ބޭނުމީ އަންހެން ދަރިއެއް، ލިބުނީ ފުޓުބޯޅަ ޓީމެއް
ބޭނުމީ އަންހެން ދަރިއެއް، ލިބުނީ ފުޓުބޯޅަ ޓީމެއް

އަންހެން ދަރިއަކު ލިބޭތޯ ދަރިން ހޯދަމުން ދިޔަ ބްރެޒިލްގެ ދެމަފިރިއަކަށް މިހާތަނަށް 13 ފިރިހެން ދަރިން ލިބިއްޖެ އެވެ. ނަމަވެސް އެމީހުންގެ އަޒުމަކީ އަންހެން ދަރިއަކު ނުލިބެނީސް ދަރިން ހޯދުން ހުއްޓާ ނުލުމެވެ.

ބޭނުމީ އަންހެން ދަރިއެއް، ލިބުނީ ފުޓުބޯޅަ ޓީމެއް
ބޭނުމީ އަންހެން ދަރިއެއް، ލިބުނީ ފުޓުބޯޅަ ޓީމެއް

އަންހެންދަރިއަކު ލިބޭތޯ މި ދެމަފިރިން މަސައްކަތްކުރާތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެ އެވެ.

ބޭނުމީ އަންހެން ދަރިއެއް، ލިބުނީ ފުޓުބޯޅަ ޓީމެއް
ބޭނުމީ އަންހެން ދަރިއެއް، ލިބުނީ ފުޓުބޯޅަ ޓީމެއް

އިރިނިއު ކްރޫޒް، 40، އާއި އަންހެން ޖުސިސިލީޑާ ސިލްވާގެ އެންމެ ކުޑަ ދަރިފުޅަށް އަދި ވީ އެންމެ މަހެކެވެ. އެންމެ ދޮށީ ދަރިފުޅަށް 18 އަހަރެވެ.

ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމާ އެކު މި ދެމަފިރިން އެއްބަސްވީ ފިރިހެން ދަރިންނަށް ނަން ދޭނީ ބައްޕަ ކަމަށާއި އަންހެންކުދިންނަން ނަން ކިޔާނީ މަންމަ ކަމަށެވެ. އެހެންކަމުން މިހާތަނަށް ދަރިންނަށް ނަން ކިއުމުގެ ނަސީބު ލިބިފައި ވަނީ ހަމައެކަނި ފިރިމީހާ އިރިނިއު އަށެވެ.

އިރިނިއު އޭނާގެ ދަރިންނަށް ނަން ދީފައިވަނީ އެ ގައުމުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ނަމުންނެވެ. އަނެއްކާ ހުރިހާ ކުދިންގެ ނަން ވެސް ފެށެނީ އާރް އަކުރުންނެވެ.

ބްރެޒީލްގެ ކޮންސީ އައޮ ޑި ކޮޓްގައި ފަގީރު ހިސާބުގަނޑެއްގައި ދިރިއުޅޭ މި އާއިލާ އަށް 13 ވަނަ ކުއްޖާ އުފަންވާން ގާތްވާއިރު އެފަހަރު ލިބޭނީ އަންހެންކުއްޖެއް ކަމަށް ހިތާ ދެމަފިރިން ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް މިފަހަރުވެސް ފިރިހެން ކުއްޖެކޭ ފޫޅުމައިމީހާ ބުނުމުން ދެމަފިރިންނަށް ލިބުނީ މާޔޫސް ކަމެކެވެ.

އިރިނިއު ބުނި ގޮތުގައި އޭނާއަކީ ވެސް އެ ގައުމުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ދެކެ ވަރަށް ލޯބިވާ މީހެކެވެ. ޚާއްސަކޮށް ރިވާލްޑޯ، ރޮބާޓޯ ކާލޯސް އަދި ރޮނަލްޑީނިއޯ އާއި ރޮބީނިއޯ ފަދަ ކުޅުންތެރިންނެވެ. އަނެއްކާ އެ ގައުމުގެ ހުރިހާ މޮޅު ކުޅުންތެރިންގެ ނަން ފެށެނީ އާރް އަކުރުންކަން އޭނާ ފާހަގަކުރި އެވެ. އެހެންކަމުން ފުޓުބޯޅައިގައި ސައުތު އެމެރިކާއަށް ލިބިފައިވާ ގަދަރު އޭނާ ފާހަގަކުރަނީ އޭނާގެ ދަރިންނަށް ފުޓުބޯޅަ ކުޅުންތެރިންގެ ނަން ދީގެންނެވެ.

މި އާއިލާއަށް އެންމެ ފަހުން އުފަންވި ކުއްޖާއަށް ނަން ދިނީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯގެ ނަމުންނެވެ.

ކުޑަކުޑަ ރޮނާލްޑޯގެ އިތުރުން ދެން ތިބީ 18 އަހަރުގެ ރޮބްސަން އާއި 17 އަހަރުގެ ރެއިނަން، 15 އަހަރުގެ ރައުއަން، 14 އަހަރުގެ ރުބެންސް، 13 އަހަރުގެ ރިވާލްޑޯ، 12 އަހަރުގެ ރުއާން، 10 އަހަރުގެ ރޭމޮން، ނުވަ އަހަރުގެ ރިންކޮން، ހަތް އަހަރުގެ ރިގުލްމީ، ފަސް އަހަރުގެ ރަމިރެސް، ތިން އަހަރުގެ ރެއިލްސަން އަދި ދެ އަހަރުގެ ރަފައެލް އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޖެހިޖެހިގެން 13 ފިރިހެން ދަރިން ލިބުމަކީ 8،000 ފަހަރަކުން އެއް ފަހަރު ދިމާވާ ކަމެކެވެ. އެހެންކަމުން މި އާއިލާއަށް މިހާރު ވެސް މިވަނީ ރެކޯޑެއް ހެދިފަ އެވެ.

އިރިނިއުގެ އުންމީދަކީ އޭނާގެ 13 ފިރިހެން ދަރިންގެ ތެރެއިން އެންމެ ކުއްޖަކު ނަމަވެސް ބްރެޒީލްގެ ގައުމީ ޓީމުގައި ކުޅުމެވެ. އޭނާ ބުނި ގޮތުގައި ހުރިހާ ދަރިން ވެސް ފުޓުބޯޅައަށް ވަރަށް މޮޅެވެ. ޚާއްސަކޮށް ރޮބްސަން އާއި ރައުއަން އަކީ ވަރަށް ކުޅަދާނަ ސްޓްރައިކަރުން ކަމަށް އެކުދިންގެ ބައްޕަ ބުންޏެވެ.

"ރެއިނަން އެކަނި ތަފާތު ކުއްޖަކަށް ހުރީ. އޭނާގެ އޮންނަ ކަމަކީ އަންހެންކުދިން ފަހަތުން ދުވުން،" އިރިނިއު ބުންޏެވެ.

ކޮންމެ ހަފުތާއަކު އިރިނިއު ރެފްރީކަން ކުރާ ފުޓުބޯޅަ މެޗެއް އެ އަވަށުގައި އޮވެ އެވެ. މި މެޗުގައި އެއްކޮޅުގައި ތިބެނީ އޭނާގެ ދަރިންނެވެ. އަނެއްކޮޅުން ކުޅެނީ އަވަށުން ހޮވާލެވޭ ޓީމެކެވެ.

ޖުސިސިލީޑާ އަކީ ފުލްޓައިމް މަންމައެކެވެ. ކޮންމެ ފަހަރަކު މެންދުރު ކެއުމަކަށް އޭނާއަށް ހަނޑޫ ކިލޯ އަކާއި އެއް ކިލޯ ބީންސް އަދި އިތުރަށް ބޮޑު ޕެކެޓެއްގެ މެކަރޯނީ ކައްކަން ޖެހެ އެވެ.

ޖުސިސިލީޑާގެ ފިރިމީހާ އަކީ ދަނޑުވެރިއަކަށް ވާތީ މިހާ ގިނަ ދަރިން ތިބީމަ ބައެއް ފަހަރަށް އަތްމަތި ވަރަށް ދަތިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދަރިއަކު ބަނޑުހައިކަންމަތީ ނުހުންނާނެކަމަށް އޭނާ ބުންޏެވެ.

"އެންމެ ޕާނެއް އެކަނި ލިބޭ ދުވަސް ދުވަހު ވެސް ހުރިހާ ކުދިންނަށް އެއްވަރަށް ބަހާލާފަ ދެނީ. އަހަރެންގެ ހުރިހާ ކުދިންވެސް ވަރަށް ބަސްއަހާ. އެއްވެސް ޝަކުވާއެއް ނުކުރާނެ. އެއީ އެކުދިންގެ އެންމެ ރަނގަޅު އެއް ސިފަ،" ތޭރަ ދަރިންގެ މަންމަ ބުންޏެވެ.

ފަގީރު ހާލުގައި ބޮޑު އާއިލާއެއް ގޮވައިގެން އުޅެންޖެހުނަސް ޖުސިސިލީޑާގެ ހުވަފެނަކީ ކޮންމެވެސް ދަރިއަކަށް ނަން ކިއުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. ދެމަފިރިން ރާވާފައިވާ ގޮތުން އެކަން ވާން އޮތް ހަމައެކަނި ގޮތަކީ އެމީހުންނަށް އަންހެން ދަރިއެއް ލިބުމުންނެވެ.

"އަންހެން ދަރިފުޅަކު ލިބި އެ ކުއްޖާއަށް ކިޔާނެ ނަމެއް ހަމަޖެއްސުމަށްފަހު ދެން އޮންނާނީ ފިރިމީހާއަށް ރަތްކާޑު ދެއްކުން. އެ ދުވަހަކުން އަހަރެން ވަރަށް އުފާވާނެ،" ވިހެއުން ހުއްޓާލެވެން އޮތް ދުވަހަކަށް ނިސްބަތް ޖުސިސިލީޑާ ބުންޏެވެ.