ޕޮޒިޓިވް އަދަދު ކުއްލިއަކަށް އިތުރުވެދާނެ، ހަމަޖެހިލެވޭކަށް އަދި ނެތް: ޑރ. އަފްޒަލް
ޕޮޒިޓިވް އަދަދު ކުއްލިއަކަށް އިތުރުވެދާނެ، ހަމަޖެހިލެވޭކަށް އަދި ނެތް: ޑރ. އަފްޒަލް

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވޭތުވެދިޔަ ދެތިން ދުވަހު މަދުވިޔަސް ކުރިއަށް އޮތް ތަނުގައި ކުއްލިއަކަށް ބޮޑު ކްލަސްޓާއެއް ފެނި އަދަދު މަތިވެދާނެ ކަމަށާއި އަދި ހަމަޖެހިލެވެން ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭގެ) އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އަފްޒަލް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނުގެ ކްލަސްޓާތައް ހިމެނޭ ކަމަށެވެ. މިފަދަ ތަންތަނުގެ ތެރެއިން ބަލަން ޖެހޭ 23 ތަނެއް ހުރި އިރު މިހާތަނަށް ބެލިފައި ވަނީ އެންމެ ހަތް ތަނެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބާކީ ހުރި ތަންތަން ބަލާއިރު، ބައްޔަށް ޕޮޒިޓިވް ބަޔަކު ފެނުން އެކަށީގެންވެ އެވެ.

މާލޭގައި ބިދޭސީން ތޮއްޖެހިގެން އުޅޭ ތަންތަނުގެ ތެރެއިން އެއް ތަނަކުން އެއްފަހަރާ 95 މީހުން ވެސް ޕޮޒިޓިވްވެފައި ވެ އެވެ.

ރާއްޖެއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 527 މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އެއީ 181 ދިވެހިންނާއި 346 ބިދޭސީންނެވެ.