ކަރަންޓީނުން މީހަކު ދޫކުރުމުގެ ކުރިން ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެއްޖެ
ކަރަންޓީނުން މީހަކު ދޫކުރުމުގެ ކުރިން ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއްގެ ކަރަންޓީންގެ މުއްދަތު ހަމަވުމުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުގެ ނަތީޖާ މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އަދި އެ ބައްޔާ ގުޅޭ އެހެން ހާލަތްތަކުގައި ވެސް ކަރަންޓީންގައި ބަހައްޓަނީ 14 ދުވަހަށެވެ. ކަރަންޓީނުން ދޫކޮށްލަނީ ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ޓެސްޓު ހެދުމަށް ފަހު، ނަތީޖާ ނެގެޓިވް ވުމުންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި އަށް މީހުންގެ ތެރޭގައި ހިމެނޭ އެ މީހާ އަކީ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ.

އެނގިފައިވާ ގޮތުގައި، އެ މީހާ ކަރަންޓީނަށް ގެންދިއުމަށް ފަހު، ދޫކޮށްލުމާ ހަމައަށް ކޮވިޑް-19 އަށް ޓެސްޓެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޓެސްޓް ކުރީ ކަރަންޓީންގެ މުއްދަތަށް ފަހު ދޫކޮށްލަން ވެގެންނެވެ.

މި ކޭސްއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ރަސްމީ އިދާރާތަކުން އަދިއެއް ނުލިބެ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދުގެ ހަވީރު 5:45 އާ ހަމައަށް ޕޮޒިޓިވްވީ ފަސް ދިވެއްސަކާއި ބަންގްލަދޭޝްގެ ތިން މީހެކެވެ. އޭގެ ތެރޭގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހިމެނެ އެވެ. ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 527 އެވެ.