03 މެއި 2020 - 23:59

ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަން 15 ކިއޮސްކު ދިރާގުން ހެލްތު މިނިސްޓްރީއަށް މިއަދު ހަދިޔާ ކޮށްފި އެވެ.
ސާމްޕަލް ނަގާ ކިއޮސްކުތަކަކީ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓުތަކުގެ ބަދަލުގައި، ސާމްޕަލް ނެގުމަށް ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ ބޫތެކެވެ. މީގެ ސަބަބުން ޕީޕީއީ ކިޓު ބޭނުން ކުރާ މިންވަރު މަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މި ކިއޮސްކުތައް މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބޭނުން ކުރާނެ އެވެ. މިއީ، އެމްއެންޑީއެފާ ގުޅިގެން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޕްރިންޓް ލެބުން ތައްޔާރު ކޮށްފައިވާ ކިއޮސްކުތަކެކެވެ.
ސާމްޕަލް ކިއޮސްކު ހަދާފައި ވަނީ ސާމްޕަލް ނަގާ ހެލްތު އޮފިޝަލާއި ބަލިމީހާއާ ދެމެެދު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށެވެ. އެހެންކަމުން، ސާމްޕަލް ނަގާ މީހާއަށް މީގެ ސަބަބުން ރައްކާތެރިކަން އިތުރަށް ޔަގީން ވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ދިރާގުން ހަދިޔާ ކުރި ކިއޯސްކުތަކަކީ ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓު ކުރުމުގައި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ވެވޭ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަން އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ. ޕީޕީއީ ލިބުމުގައި ދަތިވެފައިވާ މި ދުވަސްވަރު ކިއޮސްކު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ސާމްޕަލް ނެގޭނެ ކަަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ރާއްޖެ ވެއްޓިފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެ ކުންފުނިން އެހީތެރިވާނެ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 527 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.