެވެ. ބިހުގައި ކޮލައިން އެކުލެވެ އެވެ. މިއީ ސިކުނޑި ތަރައްގީ ވުމަށާއި އޭގެ މަސައްކަތަށް އެހީތެރިވެދޭ އެއްޗެކެވެ. އެންމެ ބިހެއްގައި ވެސް 100 މިލިގްރާމް ކޮލައިން ހުރެ އެވެ. މިއީ ވިސްނުން ތޫނުކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. ހެނދުނުގެ ނާސްތާގައި ބިސް ހިމެނުމަށް ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ބާރު އަޅަނީ މިސަބަބާ ހެދި އެވެ.
ބިހުގައި އެންޓިއޮކްސިޑަންޓްސް ވެސް ހުރެ އެވެ. ލުތެއިން އާއި ޒީޒެންތިންއާ ދެ ވައްތަރުގެ އެންޓިއޮކްސިޑަންޓްސް ބިހުން ލިބޭނެ އެވެ. މިއީ ލޮލަށް ވަރަށް ފައިދާކުރާނެ އެއްޗެކެވެ. އަދި ނުރައްކާތެރި ބަލިތަކާއި އިންފެކްޝަންތަކުން ހަށިގަނޑު ސަލާމަތްކުރާނެ އެއްޗެކެވެ. އަދި އުމުރުން ދުވަސްވުމުން ދިމާވާ ބައެއް ސިއްހީ މައްސަލަތަކަށް ވެސް ބިހުން ފައިދާ ކުރެ އެވެ. ޚާއްސަކޮށް ބިހުގެ ރީނދޫ ބައިންނެވެ.
ކޮލެސްޓްރޯލް މައްޗަށް ނުދާ ނަމަ ރީނދޫބައި އެއްލާނުލަން އިރުޝާދު ދެނީ މި ސަބަބާ ހުރެ އެވެ. ބިހުގެ ރީނދޫބައިގައި ވިޓަމިން އޭ ވަރަށް ގިނައިން ހުރެ އެވެ. އުމުރުން ދުވަސްވުމުން ލޯ އަނދިރިވާން މެދުވެރިވާ އެއް ސަބަބަކަށް ވިޓަމިން އޭ މަދުވުން ހިމެނެ އެވެ.
ހެނދުނު ނާސްތާއަކަށް ބިސް ކައިގެން ދުވަސް ފަށައިފި ނަމަ ބަނޑުހައި ނުވެ ގިނަ ވަގުތު ހުރެވޭނެ އެވެ. ބިހަކީ ބަނޑު ފުރުމުގެ އިހްސާސް ވަރަށް ބޮޑަށް ކުރުވާ އެއްޗެކެވެ. އެހެންވެ ހެނދުނު ސަޔާ އެކު ބިސް ބޭނުންކޮށްފި ނަމަ މެންދުރު ކާ ގަޑި ޖެހުމާ ދެމެދު އިރުއިރުކޮޅުން އެއްޗެހި ކާހިތްވާލެއް ކުޑަވާނެ އެވެ.