03 މެއި 2020 - 19:38

ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ކުރަމުން އަންނަ ހުރިހާ ހަރަދުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީއާ ހިއްސާ ކުރަން އެ މިނިސްޓްރީން އަންގައިފި އެވެ.
މިއީ ކޮވިޑް-19 އާ ގުޅިގެން ހިންގާ ޕްރޮކިއުމަންޓުތަކުގައި ކޮރަޕްޝަން ކުޑަކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ނިންމި ނިންމުމެކެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ސަރުކާރުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގައި ކޮރަޕްޝަނާ ދުރުވުމަށް ޒިންމާތައް ބަހާލެވިފައި ވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މިވަގުތު ވެސް އެކި ކަންކަމާ ބެހޭ ޒިންމާތައް އެކި މީހުންނަ ހަވާލުކޮށްފައި ހުންނަން ޖެހޭނެ ކަމަށް ފިނޭންސުން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މި ބަލިމަޑުކަމާ ގުޅިގެން އިދަރާތަކުން ނިންމާ ނިމުންތަކުގެ ތަފްސީލު ލިޔެކިޔުމުން ފެންނަން ހުންނަން ޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި އެ ނިންމުމެއް ނިންމި ސަބަބާއި ނިންމުން ނިންމި މީހުންގެ ތަފްސީލު ވެސް ހިމަނަން ޖެހޭނެ އެވެ.
މިގޮތަށް ތައްޔާރު ކުރެވޭ ލިޔެކިޔުންތަކަކީ ފަހަށް ރައްކާ ކުރެވޭ އެއްޗަކަށް ވާއިރު، ހުރިހާ ހަރަދުތަކުގެ ރިޕޯޓު ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ. މިކަން ގަވާއިދުން ކުރަމުން އަންނަ ކަން އެ އިދާރާއެއްގެ ފައިނޭންސް އެގްޒެކެޓިވް ކަށަވަރު ކުރަން ޖެހެ އެވެ.
މީގެ އިތުރުން މި ހާލަތުގައި އިމަޖެންސީކޮށް މަސައްކަތްތައް ހަވާލު ކުރާއިރު ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރަން ފިނޭންސް މިނިސްޓްރީން ވަނީ އަނގައިފަ އެވެ. އެގޮތުން އެ މަސައްކަތް ހަވާލު ކުރެވޭ ބަޔަކީ އެ މަސައްކަތުގެ މަގުސަދު ހާސިލް ކުރެވޭނެ ބަޔަކަށް ވާން ޖެހޭނެ އެވެ. އަދި މަސައްކަތް ހަވާލު ކުރާއިރު ރައްޔިތުންނާއި ދައުލަތުގެ މާލިއްޔަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް މަސައްކަތް ހަވާލު ކުރުމަށް ވެސް ފިނޭންސުން ވަނީ އަންގައިފަ އެވެ.
މިގޮތަށް މަސައްކަތްތައް ހަވާލު ކުރުމަށް ފަހު، އެ މަސައްކަތް ހަވާލު ކުރި ބައެއްގެ ތަފްސީލު އާއްމުންނަށް ފެންނާނެހެން އެ އިދާރާއެއްގެ ވެބްސައިުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެ އެވެ. އޭގެ ތެރޭގައި ބީލަން ހަވާލު ކުރެވުނު ތާރީހާއި، ބީލަމުގެ ކުރު ހުލާސާއަކާއި ބީލަމުގެ އަގާއި މުއްދަތު ވެސް ހިމަނަން ޖެހެ އެވެ.