16 އޮކްޓޯބަރ 2016 - 06:16

ކަރަން ޖޯހަރްގެ އާ ފިލްމު "އޭ ދިލް ހެ މުޝްކިލް" އަށް ގިނަ މައްސަލަތަކެއް ދިމާވަމުން އައިސް ފިލްމު ރިލީޒްކުރަން ދެ ހަފުތާ އަށް ވުރެ މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އިންޑިއާގެ އެންމެ ބޮޑު ހަތަރު ސްޓޭޓްގައި ސިނަމާތައް ހިންގާ ފަރާތްތަކުން އެ ފިލްމު އެ މީހުންގެ ސިނަމާތަކުގައި ރިލީޒްކުރުން ވަނީ މަނާކޮށްފަ އެވެ.
"ސިނެމާ އޯނާޒް އެންޑް އެގްޒިބިޓާސް އެސޯސިއޭޝަން އޮފް އިންޑިޔާ (ސީއޯއީއޭއައި) ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނު އާޓިސްޓުން އުޅޭ އެއްވެސް ފިލްމެއް އެމީހުންގެ ޒިންމާގެ ދަށުގައިވާ އެއްވެސް ސިނަމާއަކުން އެޅުވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ނަމަވެސް މި މަނާކުރުމާ ބެހޭ ގޮތުން ފިލްމް އެގްޒިބިޓަރެއް ކަމަށްވާ އަކްޝޭ ރާޓީ ބުނީ ސީއޯއީއޭއައި އަކީ މުޅި އިންޑިއާ ތަމްސީލުކުރާ އެސޯސިއޭޝަނެއް ނޫން ކަމަށެވެ. އެއީ ނާސިކް އާއި ޕޫނޭ އަދި ބޮމްބޭގެ ބައެއް ހިސާބުތަކުގައި ހުރި ވަކިވަކި ސިނަމާތަކާ ގުޅުންހުރި އެސޯސިއޭޝަނެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި ސީއޯއީއޭއައި އަށް ފިލްމެއް ސިނަމާތަކުގައި އެޅުވުން މަނައެއް ނުކުރެވޭނެ އެވެ. އެކަން ކުރެވޭނީ ސެންޓްރަލް ބޯޑު އޮފް ފިލްމު ސަޓީފިކޭޝަން (ސީބީއެފްސީ) އާއި ކޯޓުތަކަށެވެ. އެހެންކަމުން މި ދެ ފަރާތުގެ މައްސަލައެއް ނެތް ނަމަ ފިލްމު މަނާކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.
އަކްޝޭ ރާޓީ އިތުރަށް ބުނި ގޮތުގައި މަލްޓިޕްލެކްސް ސިނަމާތަކެއް ހުންނަ އެއްވެސް ތަނަކުން ފިލްމު އަޅުވާ ނުދޭނެކަމަކަށް ބުނެފައެއް ނުވެ އެވެ. އަދި ސީއޯއީއޭއައި އިން ނެރުނު ބަޔާނުގައި ފިލްމު ރިލީޒްނުކުރަން އެދޭ ކަމަށާއި އަޅުވައިގެން ނުވާނެކަމަށް ބުނެ އަމުރުކޮށްފައި ނުވާކަމަށް ވެސް އަކްޝޭ ރާޓީ ބުނެފައިވެ އެވެ.
ނަމަވެސް ފިލްމު އަޅުވައިފި ނަމަ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން އެ ތަންތަނަށް ގެއްލުން ދިނުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އޭނާ ވެސް އެއްބަސްވި އެވެ.
"އޭ ދިލް ހެ މުޝްކިލް"ގެ ޕްރޮޑިއުސަރުން ކަމަށްވާ ދަރްމާ ޕްރޮޑަކްޝަން އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ ހާލަތެއްގައި ވެސް، ފިލްމު ރިލީޒްކުރަން ހަމަޖައްސާފައިވާ އޮކްޓޯބަރު 28 ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެ ކަމަށެވެ.
އަދި ދަރްމާ ޕްރޮޑަކްޝަންގެ މި ނިންމުމަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ސަޕޯޓްކޮށް ޓުވީޓްކޮށްފައިވެ އެވެ. އަދި ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ އިން ވެސް މި ފިލްމު ރިލީޒްކުރުމަށް ތާއީދުކޮށްފައިވެ އެވެ.
އެ އެސޯސިއޭޝަނުން ވަނީ މިފިލްމު ރިލީޒްކުރުމަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި "އޭ ދިލް ހެ މުޝްކިލް" އެކަށީގެންވާ ގިނަ ސިނަމާތަކެއްގައި ރިލީޒްކުރެވޭ ގޮތް ނުވެއްޖެ ނަމަ ފިލްމު އުފެއްދި ދަރްމާ ޕްރޮޑަކްޝަނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ އެވެ. ފިލްމު އުފެއްދުމަށް އެކަނިވެސް 50 ކްރޯޑު (500 މިލިއަން ރުޕީޒް) ޚަރަދުވެފައިވާއިރު ފުދޭ ވަރަކަށް ސިނަމާތަކަށް ފިލްމު ބަލަން މީހުން ވަދެގެން ނޫނީ ޚަރަދު ވެސް ސަލާމަތް ނުކުރެވޭނެ އެވެ.
ފިލްމު ސެންސަރުކޮށް ނިމިފައިވާ ކަމަށާއި ފިލްމުން އައިޝްވަރިޔާ އާއި ރަންބީރު ކަޕޫރުގެ ގައިގޯޅި މަންޒަރުތަކެއް ކަނޑާލި ކަމަށް ދެކެވޭ ވާހަކަތައް ވެސް ދަރްމާ ޕްރޮޑަކްޝަނުން ވަނީ ދޮގުކޮށްފަ އެވެ. އެ ތަނުން ބުނެފައިވަނީ ފިލްމު އަދި އޮތީ ސެންސަރުކުރުމުގެ މަރުހަލާގައި ކަމަށެވެ.